ޓެކްސް ގާނޫނުގެ ބަދަލުން މީރާއަށް ސިޔާސީ ނުފޫޒު ވަންނާނެ: ސައީދު

މާވަށު ދާއިރާގެ މެންބަރު ސައީދު: އޭނާ ވިދާޅުވީ ސަރުކާރުން މީރާއަށް ނުފޫޒު ފޯރުވާނަމަ ވިޔަފާރީތަކަށް އަސަރު ކުރާނެ ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

މޯލްޑިވަސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިންގުމަށް ސީދާ ބައިވެރިވުން އޮންނަ ނަމަ ވިޔަފާރީތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު އެހެން ވިދާޅުވެފައި ވަނީ، މީރާގެ މިހާރުގެ ކޮމިޝަނާ ޖެނެރަލާއި ބޯޑުގެ ހުރިހާ މެމްބަރުންގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބަދަލުކޮށް އިސްލާހު ފާސްކުރުމުންނެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، ޓެކްސްގެ ނިޒާމްގެ މިނިވަންކަން ގެއްލޭ ގޮތަށް ގާނޫނު ބަދަލުކޮށް ވަކި މީހަކު ނުވަތަ ވަކި ބަޔަކަށް ޓާގެޓް ކުރުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ ލަފަޔާއި ވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

"ގާނޫނަށް އިސްލާހު ގެނައިސްގެން ވަކި ބަޔަކަށް ޓާގެޓް ކޮށްގެން މިކަން ކުރާ ކުރުމަކީ އޭގެ ސަބަބުން ހަގީގަތުގައި ވިޔަފާރީތަކަށް ވަރަށް ބޮޑެތި ހީނަރުކަން އައިސް ވިޔަފާރިވެރިންގެ ކަންބޮޑުވުމަކަށް ދިމާލަށް މި ނިޒާމް ދިއުމަށް ހުޅުވާލެވޭ ދޮރެއްކަން ފާހަގަކޮށްލަން،" ސައީދު ވިދާޅުވި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) ގައި ބުނާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއެކު ހަތް މެމްބަރުން މީރާގެ ބޯޑަށް އައްޔަނުކުރަން ޖެހޭނެ އެވެ.

މަޖިލީހުގެ ކޮމިޓީއިން ބިލު އިސްލާހު ކުރި އިރު އިތުރު މެމްބަރަކު ބޯޑަށް އިތުރުކުރަންވެސް ވަނީ ނިންމާފަ އެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތެއް، ބޯޑުގައި ހިމެނޭނެ ގޮތަށެވެ.

އޭގެ އިތުރުން މިހާރު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭނޭ ގޮތަށް ވަކި މާއްދާއެއް ވަނީ ބިލުގައި ހިމަނާފަ އެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ.

މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ސަރުކާރުން މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވި އިރު ޔަޒީދު އަދި މީރާގެ ބޯޑު މެމްބަރުންގެ މަގާމު ގެއްލޭ ގޮތަށް ބިލުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް ކޮމެޓީން ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށް ތަސްދީގުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑަށް މެމްބަރުން އައްޔަނުކުރަން ޖެހޭނެ އެވެ.

އެ ބިލް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

comment ކޮމެންޓް