މާލޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ހަކުރާއި ތެޔޮ

ދިވެހި ޒުވާނުންތަކެއް: ގިނަ އަދަދެއްގެ ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރޭ ---

މާލޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން (ހަކުރު) އާއި ކެނަބިސް ތެޔޮ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދަ ސައިންސް ޑައިރެކްޓުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހަދާފައި ވަނީ، މާލޭގައި މީހުންގެ ބޭނުން ކުރާ ބޭހާއި މަސްތުވާތަކެތީގެ އަދަދު އަންދާޒާ ކުރުމަށެވެ.

މި ދިރާސާ ހަދާފައި ވަނީ މާލެ ނުވަ ސަރަހައްދަކަށް ބަހާލައި އެ ނުވަ ހިސާބަށް 24 ގަޑިއިރު ތެރޭގައި ބޭރުވި ނަޖިސް ފެން ތަހުލީލުކޮށްގެންނެވެ. ކޮންމެ 12 ގަޑިއިރަކުން އެ ނުވަ ސަރަހައްދުން ބޭރުވާ ނަޖިސް ފެނުގެ ސާމްޕަލް ނަގާފައިވެ އެވެ. އަދި އެ ސާމްޕަލްތަކުގައި އެކުލެވޭ ބޭހާއި، މަސްތުވާތަކެއްޗާއި، ކެފެއިން އާއި، ދުންފަތާއި، ރަލުގެ މިންވަރު މިންކޮށްފައިވެ އެވެ.

ދިރާސާ ހަދަން ނަޖިސް ފެނުގެ ސާމްޕަލް ނެގި ނުވަ ސަރަހައްދު ---

ނަޖިސް ފެނުން ފެނުނު މަސްތުވާތަކެތި:

  • ކޮކެއިން
  • ހެރޮއިން (ހަކުރު)
  • ކެނަބިސް (ޓީއެޗްސީ)
  • އެމްފެޓަމިންސް
  • މެތެމްފެޓަމިން (މެތް)
  • އެމްޑީއެމްއޭ (އެކްސްޓަސީ)

އެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި މާލޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަނީ ކެނަބިސް ނުވަތަ ތެލެވެ. ދުވާލެއްގެ މައްޗަށް 700 ގްރާމުގެ ކެނަބިސް ބޭނުން ކުރާ ކަމަށް ދިރާސާއިން އަންދާޒާ ކުރެ އެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5600 ޑޯޒެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރާ އަދަދާ އެވަރުގެ އަދަދެއް ކަމަށް ދިރާސާގައިވެ އެވެ.

މާލޭގައި ދެވަނައަށް އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން ކަމަށް ދިރާސާއިން ދައްކަ އެވެ. އެއީ ދުވާލެއްގެ މައްޗަށް 18 ގްރާމެވެ. ޑޯޒް އިން ބަލާ ނަމަ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 600 ޑޯޒެވެ. މި އަދަދަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހެރޮއިން ބޭނުން ކުރާ މިންވަރާ އަޅާ ބަލާ އިރު ގިނަ އަދަދެއް ކަމަށް ދިރާސާގައިވެެ އެވެ.

ދިރާސާ ރިޕޯޓުގައިވާ ގޮތުން މާލޭގައި ކޮކެއިން އާއި އެމްފެޓަމިންސް ބޭނުން ކުރާ މިންވަރު ނިސްބަތުން މަދެވެ. ދުވާލެއްގެ މައްޗަަށް 0.1 ގްރާމުގެ ކޮކެއިން ބޭނުން ކުރާ އިރު 0.4 ގްރާމުގެ އެމްފެޓަމިނިސް ބޭނުން ކުރެ އެވެ. ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މެތޭންފެޓަމިންގެ އަދަދަކީ 0.5 ގްރާމެވެ. އަދި ދުވާލެއްގެ މައްޗަށް 1.2 ގްރާމުގެ އެމްފެޓަމިންސް ބޭނުން ކުރެ އެވެ.

މާލޭގެ ނަޖިސް ފެނުން ފެނުނު މަސްތުވާތަކެތީގެ މިންވަރު ފެންނަ ތާވަލެއް ---

މާލޭގައި ދުވާލެއްގެ މައްޗަށް ކޮންމެ 1000 މީހަކަށް 1.3 ލީޓަރުގެ ރާ ނަޖިސް ފެނުގައި ހިމެނޭ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި އަދަދު އުޅެނީ ކޮންމެ 1000 މީހަކަށް ހަޔަކާއި 44 ލީޓަރާ ދެމެދު އެވެ.

ރިޕޯޓުގައިވާ ގޮތުން ކެފެއިން އާއި ދުންފަތް ރާއްޖޭގައި ބޭނުން ކުރަނީ އެހެން ގައުމުތަކުގައިވެސް އެވަރެޖުކޮށް ބޭނުން ކުރާ މިންވަރަށެވެ.

މި ދިރާސާ ހެދި ފަރާތުން ބުނާ ގޮތުގައި މި ދިރާސާގެ ސަބަބުން ޑްރަގް ޕްރިވެންޝަން ޕްލޭނުތައް ހެދުމަށް ފަސޭހަވެގެންދާނެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް މަސްތުވާތަކެތި ބޭނުން ކުރުމާ ބެހޭ މުހިންމު މައުލޫމާތުތައް ލިބިގެންދާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް