އެސްއެމްއީ ބޭންކަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިއްޖެ

މިނިސްޓަރު ފައޔްާޒު ރޭގެ ޑިސްކަޝަންގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މެދުވެރިކޮށް ލޯނު ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގެ ތެރެއިން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެސްއެމްއީ ބޭންކު އުފެއްދި ފަހުން، އެބޭންކަށް "އޮބިނޯންނަަ ވަރަށް" އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް އައިއިރު އެއް ބިލިއަން ރުފިޔާގެ އެޕްލިކޭޝަން އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި. ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ޖެހޭނީ އޭގެތެރެއިން އެއްބަޔަކު ދޫކޮށްލަން. ބޮޑުބައި ދޫކޮށްލަން. ފައިސާ މިހުންނަނީ ވަކިވަރަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަޖެޓު މަޖިލީހަށް ފޮނުވާއިރު އެސްއެމްއީ ބޭންކުން ލޯން ދޫކުރަން ބަޖެޓް ކުރާވަރު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެސްއެމްއީ ލޯނަށް ދައުލަތުގެ ބަޖެޓުންދޭ އަދަދު އަދިވެސް އެތައް ގުނައެއް އިތުރުކުރުމަށް ރިކުއެސްޓު ކުރާނަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވިޔަފާރިތަކާއި ޒުވާނުންގެ ގިނަ ކަންތަކަށް އޮތް ވަރަށްބޮޑު ހައްލަކަށްވާނެ ރަނގަޅަށް އެކަން ކުރެވިއްޖެނަމަ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެސްއެމްއީ ބޭންކު މެދުވެރިކޮށް ދޫކުރާ ލޯނުގެ ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަކޮށްފައިވާނެ ކަމަށާއި، ހާއްސަކޮށް ޒުވާން އަންހެނުންނަށް އިސްކަން ދޭނެ ކަމަށެވެ.

"ޓާގެޓް މިކުރަނީ އެސްއެމްއީ ލޯނާއެކު އަތުގައި ހިފައިގެން މީހުން ނަގަން. ލާމަރުކަޒީ އުސޫލުގެ ގޮތަށް، އެސްއެމްއީ ކަންތަކުގައިވެސް އަޅުގަނޑުމެން މި ބަލަނީ އަތުގައި ހިފައިގެން މީހުން ކުރިއަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ލޯނު ދޭއިރު ލުއިފަސޭހަ ގޮތްތަކަށް ބައްލަވާ ކަމަށާއި ލޯނު ދޭއިރު ޒުވާނުންނަށް އިސްކަން ދޭކަމަށެވެ. އެސްއެމްއީ ބޭންކުންމިހާތަނަށް ދިން ލޯނުގެ 80 ޕަސެންޓަކީ ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭންކުތަކުން ލޯނު ދޫކުރާއިރު ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އަލަށް ވަޑައިގަންނަވާ ގަވަރުނަރު މަސައްކަތް ކޮށްދެއްވަން ޖެހެ އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ޒުވާނުން ރިސްކުނަގަން. އަޅުގަނޑުމެން ޒުވާނުން ރިސްކުނަގަން ޕުޝްކުރާ ކަމަށް ވަނީނަމަ، ސަރުކާރެއްގެ ހައިސިއްޔަތުން، ދައުލަތުގެ ހައިސިއްޔަތުން ސޭފްޓީ ނެޓެއްވެސް އެބޭފުޅުންނަށް ގާއިމްކޮށްދެން އެބަޖެހޭ. ވެއްޓިއްޖެ ހާލަތެއްގައި އަނބުރާ އަރައިގަނެވޭނެ ކޮންމެވެސް ގޮތެއް އޮންނަން އެބަޖެހޭ. މުޅި މި ސިސްޓަމް ބަދަލުވެގެން އަންނައިރު ގާނޫނާ، ފައިނޭންޝަލް ސިސްޓަމް ބަދަލުވާން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލޯނު ދިނުމަށްފަހު، ލޯނުގެ ރިޕޭމެންޓުގެ ކަންތައް ވަރަށް ކައިރިން ބަލާ ކަމަށެވެ. ލޯނު ދެއްކުން ލަސްވާނަމަ، އެއީ ކިހިނެއްވާކަމެއްތޯ ބަލާ ކަމަށާއި، ވިޔަފާރީގެ ދައްޗެއް އޮތްނަމަ އެހީތެރިވާނެ ގޮތްތައް ބަލާ އެހީ ދޭނެ ކަމަށެވެ.

އެސްއެމްއީ ބޭންކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް އެސްބީއައިއިން 25 މިލިއަން ޑޮލަރުގެ ކުރިޑިޓް ފެސިލިޓީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފަ އެވެ. މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ސަޕްލިމެންޓުގައި، އެސްއެމްއީ ބޭންކުން ލޯން ދޭން އިތުުރު 350 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް