ތައުލީމީ ފެންވަރު މަތިކުރުމަށް މަސައްކަތް ފެށިއްޖެ: ނައިބު ރައީސް

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް މި ސަރުކާރުން އިންގިލާބެއް ގެންނާނެ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ގައުމުތަކުން ހޯދަމުންދާ ކުރިއެރުންތައް ހޯދުމުގައި ގެންގުޅޭ މަންހަޖުތައް ދިރާސާކޮށް، ދިވެހި ދަރިވަރުންގެ ކުރިއެރުމަށް މި މަންހަޖުތަކުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ.

ނައިބު ރައީސް ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތައުލީމީ ދާއިރާގައި އެގައުމުން ފެނިވަޑައިގެންނެވި ތައުލީމީ ސިޔާސަތުތައް ހިއްސާ ކުރައްވައިފައެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއްނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށްވެފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ޓީޗާސް ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ ހިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމެވެ.

comment ކޮމެންޓް