ސައުދީން ނަޖީބު ރައްޒާގަށް ފައިސާ ހަދިޔާ ކުރުމާ ބެހޭ ގޮތުން ޕްރޮސެކިއުޓަރުންގެ ޝައްކުތަކެއް

މެލޭޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ޝަރީއަތަށް ހާޒިރު ވަނީ -- ފޮޓޯ: މެލޭމެއިލް

ކުއަލަލަމްޕޫރު (އޮގަސްޓް 28): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި 1އެމްޑީބީ ކޮރަޕްޝަނުގެ އެންމެ ބޮޑު ޝަރީއަތް މިއަދު ފަށައިފި އެވެ.

މެލޭޝިއާގައި 2009އަކުން 2018އަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ 42 ދައުވާއެއްކޮށްފަ އެވެ. އޭގެ ތެރެއިން މިއަދު ފެށި ޝަރީއަތުގައި ބަލަނީ އެގައުމުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފޮނުވި މައްސަލަ އާއި އެފައިސާ ލޯންޑާ ކުރުމުގެ 21 ދައުވާ އެވެ.

މީގެ ކުރިން 2015އިގައި މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމައްސަލަ ބެލުމަށް ފަހު ވަނީ އެފައިސާއަކީ ސައުދީ ޝާހީ އާއިލާއިން ނަޖީބަށް ހަދިޔާ ކުރި ފައިސާ ކަމަށް ނިންމާފަ އެވެ.

ނަމަވެސް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓަރުން ވަނީ އެއީ ސައުދީން ހަދިޔާ ކުރި ފައިސާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ސައުދީ އަމީރަކު ފައިސާ ހަދިޔާ ކުރި ކަމަށް ބުނާ ސައްހަ ނޫން ލިޔެކިޔުންތަކެއް ހަދާފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

"އަރަބި އަމީރަކު ފައިސާ ހަދިޔާ ކުރި ކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހަދާފައިވޭ. އޭގެ ތެރޭގައި އެ އަރަބި މީހާ ލިޔުނު ކަމަށް ބުނާ ސިޓީތަކާއި 25 މިލިއަން ޑޮލަރުގެ ހަތަރު ޗެކު ހިމެނުނު،" ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

އަދި 1އެމްޑީބީގެ ކޮރަޕްޝަނުގެ ތަހުގީގަށާއި އެމައްސަލައިގައި އިންސާފު ހޯދުމަށް ނަޖީބު ހުރަސް އެޅި ކަމުގެ ހެކި އެޝަރީއަތުގެ ތެރޭގައި ހުށަހަޅާނެ ކަމަށްވެސް ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

ނަޖީބު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީގެ 4.5 ބިލިއަން ޑޮލަރު ވަނީ ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެގައުމުގެ އިތުރުން ފަސް ގައުމަކުން ދަނީ 1އެމްޑީބީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ބަލަމުންނެވެ.

comment ކޮމެންޓް