ބިދޭސީންގެ ބަދަލުގައި 1800 ދިވެހި ޓީޗަރުން ހޯދަނީ

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދަން ވަނީ އިއުލާނުކޮށްފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބިދޭސީ ޓީޗަރުން ތިބި 1800 ށް ވުރެ ގިނަ މަގާމުތަކަށް ދިވެހިން ހޯދަން އެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީ އިން ވަނީ 1849 ދިވެހި ޓީޗަރުން ހޯދަން ދެ އިއުލާނެއް ކޮށްފައެވެ. ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސްކޫލުތައް ހިމެނޭ ގޮތަށެވެ.

ޓީޗަރުން ހޯދަން މިނިސްޓްރީ އިން އިއުލާންކޮށްފައި ވަނީ ބިޒްނަސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުގެ އިތުރުން އަރަބި، އާޓް، ހެލްތް އެންޑް ޕީއީ، މެކޭނިކްސް އަދި ބީޓެކް ހޮސްޕިޓާލިޓީ މާއްދާއަށެވެ.

ވަޒީފާއަށް އެދޭ ފޯމު އެޑިއުކޭޝަންގެ ކައުންޓަރުންނާއި މަގާމް އޮތް އޮފީހަކުން ލިބެން ހުންނާނެ އެވެ. މަގާމަށް އެދި ހުށަހަޅަންޖެހޭނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން، މަގާމް އޮތް ސްކޫލަކަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މަގާމުތަކަށް ޓީޗަރުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަހުގެ 15 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު، މަގާމު އޮތް އޮފީހެއްގަ އެވެ.

އެހެންކަމުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް އެޑިއުކޭޝަނުން އެދެ އެވެ.

comment ކޮމެންޓް