ސައުދީ ވަލީއަހުދުގެ ފަރާތުން ސޫދާނުގެ ކުރީގެ ރައީސަށް 25 މިލިއަން ޑޮލަރު ލިބުނު!

ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު، އިއްޔެ ކޯޓުގައި -- ފޮޓޯ/ ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ފަރާތުން 25 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ލިބިވަޑައިގެންނެވި ކަމަށް ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު އިއުތިރާފުވެވަޑައިގެންފި އެވެ.

އުމަރު އަލް ބަޝީރަކީ ސޫދާނުގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި އެގައުމުގެ ކުރީގެ ރައީސެވެ. އެހެން ނަމަވެސް އެގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކާ އެކު، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އުމަރު އަލް ބަޝީރުގެ ވެރިކަން ވެއްޓުނެވެ.

ބަޝީރުގެ ސަރުކާރު ވެއްޓުމަށް ފަހު އޭނާ ހައްޔަރުކުރި އިރު، ސޫދާނުގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ ބަޝީރުގެ ގެކޮޅުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ފެނިފަ އެވެ.

އޭނާގެ މައްޗަށް ގާނޫނާ ހިލާފަށް ބޭރު ފައިސާ ގެންގުޅުނުކަމާއި ކޮރަޕްޝަނުގެ ދައުވާ އުފުލާފައިވާ އިރު، ކޯޓުގައި ބަޔާން ދެއްވަމުން ބަޝީރު އިއްޔެ ވަނީ ސައުދީ ޕްރިންސް މުހައްމަދު އޭނާއަށް ފައިސާ ފޮނުއްވި ކަމަށް އިއުތިރާފުވެފަ އެވެ.

"އަހަރެންގެ އޮފީހުގެ މެނޭޖަރަށް ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ފަރާތުން ކޯލްއެއް ލިބުނު. ޕްރިންސް ވިދާޅުވީ ޕްރައިވެޓް ޖެޓެއްގައި 'މެސެޖެއް' އެބަ ފޮނުވާ ކަމަށް،" ސޫދާނުގެ ވެރިރަށް ޚާރުތޫމްގެ ކޯޓުގައި އިން ދަގަނޑު ކޮއްޓެއްގެ ތެރޭގައި އިންނަވައި، ބަޝީރު ވިދާޅުވި އެވެ.

"އަހަރެމެން ކައިރީގައި ވިދާޅުވީ އެ ފައިސާއާ ގުޅުވާފައި ޕްރިންސްގެ ނަން އެއްވެސް ތަނެއްގައި އޮތުމަށް ނޭދޭކަމާށް. މި ފައިސާ ސޫދާނުގެ ބޭންކަށް ނުވަތަ ފިނޭންސް މިނިސްޓްރީއަށް ޑިޕޮސިޓްކުރި ނަމަ އެ ފައިސާ ލިބުނު ގޮތް އެބަ ޖެހޭ ބުނެދޭން،" އޭނާ ވިދާޅުވި އެވެ.

ސޫދާނުގެ ކުރީގެ ރައީސް ބަޝީރު ކޯޓުގައި ވިދާޅުވީ، "ބޭނުން ކަމަކަށް އެ ފައިސާ ޚަރަދުކުރުމަށް" ޕްރިންސް މުހައްމަދު ވިދާޅުވި ކަމަށެވެ. އެ ފައިސާގައި ހިއްޕެވީ ސޫދާނާ ގާތް ގުޅުމެއް އޮންނަ ގައުމެއް "ދެރަ"ނުކޮށްލުމަށް ކަމަށާއި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ފައިސާ ދިނުމުގެ މަގުސަދެއް އަދި ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ބަޝީރު ކޯޓުގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް އުމަރު އަލް ބަޝީރު ކޯޓުގައި ވިދާޅުވި ގޮތުގައި ޕްރިންސް މުހައްމަދު ފޮނުއްވި 25 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ސޫދާން ސަރުކާރުގެ ނުރަސްމީ އަސްކަރީ ގްރޫޕު ރެޕިޑް ސަޕޯޓް ފޯސް (އާރުއެސްއެފް)އަށް، ސޫދާނުގެ ޔުނިވާސިޓީއަކަށް ހަތަރު މިލިއަން ޑޮލަރު، އަދި އަސްކަރީ ހޮސްޕިޓަލަކަށް ދެ މިލިއަން ޑޮލަރު ދެއްވި އެވެ. ނަމަވެސް އެ ފައިސާ އެފަދައިން ދެއްވިކަމުގެ އެއްވެސް ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ނޯންނާނެ ކަމަށް އޭނާ ކޯޓުގައި ވިދާޅުވި އެވެ.

އަދި އެއްވެސް ފައިސާއެއް އަމިއްލަ ބޭނުމަކަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޫދާނުގެ ކުރީގެ ރައީސް ކޯޓުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ނުލިބޭކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެ އެވެ.

އުމަރު އަލް ބަޝީރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

comment ކޮމެންޓް