އުފެއްދުންތެރިކަމުގެ މައުރަޒުގައި ކޭކު ޑެކަރޭޓްކުރުން ހިމަނައިފި

މީގެ ކުރިން ބޭއްވި މައުރަޒެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒުގައި ކޭކު ޑެކަރޭޓުކުރުން އިތުރު ކެޓަގަރީއެއްގެ ގޮތުގައި ހިމަނައި އެ މައުރަޒުގެ އުސޫލު އިސްލާހުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މައުޒަރުގެ ވަނަތައް ހޮވާއިރު ކޭކު ޑެކަރޭޓު ކުރުމުން ގިންތިންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށެވެ.

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މި މައުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކުރިއަށްގެންދާ މައުރަޒުގައި ހަ ދާއިރާއަކުން ބައިވެރިވެވޭނެއެވެ.

1- ވަކިވަކި ފަރުދުންގެ ދާއިރާ

2- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

3- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

4- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ

6- ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

ދަރުބާރުގެއާއި ދަރުބާރުގޭގެ ވަށައިގެންވާ ސަރަޙައްދު ހިމެނޭގޮތަށް، ކަލާފާނު ސްކޫލުގައި އެކްސްޕޯ ކުރިއަށްދާނެއެވެ. މައުރަޒުގައި 78 ގިންތިން ތަކެތި ބައިވެރިކުރެވޭނެއެވެ.

comment ކޮމެންޓް