ރާއްޖޭގެ ފިނިހޫނުމިނާއި ދަނޑުގެ ހާލަތުން ޓީމަށް އަސަރެއް ނުކުރާނެ: ޗައިނާ ކޯޗު

ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ --- ސަން ފޮޓޯ

ވޯލްޑްކަޕް ކޮލިފައިންގައި މާދަމާ ރާއްޖޭގައި ކުޅޭ މެޗު އޮންނަ ދަނޑާއި، ރާއްޖޭގެ ފިނިހޫނުމިނަކީ ދިމާވާނެ އުނދަގުލެއް ނޫން ކަމަށާއި މެޗުން ބޭނުންވަނީ ކޮންމެ ގޮތަކަށް މޮޅުވެގެންވެސް ތިން ޕޮއިންޓް ކަމަށް ޗައިނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ލިއްޕީ ބުނީ މެޗަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރާއްޖެ އައުމުގެ ކުރިން ޗައިނާގައި ވެސް ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަ އިރު ހިތްހަމަޖެހޭ ވަރަށް ޓީމުގެ ތަމްރީންތައް ގެންދެވުނު ކަމަށެވެ.

ނަމަވެސް ޗައިނާގެ ޗެމްޕިއަންސް ލީގު މި ދުވަސްކޮޅު ކުރިއަށްދިއުމާ ގުޅިގެން ޓީމުގައި ހިމެނޭ އެކި އެކި ކުޅުންތެރިންނަށް ކުލަބުތަކުން ރިލީޒް ހޯދުމަށްފަހު ގައުމީ ޓީމާއެކު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ލިބުނު ވަގުތުކޮޅު ކުޑަކަން ކޯޗު ފާހަގަކުރިއެވެ. އެހެން ނަމަވެސް މި ވީ ހަފްތާއެއް ދެހަފްތާގެ ތެރޭގައި ޓީމު ރަނގަޅަށް ތައްޔާރުވުމުން ހިތްހަމަޖެހޭކަމަށް ކޯޗު ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާރޓާއި ޗައިނާގެ ކޯޗު މާސެލީ ލިޕީ --- ސަން ފޮޓޯ// އަބްދުﷲ އައިމަން

މީގެ އިތުރުން މާދަމާ މެޗަށް ނުކުންނަ އިރު ކުޅޭ ދަނޑާއި ރާއްޖޭގެ ފިނިހޫނު މިނަކީ ޓީމަށް އަސަރުކުރާނެ ކަމެއް ނޫންކަމަށާއި މެޗުން ބޭނުންވަނީ ހަމައެކަނި މޮޅެއް ކަމަށް ކޯޗު ބުންޏެވެ.

"ތިން ޕޮއިންޓް ހޯދައި ކޮލިފައިންގެ ދެން އޮތް ބުރަށް ދަތުރުކުރުމަކީ ޓީމުގެ އެންމެ ބޮޑު އަމާޒު. އެހެންވީމާ މާދަމާގެ މެޗަކީ ޓީމަށް ވަރަށް މުހިންމު މެޗެއް،" ލިއްޕީ ބުންޏެވެ.

އަދި ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން އަކީ މިހާރު ޗައިނާގެ ރައްޔިތުކަން ލިބިފައިވާ އެގައުމުގެ ކުޅުންތެރިއެއްކަން ލިއްޕީ ވަނީ ފާހަގަ ކޮށްފައެވެ.

ލިއްޕީ ޗައިނާގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ގަތަރާއި އެއްވަރުކޮށްފައިވާ އިރު އޭގެ ފަހުން ޗައިނާ ކުޅުނު ބޮޑެތި މެޗުތަކަކުން ވަނީ މޮޅު ކޮށްދީފައެވެ. ނަމަވެސް މިއަހަރު ކުރީ ކޮޅު ޗައިނާގެ ފުޓުބޯޅަ އިދާރާއަށް ހުށައެޅުނު ގޭމްބްލިންގެ މައްސަލަތަކެއްގެ ސަބަބުން ލިއްޕީގެ ބަދަލުގައި އޭނާ ކުރިން ކޯޗުކޮށްދިން ފެބިއޯ ކަނަވާރޯއަށް ވަނީ ޗައިނާގެ ކޯޗުކަން ހަވާލުކޮށްފައެވެ.

ނަމަވެސް ކަނަވާރޯ ހަވާލުވުމަށްފަހު ކުޅުނު ދެ މެޗުން ވެސް ޗައިނާ ބަލިވި އެވެ. ފުރަތަމަ މެޗުގައި ތައިލަންޑް އަތުން 0-1 އިން ބަލިވި އިރު ދެވަނަ މެޗުން ވެސް އުޒެބެކިސްތާން އަތުން ހަމަ އެ ނަތީޖާއިން ވަނީ ބަލިވެފައެވެ.

ޖައްސަ ޖައްސައިގެން ލިބުނު ދެ ބައްޔާ އެކު ކަނަވާރޯ ކޯޗު ކަމުން އިސްތިއުފާ ދިނުމުން އަލުން އަނބުރާ ލިއްޕީއަށް ކޯޗުކަން ވަނީ ހަވާލުކޮށްފަ އެވެ. އޭނާ ކޯޗު ކަމާއި އަލުން އަނބުރާ ހަވާލުވީ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެއީ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗާއި ވޯލްޑް ކަޕް ކޮލިފައިންގައި ތަޖިިކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ.

comment ކޮމެންޓް