ކަރާޗީގެ ކްލިފްޓަން ބީޗަށް ހޮސްޕިޓަލްތަކުގެ ކުނި ލައްގާތީ ބަންދުކޮށްފި

ކަރާޗީގެ ކްލިފްޓަން ބީޗަށް ސިރިންޖު ލައްގާފައި -- ފޮޓޯ: ގަލްފްނިއުސް

ކަރާޗީ (ސެޕްޓެމްބަރު 4): ޕާކިސްތާނުގެ މަޝްހޫރު ކްލިފްޓަން ބީޗަށް ސިރިންޖާއި ލޭގެ ސާމްޕަލްތައް އަޅާފައިވާ ފުޅިތަކާއި ހޮސްޕިޓަލްތަކުގައި ހުންނަ އެހެނިހެން ކުނި ލައްގާތީ އިއްޔެ އެ ބީޗް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ކަރާޗީގެ ކްލިފްޓަން ބީޗަށް ނުރައްކާތެރި ކުނި ލައްގާ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވާސިމް އަކްރަމްގެ އަންހެނުން، ޝަނައިރާ އަކްރަމް އެވެ. އޭނާ ބުނި ގޮތުގައި އެބީޗުން ވަނީ އެތައް ސަތޭކަ ސިރިންޖާއި އެފަދަ އެހެނިހެން ތަކެތި ފެނިފަ އެވެ. އެހެންކަމުން އާއްމު ރައްޔިތުން ގޮނޑުދޮށަށް ދިޔުން ރައްކާތެރިއެއް ނޫނެވެ.

"އެތައް ސަތޭކަ ކައްޓާއި ސިރިންޖާއި އެހެނިހެން ކުނި އެތައް ކިލޯމީޓަރަކަށް ފެތުރިފައިވޭ. ކްލިފްޓަން ބީޗް މިވަގުތު ރައްކާތެރި ނޫން އެހެންކަމުން މިސަރަހައްދު ބަންދު ކުރަން ޖެހޭ،" ޝަނައިރާގެ ޓުވީޓުގައިވެ އެވެ.

އޭގެ ފަހުން ޕާކިސްތާން ފުލުހުން ވަނީ ކްލިފްޓަން ބީޗުގައި ނުރައްކާތެރި ކުނި ލައްގާފައިވާ ސަރަހައްދު ބަންދުކޮށް، ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އަދި އޭގެ ފަހުން އެސަރަހައްދަށް ޒިޔާރަތް ކުރެއްވި ސިންދު ޕްރޮވިންސުގެ ޗީފް މިނިސްޓަރުގެ މުޝީރު މުރުތަޒާ ވައްހާބް ވަނީ އެތަނުން 80 ޕަސެންޓު ކުނި މިހާރު ސާފުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ މެރިޓައިމް އެފެއާޒްގެ ޕާލިމެންޓަރީ ސެކްރެޓަރީ ޖަމީލް އަހުމަދު ޚާން ވިދާޅުވި ގޮތުގައި އެކުނި ގޮނޑުދޮށަށް ލެއްގި ކަމަށް ބެލެވެނީ ފާއިތުވި ހަފްތާތަކުގައި ކަރާޗީއަށް ބޯކޮށް ވާރޭވެހި، ކުނިގޮނޑުތަކުގައި ހުރި ކުނި ކާނުގަނޑަށާއި ކަނޑަށް އެޅުމުގެ ސަބަބުންނެވެ.

comment ކޮމެންޓް