ބުރިޖާއެކު މުދަލުގެ އަގު ހެޔޮވި، ވަޒީފާއަށް ދާ އަންހެނުން ގިނަވި: ސާވޭ

ސިނަމާލެ ބުރިޖު--- ސަން ފައިލް ފޮޓޯ

ސިނަމާލެ ބުރިޖާއެކު ތަކެތީގެ އަގު މާލެ އަދި ހުޅުމާލޭގައިވެސް އަގު ހެޔޮވެފައިވާ ކަަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސިނަމާލެ ބުރިޖަށް އެއް އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އެސޯސިއޭޝަންއާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންޔޫއެސްޔޫ ގުޅިގެން ކުރި ސާވޭގައި ބުނީ މީގެ ކުރިން މާލެއާ ހުޅުމާލެއާ ދެމެދު މުދާ އުފުލާ ހެދުމަށް ތިން ހަަތަރު މަރުހަލާ ކަޑައްތުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ވައިގެ މަގުން ގެންނަ މުދަލާއި އެއްގަމު މަގުން ގެންނަ މުދާ ކްލިއާ ކޮށް ގެންދިއުމުގައިވެސް ތިން ހަތަރު ޕާޓީއެއް ލައްވައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ.

އޭގެ އިތުރުން މޫސުން ގޯސްވުމާއި ޓްރެފިކް މައްސަލަތަކާ ހެދިވެސް ކުރިން ވަރަށް ގިނައިން މުދާ އުފުލުމުގައި ބޮޑެތި ތަކުލީފެއް އުފުލަން ޖެހޭ ކަމަށް އެ ސާވޭގައި ބުންޏެވެ.

އެ ސާވޭގައި ވަނީ ބުރިޖާއެކު ވަޒީފާތަކަށް ދާން ކުރަން ޖެހޭ ދިގު ދަތުރުވެސް ކުރުވެފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ކުރިން ވަޒީފާތަކަށް ދިއުމަށް 30 މިނެޓަށް ވުރެ އަވަހަށް ދެވެނީ އެންމެ 28 ޕަސެންޓް މީހުންނަށް ކަމަށާއި ނަމަވެސް މިހާރު 84 ޕަސެންޓް މީހުންނަށް ކުޑަ ވަގުތުކޮޅެއްގައި ތެރޭގައި ވަޒީފާއަށް ދެވޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ސާވޭގައި އިތުރަށް ބުނީ ބުރިޖު އެޅުމުގެ ކުރިން ވަޒީފާތަކަށް ދާން 54 ޕަސެންޓް މީހުން ގަޑިއެއްހާއިރު ހޭދަވާކަމަށެވެ. ނަމަވެސް މިހާރު އެހާ ގިނަ ވަގުތު ހޭދަ ކުރަން ޖެހެނީ، އެންމެ 15 ޕަސެންޓް މީހުންނަށް ކަމަށްވެސް އެ ސާވޭގައި ބުންޏެވެ.

އެ ސާވޭގައި އިތުރަށް ބުނީ ބުރިޖާއެކު އަންހެނުންނަށް ވަޒީފާތަކަށް ދިއުމަށްވެސް މަގުފަހިވެފައިވާ ކަމަށެވެ. އެގޮތުން ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ސްކޫލުތަކަށް ގެންގޮސް ވަޒީފާތަކަށް ދިއުމަށް އަންހެނުންނަށް ކުރިން ދަތިވާ ކަމަށް ސާވޭގައި ފާހަގަކޮށްފައިވެ އެވެ.

" ބުރިޖެ އެޅިފަހުން މިހާރު އަހަރެން މިހާރު ދަނީ ހުޅުމާލެއަށް ވަޒީފާއަށް. އެކަމަށް ހޭދަވަނީ އެންމެ 20 މިނެޓް." ސާވޭއަށް އިންޓަވިއުދިން އަންހެނަކު ބުންޏެވެެ.

comment ކޮމެންޓް