ރާއްޖެ-ޗައިނާ މެޗް: ފަސް ގަޑިއިރު ތެރޭ ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެ

ގައުމީ ޓީމާއި ގޯލްޑް ޓީމު ކުޅުނުމެޗަށް ފަހު ކުޅުންތެރީން ސަޕޯޓަރުންނާ ސަލާމްކުރަނީ. ފަލަސްތީނު މެޗުގައި ވެސް ދިވެހި ޓީމު ބޭނުންވަނީ ރަތާއި ފެއްސާ ހުދުގެ ސަޕޯޓެއް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު މާލޭގައި ޗައިނާ އާއި ރާއްޖެ ކުޅޭ ފުޓްބޯޅަ މެޗުގެ ޓިކެޓު ވިއްކަން ފެށިތާ ފަސް ގަޑިއިރު ތެރޭ ހުރިހާ ޓިކެޓެއް އެކީ ވިކި ހުސްވެފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މެޗުގެ ޓިކެޓު ވިއްކަން ފެށީ މިއަދު ހަވީރު 4:30 ގައެވެ. ޓިކެޓު ވިއްކަން ފެށުމާއެކު ގިނަ ބަޔަކު ކިޔޫގައި ޖެހިގެން ޓިކެޓު ގަތުމަށް ގަލޮޅު ދަނޑުގެ މަޖީދީ މަގާވީ ފަޅީގައި ކިޔޫ ޖެއްސި އެވެ.

އެފްއޭއެމްގެ ޓިކެޓިންއާ ބެހޭ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަގީލް "ސަން"އަށް މިރޭ ވިދާޅުވީ، އެފްއޭއެމް އިން ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެއްސި 3،500 އެއްހާ ޓިކެޓު މިރޭ، 9:30 ހާއިރު މުޅިން ވިކި ހުސްވެފައިވާ ކަމަށެވެ.

https://sun.mv/124067

އަގީލް ވިދާޅުވީ އުސޫލެއްގެ ދަށުން ޗައިނާއަށް ދޫކުރަން ޖެހޭ ޓިކެޓުތައް ނެގުމަށްފަހު ދިވެހިންނަށް ވިއްކާލަން ހުޅުވާލީ ޖުމްލަ 3،500 އެއްހާ ޓިކެޓެވެ.

އަށް ހާސް މީހުންގެ ޖާގައިގެ ދަނޑަށް މިފަހަރު 3400 ޓިކެޓު ދޫކުރަނީ ދަނޑުގެ ސަހަރާއާ ވީ ސިޑިބަރިއާއި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސަލާމަތީ ސަބަބުތަކަށްޓަކައި ބޭނުން ކުރުން މަނާ ކޮށްފައި ވުމުންނެވެ.

"ހާލަތު ހުރިގޮތުން ދެ ސިޑިބަރި ބަންދު ކުރަން ޖެހުމުން ދަނޑުގެ ބޮޑުބައި މިއޮތީ ބަންދު ކުރަން ޖެހިފައި. އަސްލު ވިއްކާ ގޮތަށް ހަމަޖެހުނީ 3،400 ޓިކެޓު. އެކަމު ވެސް އެކި ގޮތްތައް ބަލައިގެން 3،500 އެއްހާ ޓިކެޓު މިހާރު ވަނީ ހުސްވެފައި،" އަގީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިން ރޭވިފައި އޮތް ގޮތުން މިއަދު ޓިކެޓު ނުވިކިއްޖެ ނަމަ މެޗު އޮންނަ ދުވަހު ވެސް ޓިކެޓު ވިއްކާނެ އެވެ.

"ކުރިން އެހެން ރޭވިފައި އޮތް ނަމަވެސް ޓިކެޓުތައް އެއްކޮށް ހުސްވެފައިވާތީ މެޗު އޮންނަ ދުވަހު ޓިކެޓެއް ނުވިއްކާނެ." އަގީލް ވިދާޅުވި އެވެ.

މިއަދަކީ މާލެއަށް ވިއްސާރަ ދުވަހެއް ކަމުން ޓިކެޓު ނަގަން ގޮސް ތިބި ގިނަ ބަޔަކު ތިބީ ވާރެޔާ ތެމިގެންނެވެ. ގައުމީ ޖޯޝުން ފުރިގެންވާ ދިވެހީން އެ މެޗު ބެލުމަށް ބޭނުންވެފައިވާ މިންވަރު މިކަމުން ވަނީ ހާމަ ވެފަ އެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8:00 ގަ އެވެ.

comment ކޮމެންޓް