111 ކަރުދާހާއެކު އެމްއެންޔޫގެ ތެވެލި ކޮންފަރެންސް ފަށައިފި

އެމްއެންޔޫއިން މިއަދު ފެށި ތެވެލި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ން ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް " ތެވެލި" މިއަދު އެ ޔުނިވާސިޓީގައި ފަށައިފިއެވެ.

މިއީ އެ ޔުނިވާސިޓީން ބާއްވާ ތިންވަނަ ތެވެލި ކޮންފަރެންސްއެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ""މޯޓިވޭޓް، އިންޓަރގްރޭޓް، ޑިސްކަވަރ."އެވެ.

މިއަދު ހެނދުނު އެ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކޮންފަރެންސް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ގައުމީ ޔުނިވާސިޓީން ބުނީ އެ ކޮންފަރެންސްއަށް މިފަހަރު 111 ކަރުދާސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު ކަރުދާސްތައް ރިވިއުކުރުމަށްފަހު ޝާއިއުކުރާނެ ކަަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ކޮންފަރެންސްގައި ދެކުނު ކޮރެއާއާއި މެލޭޝިއާއާއި ސައުތް އެފްރިކާއާއި ބުރުނާއީއާއި އިންޑިއާއާއި ސްރީ ލަންކާފަދަ ގައުމުތަކުގެ 70 އެއްހާ ބޭފުޅުން ބައިވެރިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއް ކަމަށްވާ ޕަބްލިކް ހެލްތު ކާޓެއިން ޔުނިވާސިޓީގެ އިސް ބޭފުޅެއް ކަމަށްވާ ޕްރޮފެސާ ކޮލިން ބިންސް ވަނީ ކީ ނޯޓް ސްޕީޗްއެއްްވެސް ދެއްވައިފައެވެ. އޭނާ ވަނީީ ޔުނިވާސިޓީތަކުގެ ރޭންކިންއާއި އެކެޑެމިކްއަށް ރިސާޗުތަކުގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުވާލައްވައިފައެވެ.

comment ކޮމެންޓް