ޝާހީ އާއިލާގެ ބޭފުޅަކު ފުރަތަމަ ފަހަރަށް ސައޫދީ ތެލާބެހޭ ވަޒީރުކަމަށް

ސައޫދީ ތެލާބެހެ އައު ވަޒީރު އަބްދުލްއަޒީޒް ބިން ސަލްމާން ބިން އަބްދުލްއަޒީޒް

ރިޔާޒް (ސެޕެޓެމްބަރު 9) : ސައޫދީ އަރަބިޔާގެ ތެލާބެހޭ ވަޒީރު ޚާލިދު އަލްފާލިހު މަގާމުން ދުރުކޮށް އެ މަގާމަށް ޢަބްދުލްއަޒީޒް ބިން ސަލްމާން ބިން އަބްދުލްއަޒީޒް އައްޔަންކޮށްފިއެވެ.

އަބްދުލްއަޒީޒް ބިން ސަލްމާންއަކީ ސައޫދީ އަރަބިޔާގެ ކިންގް ފަހްދު ޔުނިވަސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްއިން ހަކަތައިގެ ދާއިރާގައި މަތީ ތައުލީމު ހާސިލުކުރައްވައި އެ ދާއިރާގައި ދިގުމުއްދަތެއްވަންދެން މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ފަހުދު ރަސްގެފާނުގެ ވެރިކަމުގައި 1985 ވަނަ އަހަރު، އަބްދުލްއަޒީޒް އެންމެ ފުރަތަމަ އައްޔަނުކޮށްފައި ވަނީ އެ ދުވަސްވަރު ސައުދީ ތެލާބެހޭ ވަޒީރަކަށް ހުންނެވި އަހަމްދު ޒަކީ އަލްޔަމާނީގެ މުސްތަޝާރަކަށެވެ. އެއަށްފަހު 1995 ވަނަ އަހަރު ސައުދީ ތެލާބެހޭ އޭރުގެ ވަޒީރު ހިޝާމުއްނާޒިރުގެ ނާއިބަކަށް އޭނާ އައްޔަން ކުރެއްވިއެވެ. އަދި 2017 އަހަރު އަބްދުލްއަޒީޒް ވަނީ އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.

އަބްދުލްއަޒީޒް ބިން ސަލްމާންއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. އަދި ވަލީއަހުދު ޕްރިންސް މުހައްމަދުގެ ބޭބެއެވެ. ސައުދީ އަރަބިއްޔާގެ އެންމެ ބާރުގަދަ އެއް މިނިސްޓްރީ ކަމުގައިވާ ތެލާބެހޭ މިނިސްޓްރީގެ މިނިސްޓަރުކަމަށް ޝާހީ އާއިލާގެ ބޭފުޅަކު އައްޔަންކުރި މިއީ ފުރަތަމަ ފަހަރެވެ.

މިމަގާމަށް މިހާތަނަށް އައްޔަންކޮށްފައިވަނީ މުޅިންވެސް ޝާހީ އާއިލާއިން ބޭރު ޓެކްނޮކްރޭޓުންނެވެ. ނަމަވެސް އިއްޔެ މިމަގާމަށް އަޒީޒު އައްޔަނުކުރުމަކީ ސައުދީގެ ގައުމީ ތެޔޮ ކުންފުނި "ސައުދީ އަރާމްކޯ"ގެ ހިއްސާ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ވިއްކަން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އެގައުމުގެ ވަލީއަހުދުގެ ކޮންޓްރޯލުގެ ދަށުން އެކަން ކުރުމަށް، ވަލީއަހުދުގެ ނުފޫޒުގައި ރަސްގެފާނު ނިންމެވި ނިންމުމެއް ކަމަށް އޮބްޒާވަރުން ސިފަކުރެއެވެ.

މަގާމުން ދުރުކުރި ސައޫދީ ތެލާބެހޭ ވަޒީރު ޚާލިދު އަލްފާލިހުގެ ވަޒީރުކަމުގައި "ސައޫދީ އަރާމްކޯ" ގެ ހިއްސާ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ވިއްކުމުގެ ކަންތައް ކުރިޔަށްގެންދަން އެކަށީގެންވާ މަސައްކަތް ކުރައްވާފައިނުވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. މިއާއެކު އަރާމްކޯ ކުންފުނީގެ ބޯޑުގެ މެންބަރުކަމުންވެސް ޚާލިދު އަލްފާލިހު ވަނީ ދުރުކޮށްފައެވެ.

"ސައޫދީ އަރާމްކޯ" ގެ ހިއްސާ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ވިއްކަން މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ސިޔާސަތަށް ސައޫދީ ބައެއް ތަޖްރިބާކާރުން ނުސީދާ ގޮތެއްގައި ދެކޮޅު ހައްދަވައެވެ. ނަމަވެސް ފާޅުގައި ދެކޮޅު ހަދަން ނުކެރެނީ އެކަމުގެ ސަބަބުން ފުރާނައަށް ނުރައްވާފަދަ ކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮންނާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

އަރާމްކޯގެ ހިއްސާ ވިއްކުމުގެ މައިގަނޑު ބޭނުމަކީ ސައުދީ އަރަބިޔާގައި އިއްލާންކޮށްފައިވާ ސައޫދީ ވިޝަން 2030ގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. އަރާމްކޯގެ މާކެޓް އަގަކީ އެއް ޓްރިލިޔަން ޑޮލަރުކަމަށް ސައޫދީން ލަފާކުރާއިރު ކަމާބެހޭ ތަޖުރިބާކާރުން ބުނަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ އަގު 700 ބިލިޔަން ޑޮލަރަށްވުރެ މަތި ނުވާނެ ކަމުގައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް