ރާއްޖެއާ ދެކޮޅަށް ކުޅޭ ޗައިނާ ޓީމުގެ ފެންވަރަކީ ކޮބާ؟

ޗައިނާގެ ގައުމީ ފުޓުބޯޅަ ޓީމު ---

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗަކީ އެ ދަނޑުގެ ތާރީހުގައި ވެސް ރާއްޖޭގެ ގައުމީ ޓީމް ކުޅޭނެ އެންމެ ވަރުގަދަ އެއް މެޗެވެ. ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުންގެ އެހީތެރިކަމާ އެކު ދޮންވެ ފައްކާވެފައި އޮތް ޗައިނާގެ ވަރުގަދަ ޓީމާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު އެ ޓީމުގެ ފެންވަރަކީ ކޮބައިކަން އިނގެން އެބަ ޖެހެއެވެ.

ޗައިނާއަކީ ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެ ގައުމުން ފުރަތަމަ ފުޓުބޯޅަ ފެޑެރޭޝަނެއް ގާއިމުކުރީ 1924 ވަނަ އަހަރުއެވެ. އެއަށްފަހު އެ ކުޅިވަރުގެ ފޯރި ގައުމުގައި އިސާހިތަކު ހިފައިގެން ދިޔަ އިރު ފުޓުބޯޅައިގެ މައި އިދާރާ "ފީފާ"ގެ މެމްބަރަކަށް 1931ގައި ޗައިނާ ވެގެން ދިޔައެވެ.

ނަމަވެސް އެ ގައުމުގައި ހިނގި ބޮޑު ދާޙިލީ ހަނގުރާމައިގެ ސަބަބުން 1958 ވަނަ އަހަރު އެ ގައުމަށް ފީފާގެ މެންބަރުކަން ގެއްލުނެވެ. އަލުން އުފެދިގެން އައި ރައްޔިތުންގެ ދައުލަތާއެކު ފުޓުބޯޅަ ކުރިއަރުވަން ކުރި މަސައްކަތުން އެ ގައުމަށް 1979 ގައި އަލުން އަނބުރާ ފީފާގެ މެމްބަރުކަން ލިބުމުން ފުޓުބޯޅައަށް ބޮޑު އިސްކަމެއް ދޭން ފެށިއެވެ.

ޗައިނާގެ 1936 ވަނަ އަހަރުގެ ގައުމީ ޓީމް ---

އެގޮތުން އޭޝިއާ ބައްރުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕު 1984 ގައި ޗައިނާއިން ވަނީ ހޯދައި އެގައުމަކީ ފުޓުބޯޅައިގެ ރޮނގުން ކުރިއެރޭނެ ގައުމެއްކަން ސާބިތު ކޮށްދީފައެވެ.

އެއަަށްފަހުން އައިސް 2002 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަކީ އެގައުމުގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެ މުބާރާތުގައި އެއްވެސް ގޯލެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ނިންމާލަން ޖެހުނު ނަމަވެސް ޓީމު އަނބުރާ ގައުމަށް އައީ އުފަލުންނެވެ.

ޗައިނާއިން ވަނީ އޭގެ ފަހުން 2004 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕާއި 2005 އަދި 2010 ގެ "އީއޭއެފް" އޭއެފްސީ އީސްޓް އޭޝިއަން ކަޕު ކާމިޔާބު ކޮށްފައެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ 71 ވަނައިގައި ޗައިނާ އޮތް އިރު އެ ގައުމަކީ އެއް އިރެއްގައި ދުނިޔޭގެ ރޭންކިންގްގެ 37 ވަނައިގައި ވެސް އޮތް ގައުމެކެވެ. 1998 ވަނަ އަހަރު އެ ގައުމުން ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތްތައް ގިރާކުރަމުން ދިޔަ ދިޔުން މަޑުމަޑުން ބަދަލުވަމުން އައީ ގައުމުގައި ފުޓުބޯޅައިގެ ފޯރި ކެނޑި އެހެން ކުޅިވަރުތަކަށް ދޭން ފެށި އިސްކަމެއްގެ ސަބަބުންނެވެ. އަދި އެ ބަދަލުތަކާ އެކު 2013 ވަނަ އަހަރާއި ހަމަވި އިރު އެގައުމު އޮތީ 109 ވަނައިގައެވެ.

ފުޓުބޯޅަ އަލުން އަނބުރާ ޗައިނާގައި ފޯރި ހިއްޕާލަން ފުޓުބޯޅަ އެސޯސިއޭޝަނާއި ބޮޑެތި ވިޔަފާރިވެރިން އެއާއެކު ފެށި މަސައްކަތުން އަނެއްކާވެސް އެގައުމުން އަންނަނީ ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. އެގައުމުގައި މިވަގުތު އޮތް އެންމެ ބޮޑު ލީގު ކަމަށްވާ ސުޕަ ލީގަކީ ދުނިޔޭގައި ވެސް އެންމެ އަގުބޮޑު އެއް ލީގަށް ވާއިރު ޔޫރަޕުގައި ކުޅޭ މަޝްހޫރު އެތައް ކުޅުންތެރިންނާއި ކޯޗުންނެއް ވެސް އަންނަނީ އެގައުމުގެ ފުޓުބޯޅަ ލީގަށް ބަދަލުވަމުންނެވެ.

އެގޮތުން ޗައިނާއިން މިވަގުތު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި އިޓަލީގެ މަޝްހޫރު ކޯޗު މާސެލޯ ލިއްޕީ އެ މަގާމުގައި ހުރުމުން ޗައިނާގެ ފުޓުބޯޅަ ކުރިއަރާފައިވާ މިންވަރު ދޭހަވެއެވެ. އިޓަލީއަށް 2006 ގެ ވޯލްޑްކަޕް އަދި ޔުވެންޓަސްއަށް 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައިވާ ލިއްޕީ ވެގެންދާނީ މިހާތަނަށް ގަލޮޅު ދަނޑުން ފެންނާނެވެސް އެންމެ މޮޅު ޓެކްނީޝިއަން އަށެވެ.

ޗައިނާ ޓީމުގެ ހެޑް ކޯޗް މާސެލޯ ލިއްޕީ

ލިއްޕީ ޗައިނާގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ގަތަރާއި އެއްވަރުކޮށްފައިވާ އިރު އޭގެ ފަހުން ޗައިނާ ކުޅުނު ބޮޑެތި މެޗުތަކަކުން ވަނީ މޮޅު ކޮށްދީފައެވެ. ނަމަވެސް މިއަހަރު ކުރީކޮޅު ޗައިނާގެ ފުޓުބޯޅަ އިދާރާއަށް ހުށައެޅުނު ގޭމްބްލިންގެ މައްސަލަތަކެއްގެ ސަބަބުން ލިއްޕީގެ ބަދަލުގައި އޭނާ ކުރިން ކޯޗުކޮށްދިން ފެބިއޯ ކަނަވާރޯއަށް ވަނީ ޗައިނާގެ ކޯޗުކަން ހަވާލުކޮށްފައެވެ.

ނަމަވެސް ކަނަވާރޯ ހަވާލުވުމަށްފަހު ކުޅުނު ދެ މެޗުންވެސް ޗައިނާ ބަލިވިއެވެ. ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 0-1 އިން ބަލިވި އިރު ދެވަނަ މެޗުން ވެސް އުޒްބެކިސްތާން އަތުން ހަމަ އެ ނަތީޖާއިން ވަނީ ބަލިވެފައެވެ.

ޖައްސަ ޖައްސައިގެން ލިބުނު ދެ ބައްޔާ އެކު ކަނަވާރޯ ކޯޗު ކަމުން އިސްތިއުފާ ދިނުމުން އަލުން އަނބުރާ ލިއްޕީއަށް ކޯޗުކަން ވަނީ ހަވާލުކޮށްފައެވެ. އޭނާ ކޯޗު ކަމާއި އަލުން އަނބުރާ ހަވާލުވީ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗާއި ވޯލްޑްކަޕް ކޮލިފައިންގައި ތަޖިިކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ.

ޗައިނާ ސްކޮޑުގެ ފާހަގަ ކޮށްލެވޭ ކުޅުންތެރިން:

ޗައިނާ - ރާއްޖެ މެޗަށް ނެގި ސްކޮޑުގައި ހެމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ އުމުރުން 39 އަހަރުގެ މިޑްފީލްޑަރު ޖެންގް ޖިންއެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 108 މެޗު ކުޅެދިން އިރު 15 ގޯލުވެސް ވަނީ ޖަހައިފައެވެ.

މިވަގުތު އޮތް ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިއަކީ އުމުރުން 19 އަހަރުގެ ޖޫ ޗެންޖީއެވެ. ޓީމުގެ ފަހަތަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ މިހާތަނަށް ވަނީ ގައުމީ ޓީމަށް ދެ މެޗު ކުޅެދީފަ އެވެ. އޭނާއާ ޖެހިގެން ދެން އެންމެ ޒުވާން ކުޅުންތެރިޔަކީ އުމުރުން 22 އަހަރުގެ ފޯވާޑް ޔަން ލީޔްއެވެ. އޭނާ ވެސް ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފައިވެއެވެ.

ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނައިން ގޯލު ޖަހައިދީފައި ވަނީ 31 އަހަރުގެ ޔެންގް ޒޫއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 50 މެޗު ކުޅެދީ 23 ގޯލު ޖަހައިފައެވެ.

ޗައިނާ ގައުމީ ޓީމުގައި ހިމެނޭ އެއް ކުޅުންތެރިޔަކު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަކީ ވެސް ޗައިނީސް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ގައުމުން ބޭރު ލީގެއްގައި ކުޅޭ ހަމައެކަނި ކުޅުންތެރިޔަކީ ސްޕެއިންގެ އެސްޕަންޔޯލަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ވޫ ލީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 63 މެޗު ކުޅެދީ 15 ގޯލު ޖަހައިފައެވެ.

ޗައިނާ ޓީމުގައި ހިމެނޭ ހަމައެކަނި ބޭރު ލީގަކަށް ކުޅޭ ކުޅުންތެރިޔާ

މީގެ އިތުރުން ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވެ އެ ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަންވެސް ސްކޮޑުގައި ހިމެނެއެވެ.

ރާއްޖެ މެޗަކީ އޭނާ ޗައިނާގެ ޖާޒީގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންގެ ލޯ އަމާޒުވެފައިވާ ޗައިނީސް ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ޗައިނާ ޓީމުގައި ހިމެނެއެވެ.

ޗައިނާއިން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅުނީ 2001 ވަނަ އަހަރު އެވެ. އެ ފަހަރު ޗައިނާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ.

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ރާއްޖެ ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމާއި ގުޅިގެން ވިނަގަނޑަށް ގެއްލުން ލިބުމުން އެފަހަރު ރާއްޖޭގައި ކުޅެން އޮތް މެޗު ވެސް ކުޅުނީ ޗައިނާގައެވެ. ޗައިނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު 3-0 އިން މޮޅުވި އިރު ދެ ވަނަ މެޗުގައި އެޓީމުން ރާއްޖެ ބަލިކުރީ 4-0 އިންނެވެ.

comment ކޮމެންޓް