ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި، އެކަމަށް އެދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެވޭނީ ތިން ސަރަހައްދެއްގަ އެވެ.

އެއީ ނިރޮޅުމަގާއި، ހުވަނދުމާ ހިނގުން އަދި ފެރީޓަރމިނަލް ސަރަހައްދެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން، މިސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

އަދި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައި ކަމަށާއި، ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް