ޕެންޝަނާއި އިންޝުއަރެންސް ލިބޭ ގޮތަށް މަސްވެރިކަމުގެ ބިލަށް ބޮޑު ބަދަލެއް

މަސްވެރިކަމުގެ ބިލު ދިރާސާ ކުރުމަށް ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ދިވެހި މަސްވެރިންނަށް ޕެންޝަނަކާއި އެކު ޑިސްއޭބިލިޓީ އިންޝުއަރެންސް ލިބިދެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި މަސްވެރިކަމާ ބެހޭ ބިލު ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިންވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. ބިލު މަޖިލީހަށް ހުށަހެޅިއިރު ގިނަ ބައެއްގެ ފާޑު ކިޔުން އެ ބިލަށް އަމާޒުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން މިއަދު ވަނީ އެ ބިލު ބޮޑެތި ބަދަލުތަކަކާއެކު ފާސްކޮށްފަ އެވެ.

އެގޮތުން ބިލަށް ގެނައި އެއް ބަދަލަކީ މަސްވެރިންނަށް ޕެންޝަން ދޭންޖެހޭ ގޮތަށް ބިލުގައި ހިމެނުމެވެ. ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ މަސްވެރިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

"މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭ ސްކީމެއް. މިނިސްޓްރީގެ މަޝްވަރާގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަން ވާނެ އެވެ،" މަސްވެރިންގެ ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިންނަށް ޕެންޝަނަކާ އެކު ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފާހަގަކުރެއްވި އެވެ. މަސްވެރިނަށް ޕެންޝަނެއް ކަށަވަރުކޮށްދިނުމާއި ޒުވާން މަސްވެރިން މަސްވެރިކަމަށް ނެރޭނެ ގޮތްތަކެއް ތަފްސީލުކޮށް ބިލުގައި ލިޔަން ޖެހޭ ކަމަށް އީވާ އެދުވަހު ވިދާޅުވި އެވެ.

ޕެންޝަނެއް ދޭން ބިލުގައި ހިމެނުމުގެ އިތުރުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލަންވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ބިލު ތަސްދީގުކުރާތާ 100 ދުވަހުގެ ތެރޭގައި އެ ދަފްތަރު އެކުލަވާލާ ނިންމަން ޖެހޭ ގޮތަށް ގާނޫނުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީއާ އެވެ. އޮޑިދޯނި ފަހަރާއި އޮޑިވެރިންނާއި ފަޅުވެރިން އެނގޭ ގޮތަށް އެ ދަފްތަރު އެކުލަވާލުމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަސްވެރިންގެ ބިލު އިގްތިސާދީ ކޮމިޓީއިން ފާސްކޮށްފައި ވަނީ އިގްތިސާދީ ކޮމިޓީގެ އެބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް އިސްލާހުތަކާ އެކު ކޮމިޓީއިން ފާސްކުރިއިރު އެ ބިލްގައި އެމްޑީޕީއިން މަސްވެރިންނަށް ހުށަހެޅި ސިޔާސަތުތައް ނުހިމެނޭ ކަމަށް ބުނެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އިތުރުވި އެވެ. އަދި އެ ބިލަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ، މަޖިލީހުގެ ބަހުސް މަރުހަލާގައި މެންބަރުން ފާޅު ކުރެއްވި ހިޔާލުތަކާ އެއްގޮތަށް ގެނެސްފައިވާ ބަދަލުތަކެކެވެ.

comment ކޮމެންޓް