ސައުދީ އާއި ޔޫއޭއީ އިން ޔަމަންގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ހުޅަނގުވެސް ބައިވެރިވާ ކަމަށް ތުހުމަތުކޮށްފި

އަރަބި ކޯލިޝަނުން ފަށާފައިވާ ހަނގުރާމައިގާ ޔަމަން ފުނޑުފުނޑުވެ ސުންނާފަތިވެފާ

ލަންޑަން (ސެޕްޓެމްބަރު 4): ސައުދީއާއި ޔޫއޭއީން ޔަމަންގެ އާންމުންނަށާއި މަދަނީ ތަންތަނަށް ހަމަލާދީ ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކުގައި އެމެރިކާ، އިންގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުގެ ބައިވެރިވުންވެސް ވާކަމަށް އދން ތުހުމަތުކޮށްފިއެވެ.

ޔަމަންގެ ހަނގުރާމައިގާ ހިންގަމުން ގެންދާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގުކުރާ އދގެ މުސްތަގިއްލު ކޮމިޓީން ބުނީ ސައޫދީއާއި ޔޫއޭއީން ޔަމަންގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގައި ހުޅަނގުގެ ބާރުތައް ޝާމިލުވާ ކަމަށް ބެލެވެނީ އެ ދެގައުމުން ޔަމަންގައި ކުރާ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށްޓަކައި ހަތިޔާރާއި ޖާސޫސީ މައުލޫމާތާ އަދި އެނޫންވެސް ލޮޖިސްޓިކް އެހީތެރިކަން ހުޅަނގުގެ ބާރުތަކުން ފޯރުކޮށްދޭތީއެވެ. ނަމަވެސް ސައޫދީ އާއި ޔޫއޭއީން، ޔަމަންގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ހުޅަނގުގެ ބާރުތަކުގެ ދައުރު އޮތްމިންވަރު ކަށަވަރުކުރުމަށް އިތުރު ތަހުގީގުތައް ކުރަންޖެހޭ ކަމަށް އދގެ ކޮމިޓީގެ ތަޖްރިބާކާރެއް ކަމަށްވާ މިލީސާ ޕާކް ވިދާޅުވިއެވެ.

މިލީސާ ވަނީ ޔަމަންގައި ކުރާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ސައޫދީއާއި ޔޫއޭއީއަށް ނުވިއްކުމަށް އެމެރިކާ، އިންގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަށް ގޮވާލާފައެވެ. ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްގެން ތިބި ހޫޘީ ޖަމާއަތް ބަލިކޮށް އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ގެނައުމުގެ ޝިއާރުގެ ދަށުން ސައޫދީ އާއި ޔޫއޭއީ ން ޔަމަންގައި ހަނގުރާމަކުރަމުން ގެންދަނީ އަރަބި ކޯލިޝަންގެ ނަމުގައި ކޯލިޝަނެއް އުފައްދައިގެންނެވެ.

އެކޯލިޝަންގައި އެދެގައުމުގެ އިތުރުން ހާދީގެ ސަރުކާރާއި ސޫދާންވެސް ހިމެނެއެވެ. އަރަބި ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވަނީ ސައޫދީ އާއި ޔޫއޭއީ ކަމަށްވިޔަސް އިސްލާމީ ފިކުރުގެ ޔަމަންގެ އިޚްވާނުލްމުސްލިމޫން ޖަމާއަތް ކަމަށްވާ (ހިޒްބުލްއިސްލާޙް) އާ ހާދީގެ ސަރުކާ ގުޅުން އޮންނާތީ ޔޫއޭއީ ގެންދަނީ އަރަބި ކޯލިޝަންގައި އޮވެގެން ހާދީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ހާދީގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް ޔަމަންގެ ދެކުނުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާ ބާޣީންނަށް ޔޫއޭއީ ން ހަތިޔާރާއި ތަމްރީން ފޯރުކޮށްދެމުން ގެންދާއިރު ސައޫދީން އެކަމަށް ބީރު ކަންފަތެއް ދެމުން ގެންދާތީ ހާދީގެ ސަރުކާރުވަނީ ސައޫދީ އާމެދު ހިތްހަމަ ނުޖެހިފައެވެ.

ހާދީގެ ސަރުކާރުގެ ބައެއް މަސްއޫލުވެރިންވަނީ ޔޫއޭއީން ޔަމަނަށް އަތްގަދަކޮށް ޔަމަން އިސްތިއްމާރުކުރަން އުޅޭކަމަށް ތުހުމަތުކޮށް އަރަބި ކޯލިޝަނުން ޔޫއޭއީ ބޭރުކޮށްލުމަށް ގޮވާލާފައެވެ. އަރަބި ކޯލިޝަންގައި ހިމެނޭ ސައޫދީ ވައިގެ ސިފައިން މިދިޔަ ހޯމަދުވަހު ޔަމަންގެ ހޫޘީން ކޮންޓްރޯލް ކުރާ ސަރަހައްދެއްކަމަށްވާ ޛަމާރުގެ ޖަލަކަށް ބޮން އަޅައި 100 އަށްވުރެ ގިނަ އާންމުން މަރާލާފައިވާކަމަށް ހޫޘީން ބުނެފައިވާއިރު ބައިނަލްއަގްވާމީ ފަރާތްތަކުންވެސްވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސައޫދީން ވަނީ އެމީހުން ހަމަލާދިނީ ހޫޘީން ގެ ހަތިޔާރު ގުދަނަކަށް ކަމަށްބުނެ އެޖަރީމާގެ ޒިންމާ އުފުލުމަށް ދެކޮޅުހަދާފައެވެ.

އަރަބި ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތަކުގައި ޔަމަންގެ 35 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އެ ހަމަލާތަކުގައި ޔަމަންގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެއާޕޯޓްތައްފަދަ ޔަމަންގެ މަދަނީ އިންފްރާސްޓްރަކްޗާ ގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. އަދި ޔަމަންގެ 24 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުންވަނީ ހާލުގައި ޖެހިފައެވެ.

ޔަމަންގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުން ތަހައްމަލްކުރަމުން ދަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށް އދ. ންވަނީ ސިފަކޮށްފައެވެ. ޔަމަންގެ ހަނގުރާމައިގާ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ޔޫއޭއީ އާއި ސައޫދީ އަށް އެހީތެރިވަނީ އެހަނގުރާމައިގެ ސަބަބުން އެދެގައުމަށް ގިނައަދަދަކަށް ހަތިޔާރު ވިއްކައިގެން ހުޅަނގުގެ ބާރުތަކަށް ބޮޑު ފައިދާތަކެއް ހާސިލްކުރެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް