ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ: ލިޔަން ކިޔަން ދަންނަ މީހުން އިތުރުވި ސަބަބެއް

ހޮޅުދޫ އަބްދުﷲ --

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ރާއްޖޭގައި ލިޔަން ކިޔަން ދަސްކޮށްދިނުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައި ވަނީ 1980 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އިއުލާނުކުރެވުނު އަސާސީ ތައުލީމުގެ ޕްރޮގްރާމުންނެވެ. އޭގެ ކުރިން ރާއްޖޭގައި ލިޔަން ކިޔަން ނުދަންނަ މީހުން ގިނަ އެވެ.

އަސާސީ ތައުލީމުގެ ޕްރޮގްރާމު އިއުލާނު ކުރި އިރު، ލިޔަން ކިޔަން ނުދަންނަ މީހުންގެ އަދަދު އުޅެނީ 19000 އަށް ވުރެ މަތީގަ އެވެ. ނަމަވެސް މަޝްރޫއު ކުރިއަށް ގެންދިޔަ ފުރަތަމަ 10 އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 1400 މީހުންނަށް ދަށް ކުރެވުނެވެ.

މިއަދު ރާއްޖެއަކީ މި ސަރަހައްދުގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ ގައުމެވެ. ރާއްޖޭގެ ލިޔަން ކިޔަން ދަންނަ ނިސްބަތް 98.4 ޕަސެންޓުގައި އުޅޭއިރު، މިއީ އަސާސީ ތައުލީމު ޕްރޮގްރާމުގެ ސަބަބުން ހޯދުނު ކާމިޔާބެކެވެ.

މި ޕްރޮގްރާމު ވަރަށް ބޮޑަށް ކާމިޔާބުވެ، އޭގެ ސަބަބުން ތައުލީމުގެ މުހިންމުކަން ދިވެހިންނަށް އިހްސާސް ކުރެވިގެން ދިޔަ އެވެ. އަދި މުޅި ރާއްޖެއަށް ތައުލީމު ފުޅާވެގެން ދިޔަ އެވެ.

މި ޕްރޮގްރާމް ފެށީ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ރައީސް މައުމޫން ގަބޫލުކުރައްވާ ގޮތުގައި، އަސާސީ ތައުލީމު ޕްރޮގްރާމް މިހާ ކާމިޔާބުވުމުގައި، މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުالله ހަސަންގެ ރަން އަޑުން ކިޔައިދެއްވި ލަވަ، "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ" ގެ ދައުރު ބޮޑެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ހޮޅުދޫ އަބްދުالله އަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

"އަސާސީ ތައުލީމުގެ ޕްރޮގްރާމް ކާމިޔާބު ވުމުގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ އފ. ހޮޅުދޫ އަބްދުالله ކިޔައިދެއްވި ލަވަ ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ ގެ ވަރަށް ބޮޑު ހިއްސާއެއް ވާތީ އެމަނިކުފާނަށް މިއަދުގެ މުނާސަބަތުގައި ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.

އަދި ދެކުނު އޭޝިއާގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ ބޮޑު ގައުމަކީ ރާއްޖެކަމަށް ވާތީ، އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ކޮންމެ އަކަސް ދިވެހިރާއްޖޭގައި ތައުލީމީ ރޮނގުން މިއަދު ހޯދާފައިވާ ކުރިއެރުންތަކުގައި ރައީސް މައުމޫންގެ ދައުރު ބޮޑެވެ. އަދިި "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ" އަޑު އިވި، އެތައް ބަޔަކަށް އިލްމު އުނގެނުމަށް ހިތްވަރު ލިބި، އެމީހުންނަށް ފިލާވަޅު ނަގައިދިނުމަށް އެންގުމަކީ އެ ލަވައަށް ހުރިހާ ދިވެހިން ޝުކުރު އަދާކުރަންޖެހޭ ސަބަބެކެވެ.

ހަމަގައިމުވެސް ހޮޅުދޫ އަބްދުﷲގެ "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ" އަކީ ހަމައެކަނި ލަވައެއް ނޫނެވެ. އެއީ އެތައް ދިވެހިންގެ ހިތުގައި އިލްމު އުނގެނުމަށް ޝައުގު އުފައްދާ، ރައީސް މައުމޫންގެ ތައުލީމީ ސިޔާސަތުގެ ދަންމަރު ނިވިގެން ނުގޮސް ހިފެހެއްޓި ހަކަތަ ކަމުގައި ބުނެވިދާނެ އެވެ.

comment ކޮމެންޓް