ޗަންދުރަޔާން-2ގެ ލޭންޑާ އޮތް ތަން ހޯދިއްޖެ: އިންޑިއާ

އިސްރޯގެ ޗެއާމަން ކޭ ސިވަން ވިދާޅުވި ގޮތުގައި ޗަންދުރަޔަން-2ގެ ލޭންޑާ އޮތްތަން ވަނީ ހޯދިފަ -- ފޮޓޯ: އިކޮނޮމިކް ޓައިމްސް

ދިއްލީ (ސެޕްޓެމްބަރު 8): އިންޑިއާއިން ހަނދަށް ފޮނުވާލި އުޅަނދު، ޗަންދުރަޔާން-2ގެ ލޭންޑާ ހަނދުގައި މިހާރު އޮތް ތަން ހޯދިއްޖެ ކަމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ)އިން ބުނެފިއެވެ.

އިސްރޯގެ ޗެއާމަން ކޭ. ސިވަން ވިދާޅުވި ގޮތުގައި ޗަންދުރަޔަން-2ގެ އޯބިޓާއިން ވަނީ ހަނދުގައި އޮތް ލޭންޑާގެ ފޮޓޯއެއް ނަގާފަ އެވެ. އަދި އެއިދާރާއިން ދަނީ ލޭންޑާއާ ގުޅުން ގާއިމު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭތި އޮތީ ކޮން ހާލަތެއްގައިކަން އަދި ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޖައްވަށް އުދުއްސާލި ޗަންދުރަޔާން-2 ހަނދަށް ޖެއްސުމަށް މަސައްކަތް ކުރީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައެވެ. ނަމަވެސް އުޅަނދުގެ ލޭންޑާއާ ގުޅުން ކެނޑުނީ އޭތި ހަނދަށް ޖައްސަން 2.1 ކިލޯ މީޓަރުގެ ރާސްތާއެއް އޮތްވާ ކަމަށް ކޭ ސިވަން ވިދާޅުވިއެވެ.

ޗަންދުރަޔަން-2ގައި ތިން ބައެއް ހިމެނެއެވެ. އެއީ ހަނދުގައި ޖައްސާ ލޭންޑާ (ވިކްރަމް)އާއި ހަނދުގައި ދިރާސާތައް ކުރަން ހަދާފައިވާ ރޯވާ (ޕްރަޔްގަން)އާއި ހަނދުގައި ނުޖައްސާ ބުރު ޖަހަމުންދާނެ އޯބިޓާއެކެވެ. އަދި އިސްރޯއިން ބުނި ގޮތުގައި ލޭންޑާއާ ގުޅުން ކެނޑުނު ނަމަވެސް އޭގެ ސަބަބުން ޗަންދުރަޔަން-2 މިޝަން ފެއިލްއެއް ނުވެއެވެ. ސަބަބަކީ އެ އޯބިޓާ އަދިވެސް ހަނދުގެ ކައިރިން ދަތުރުކުރަމުން، ދިރާސާތައް ކުރަމުން ދާނެތީއެވެ.

އިންޑިއާއަކީ، ހަނދަށް އުޅަނދެއް ފޮނުވި ދުނިޔޭގެ ހަތަރުވަނަ ގައުމެވެ. އެގައުމުން އުންމީދުކުރީ ޗަންދުރަޔާން-2 ވެގެންދާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ.

comment ކޮމެންޓް