މަސްވެރިކަމުގެ ކޮލެޖެއް ހަދަން ގާނޫނުން ލާޒިމު ކުރަނީ

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއެރުވުމަށްޓަކައި މަސްވެރިކަމާ ބެހޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމް ކުރަން ލާޒިމް ކޮށް މަސްވެރިކަމުގައި ބިލު އިސްލާހު ކޮށްފި އެވެ.

މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލު ފުރަތަމަ ހުށަހެޅި އިރު މެމްބަރުން ކަންބޮޑުވާ ކަންތައްތަކެއް ހުރި ނަމަވެސް ކޮމިޓީ މަރުހަލާގައި ބިލު ވަނީ މުޅިންހެން ބަދަލުކޮށްފަ އެވެ.

މަސްވެރިކަމުގައި ބިލު ދިރާސާކޮށް އިގްތިސާދީ ކޮމިޓީއިން ނިންމި އިރު މަސްވެރިކަމާ ގުޅުންހުރި ކަންކަން ކިޔަވައި ދިނުމަށް ކޮލެޖެއް ހަދަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެއީ މަސްވެރިކަމުގެ ތައުލީމާއި ތަމްރީނު ހޯދައި ދިނުމަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

"މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއަރުވައި އެ ސިނާއަތުގެ ތައުލީމާއި ތަމްރީނު ޒަމާނާ އެއްގޮތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މަސްވެރިކަމާ ގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމްކޮށް ތަރައްގީ ކުރަން ވާނެ އެވެ." މަސްވެރިކަމުގެ ބިލުގެ 11 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޒުވާނުން މަސްވެރިކަމަށް އަހުލުވެރި ކުރުވައި އެފަރާތްތައް މަސްވެރި ކަމަށް ނެރުމަކީ ބިލުގެ ބޭނުމެއް ކަމުގައި ވަނީ ބުނެފަ އެވެ. އަދި ދެ ޖިންސުގެ މީހުން ހަމަހަމަކަމާއެކު ހަރަކާތްތެރިވުމަށް ބާރުއަޅައި އެކަމަށް މަގުފަހި ކުރުމަކީވެސް ބޭނުމެއް ކަމަށް ބިލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ދިވެހި މަސްވެރިންނަށް ޕެންޝަނަކާއި އެކު ޑިސްއޭބިލިޓީ އިންޝުއަރެންސް ލިބިދެވޭ ގޮތަށްވެސް ބިލު ވަނީ ބަދަލުކޮށްފަ އެވެ. ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ މަސްވެރިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

https://sun.mv/123747

"މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭ ސްކީމެއް. މިނިސްޓްރީގެ މަޝްވަރާގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަން ވާނެ އެވެ،" މަސްވެރިންގެ ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

އެ ބިލް އިސްލާހުތަކާ އެކު ކޮމިޓީއިން ފާސްކުރިއިރު އެ ބިލްގައި އެމްޑީޕީއިން މަސްވެރިންނަށް ހުށަހެޅި ސިޔާސަތުތައް ނުހިމެނޭ ކަމަށް ބުނެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އިތުރުވި އެވެ. އަދި އެ ބިލަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ، މަޖިލީހުގެ ބަހުސް މަރުހަލާގައި މެންބަރުން ފާޅު ކުރެއްވި ހިޔާލުތަކާ އެއްގޮތަށް ގެނެސްފައިވާ ބަދަލުތަކެކެވެ.

comment ކޮމެންޓް