މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅު އަޅަންޖެހޭ: ރައީސް ސޯލިހު

އިންޑިއަން އޯޝަން ކޮންފަރެންސް ފެށުމަށް މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް މަދުވިޔަނުދީ ދަމަހައްޓަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ފެށުމަށް މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ދަށްވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެފަދަ ގައުމުތަކަށް ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދާއި ރައްޔިތުންގެ ކެއިންބުއިމުގައި ހިމެނޭ މައިގަނޑު އެކައްޗަކީ މަސް. ރާއްޖޭގެ އިގްތިސޯދުގެ އެކްސްޕޯޓުގެ ބޮޑު ބައެއް ހިއްސާކުރަނީ ބަސް. އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ދަށްވުވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެއަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަހުގެ ސްޓޮކް ދަށްވެ، އެޓްލާންޓިކް ކަނޑަށް ދިމާވެފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"އޭގެ ކުރިން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރިވައި މަހުގެ ސްޓޮކް ހުސްވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަން ފަށާނަން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގެ ގައުމުުތަކުން ފިޔަވަޅު އެޅުން ލަސްކުރުމުން އެކަނޑުގެ މަހުގެ ސްޓޮކް ދަށްވެފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މިހާރަށްވުރެ ބުރަ މަސައްކަތްކޮށްް އެކަން ހަރުދަނާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގައި ކަނޑުގެ ދިރުންތަކާއި ޓެރަރިޒަމް އަދި ނެވިގޭޝަނަލް ސެކިޔުރިޓީ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް މިއަދު ފަށާފައިވާއިރު 40ގައުމަކުން ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ. ކޮންފަރެންސް ޗެއާ ކޮށްދެއްވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ގައުމުތަކުގެ މިނިސްޓަރުންނައި އެފެންވަރުގެ ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެލައްވާއިރު، ގައުމުތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ކޮންފަރެމްސްގައި މަޝްވަރާ ކުރާނެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސް އަކީ ދިވެހި ސަރުކާރާއި އިންޑިއަން ފައުންޑޭޝަން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. ސިންގަޕޫރުގެ އެސް ރާޖަރަތުނަމް އިންޓަނޭޝަނަލް ސްޓަޑީސް އަކީވެސް މި ކޮންފަރެންސްގެ ޕާޓްނަރެކެވެ.

comment ކޮމެންޓް