ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން ބިލް ފާސްކޮށްފައި ވަނީ 72 މެމްބަރުންގެ ވޯޓާއެކުއެވެ.
އެ ބިލު ހުށަހަޅައިފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، ތަރިކަ ކަމަށް ބެލެވޭ ތަކެއްޗާއި، ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންވާ ގޮތަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ގައުމީ ސަގާފި ތަރިކަ ރައްކާތެރި ކުރާ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހޭނެއެވެ.
އަދި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވޭ ކަންކަމަށް ހަރަދުކުރުމަށް ޓްރަސްޓް ފަންޑެއް ގާއިމުކުރަން ވެސް ޖެހޭނެއެވެ.
ގައުމީ ދާރުލްއާސާރުގައި ހުންނަ ތަކެއްޗަށް ފުލުހުންގެ ފަރާތުން ދާއިމީ ރައްކާތެރިކަން ފޯރުކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ސިޓީ ޕޮލިސް އުފެދުމުން، އެކަން ސިޓީ ޕޮލިސްގެ ދަށަށް ބަދަލުކުރަން ވެސް ބިލުގައި ވެއެވެ.
ހަމައެއާއެކު އަމިއްލަ ފަރާތްތަކުގެ ދާރުލްއާސާރު ތަކާއި އާޓް މިއުޒިއަމްތައް ރަޖިސްޓަރީކޮށް ހިންގާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އާންމުކުރަން ޖެހެއެވެ.