އިހުސާން އާދޭސް ކުރަނީ ކިޑްނީއަކަށް!

އިހުސާން މުހައްމަދު---

ގދ ތިނަދޫ އަށް އުފަން އިހުސާން މުހައްމަދަކީ އެ އާއިލާގައި ދެވަނަ އަށް ދޮށްޓަށް ހުރި ފިރިހެން ކުއްޖާ އެވެ. ފަސް މެންބަރުން ހިމެނޭ އެ އާއިލާއަށް މިއަދު ކުރިމަތިވެފައިވާ ހިތާމަ ބޮޑެވެ.

ކުޑަބެގެ ދެ ކިޑްނީ ފެއިލްވެ ޑޯނާއަކަށް އިންތިޒާރުކުރުމެވެ.

އިހުސާންގެ ބަލިހާލަތާ ގުޅޭ ގޮތުން އޭނާގެ ކޮއްކޮ ފާތިމަތު އަރޫޝާ "ސަން ކުލުނު" އަށް ބުނީ ކުޑަބެގެ ކިޑްނީ އަށް މައްސަލަޖެހިފައިވާކަން އެނގުނީ 2016 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގެ ކިމްސް ހޮސްޕިޓަލުން ބައޮޕްސީ ހެދުމުން ކަމަށެވެ.

"2015 ވަނަ އަހަރުން ފެށިގެން އޭގެ އަލާމާތްތައް ފެންނަން ފެށި. ބީޕީ މަތިވެ ހަންގަނޑު ރަތްވެ ދެފައި ދުޅަވި. އެކަމަކު އޭރަކު ނޭނގޭ މިއީ ކިހާވަރެއްގެ ކަމެއްކަމެއް. އޭރަކު ނޭނގޭ،" އަރޫޝާ ބުންޏެވެ.

އިހުސާނަށް ޖެހިފައިވާ ބައްޔަކީ މަދުން ނޫނީ ނުފެންނަ އައިޖީއޭ ނެފްރޮޕަތީ އެވެ.

އަރޫޝާ ބުނީ 2016 ވަނަ ކުޑަބެގެ ކްރިޓީން ލެވެލް މަތިވަމުން އައި ކަމަށާއި އޭގެ އަނެއް އަހަރު ޗެންނާއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޑޮކްޓަރުން ވަނީ ކްރިޓީން ލެވެލް ދަށްކުރުމަށް އިންޖެކްޝަން ޖަހާފައި ކަމަށެވެ.

ކުޑަބެގެ ކިޑްނީއަށް ޖެހިފައިވާ ބަލި ރަނގަޅުނުވާނެ ކަމަށާއި އަދި ކޮންމެވެސް ދުވަހަކުން ކިޑްނީ ފެއިލްވާނެ ކަމަށް ޗެންނާއީގެ ޑޮކްޓަރުން ބުނިކަމަށް އަރޫޝާ ބުންޏެވެ.

"ކެއުމަށް ބޮޑެތި ބަދަލު އައިސްފައި މިހާރު ހުރީ. ލޮނާއި ތެޔޮ މަދުކުރަން އަންގާފައި އޮތީ. ފެންވެސް ދުވާލަކު އެއް ލީޓަރަށްވުރެ އިތުރު ނުކުރުމަށް ލަފާދީފައި ވަނީ،" އަރޫޝާ ބުންޏެވެ.

މިއަހަރު މެއި މަހުން ފެށިގެން ކިޑްނީ ފަންގްޝަން ދަށްވަމުން ދިޔަ ކަމަށާއި އޭގެ ނަތީޖާއަކަށްވީ ކިޑްނީ އެއްކޮށް ފެއިލްވެ ޑައިލަސިސް ހަދަން ޖެހުން ކަމަށްވެސް އަރޫޝާ ސަން ކުލުނު އަށް ކިޔައިދިނެވެ.

ޑައިލަސިސް ހަދަން ފެއްޓުމާއެކު ވަރަށް ބޮޑަށް ބަލިވެ ބަނޑުގައި ރިއްސާ، ހޮޑުލެވި، މުޅި ގައިގައި ރިއްސަން ފެށި ކަމަށް ވެސް އޭނާ ބުންޏެވެ.

އިހުސާން ހަފްތާއަކު ތިން ފަހަރު މިހާރު ޑައިލަސިސް ހަދަ އެވެ.

"މުޅި އާއިލާއިން ވެސް އެންމެ ދެރަވެ ކަންބޮޑުވަނީ މަންމަ އާއި ބައްޕަގެ އިތުރުން އަޅުގަނޑުމެން ފަސް ބެއިން ތިބިއިރު އެއްވެސް މީހެއްގެ ބްލަޑް ގްރޫޕާ ކުޑަބެގެ ބްލަޑް ގްރޫޕް ދިމާނުވުން. ކުޑަބެގެ ބްލަޑް ގްރޫޕަކީ O+،" އަރޫޝާ ބުންޏެވެ.

ކޮންމެ ތިން މަހުން އެއް މަހު ރާއްޖެއިން ބޭރަށް ޑޮކްޓަރަށް ދައްކަން ދިޔުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކުޑަބެ އަދި މުޅި އާއިލާގެ އުންމީދަކީ ވީހާވެސް އަވަހަށް ކިޑްނީއެއް ލިބި ޓްރާންސްޕްލާންޓް ހަދައި ނޯމަލް ދިރިއުޅުމެއް އުޅެވޭގޮތް ވުން ކަމަށް އަރޫޝާ ބުންޏެވެ.

އަރޫޝާ ބުނީ ޑޯނާއެއް ލިބުމާއެކު އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ބެންގަލޫރަށް ދާނެ ކަމަށާއި އޮޕަރޭޝަނަށް އާސަންދަދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.

އޭނާ އެދެނީ އޭނާގެ ލޯބިވާ ކުޑަބެއަށް އެހީއެއްދިނުމެވެ.

އިހްސާން މުހައްމަދަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7993599 (އިހްސާން މުހައްމަދާ ގުޅޭ ނަންބަރު)

އިހްސާންގެ އަނބިމީހާ އާއި ގުޅޭނެ ނަންބަރު: 7434649

ބީއެމްއެލް އެކައުންޓް ނަންބަރު: 7704278156101 (އިހްސާން މުހައްމަދު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

އިހްސާންގެ އަނބިމީހާ އައިޝަތު ސާއިގާ އާ ގުޅިގައިވާ އެކައުންޓް ނަންބަރު: 7710466673101

ޑޮލަރު އެކައުންޓް ނަންބަރު: 7730000112943 (އިހްސާން މުހައްމަދު އާ ގުޅިފައިވާ ޑޮލަރު އެކައުންޓް ނަންބަރު)

އެޑިޓަރުގެ ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް