ސައުދީ ސްކޫލް ޓެކްސް ފޮތްތަކުގައި އުސްމާނީ ދައުލަތް އިސްތިއުމާރުންގެ ގޮތުގައި ސިފަކޮށްފި

އުސްމަނީ ދައުލަތުގެ ޗާޓެއް---

ގިނަ ޒަމާންތަކެއް ވަންދެން މުސްލިމުންގެ މައްޗަށް ވެރިކަން ކުރި އުސްމާނީ ހިލާފަތަކީ އިސްތިއުމާރީ ދައުލަތެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ ޓެކްސްޓް ފޮތްތަކުގައި ސިފަކޮށްފި އެވެ.

މިހާރު މެދު އިރުމަތީގައި ހިމެނޭ ގިނަ ގައުމުތަކެއް ކުރިން އޮތީ އުސްމާނީ ހިލާފަތުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ސައުދީގެ ބައެއް ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ސައުދީގެ ކުރީގެ ތާރީހާ ބެހޭ ޓެކްސްޓް ފޮތްތަކުގައި އުސްމާނީ ދައުލަތަކީ ހިލާފަތެއް ކަމަށް ބަޔާންކޮށްފައި ވިޔަސް އަލަށް ރިވައިޒްކޮށް ނެރުނު ފޮތުގައި އުސްމާނީ ދައުލަތަކީ އިސްތިއުމާރީ ދައުލަތެއް ކަމަށް ބަޔާންކޮށް އެ ދައުލަތުން ހިންގި ކަމަށް ބުނާ ޖަރީމާތަކަށް ވެސް އަލިއަޅުވާލައިފައިވެ އެވެ.

އާ ޓެކްސްޓްފޮތްތައް ސައުދީގެ ހައި ސްކޫލުގައި ވެސް ކިޔަވައިދޭނެ އެވެ.

ސައުދީ އަރައްބިއްޔާ އެންމެ ފުރަތަމަ ވުޖޫދަށް އައީ 1744 ވަނަ އަހަރު އެވެ. ވައްހާބީ މަޒްހަބްގެ ބާނީ މުހައްމަދު ބިން އަބްދުލް ވައްހާބާއި، މުހައްމަދު ބިން ސައުދާ ދެމީހުން ބައިވެރިވެ، އޭރު އޮތް އިސްލާމީ ދައުލަތް އުސްމާނީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކޮށް "އިމާރާތުއް ދިރިއިއްޔާ"ގެ ނަމުގައި ވަކިވެގަނެގެން ވަކި ދައުލަތެއް އުފެއްދި އެވެ.

ނަމަވެސް ފަހުން އުސްމާނީ ދައުލަތާއި މިސްރުގައި އޭރު ވެރިކަން ކުރަމުން ދިޔަ އިބްރާހިމް ޕާޝާގެ ލަޝްކަރު ވަނީ އަލުން އެތަން ފަތަހަކޮށްފަ އެވެ. އޭރު އިމާރާތުއް ދިރިއިއްޔާގެ ވެރިއަކަށް ހުންނެވި އަބްދުﷲ ބިން ސައުދު ފަހުން ހައްޔަރުކުރި އެވެ. އަބްދުﷲ ފަހުން ވަނީ އުސްމާނީ ދައުލަތުގެ ހަލީފާގެ ކުރިމަތީ މެރުމަށް ފަހު އޭނާގެ ބޯ ތުރުކީގެ ބޮސްފޮރަސް ކަނޑަށް ފައްތައިފަ އެވެ.

ނަމަވެސް އިބްނު ސައުދަށް ކާފަ ކިޔާ ދަރިއަކު ވަނީ މިސްރުގެ ލަޝްކަރުތަކާ ހަނގުރާމަކޮށް، "އަމީރާތު އޮފް ނަޖްދު"ގެ ނަމުގައި އަނެއްކާ ވެސް ދެވަނަ ސައުދީ ދައުލަތެއް 1824ގައި އުފައްދައިފަ އެވެ. ނަމަވެސް އެ ވެރިކަމުގައި އުފެދުނު އާއިލީ ވެރިކަމުގެ ކޯޅުމާ އެހެނިގެން ސަބަބުތަކާ ހުރެ އެ ދައުލަތް އުވިގެންދިޔަ އެވެ.

ތިން ވަނަ ސައުދީ ދައުލަތް އަދި މިހާރުގެ ސައުދީ އަރަބިއްޔާ ވުޖޫދަށް އައީ 1932 ވަނަ އޭރު ހިޖާޒްގެ ރަސްކަލަކަށް ހުންނެވި އަލީ ބިން ހުސައިންއާ ދެކޮޅަށް ހަނގުރާމަކޮށް އެތަން ހިފުމަށް ފަހު އެވެ.

އާ ކަރިކިއުލަމްގައި އުސްމާނީ ދައުލަތުން ސައުދީގެ ކުރީގެ ދައުލަތާ ދެކޮޅަށް ކުރި ހަނގުރާމާގައި ސުންނާފަތިކޮށްލިކަމަށް ބުނާ ސައުދީގެ އަވަށްތަކުގެ ވާހަކަ ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ސައުދީގެ ފުރަތަމަ ދައުލަތުގެ އެންމެ ފަހުގެ އިމާމް އަބްދުއްﷲ ބިން ސައުދު އިސްތަންބޫލަށް ގެންގޮސް ގަތުލު ކުރި ވާހަކަ ހިމަނައިފައިވެ އެވެ.

ސައުދީން އުސްމާނީ ދައުލަތާ ދެކޮޅަށް ފާޅުގައި އަޑުގަދަކުރަން ފެށިއިރު ސައުދީ އާއި ތުރުކީއާ ގުޅުން ފަހުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ތުރުކީގެ ބޮޑުވަޒީރު ތައްޔިބް އުރުދުއާންއަކީ އުސްމާނީ ދައުލަތް އަނބުރާ ގެނައުމަށް ތާއިދުކުރައްވާ ބޭފުޅެއް ވެސްމެ އެވެ. އަދި ދާދި ފަހުން ސައުދީގެ ނޫސްވެރިޔާ ޖަމާލް ޙާޝުގްޖީ ތުރުކީގައި މަރާލި ހާދިސާގައި ތުރުކީން ވަނީ ސައުދީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މަސްދަރު : ސައުދީ ގެެޒެޓް

comment ކޮމެންޓް