އަޒްމީ ދުނިޔެ ދޫކުރިޔަސް އޭނާގެ ހުނަރު އަބަދަށް!

އަލްމަރްހޫމް އަޒްމީގެ ހުނަރުވެރި މަސައްކަތްތަށް ދައްކާލުމަށް އާޓް ގެލެރީގައި ކުރިއަށް ދާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނުގައި އަލަށް ހުޅުވި މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި މަސައްކަތް ކުރަމުން ދަނިކޮށް، ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ނިޔާވި އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒުމީގެ ހުރިހާ ރަހުމްތެރިން ވެސް އެއްބަސްވާ އެއް ކަމެއް އޮވެ އެވެ؛ އޭނާ އަކީ މޮޅު ހުނަރުވެރިއެކެވެ. އޭނާ ކުރާ މަސައްކަތެއް ނަމަ ކުރަނީ އެހާމެ ފަރުވާތެރިކޮށް ނުހަނު ގަޔާވެގެން އެވެ. އޭނާގެ މަސައްކަތްތަކުގެ މޮޅު ކަމާ މެދު ސުވާލެއް އުފައްދާނެ ޖާގައެއް ނޯވެ އެވެ. އެއީ އެހާވެސް ފުރިހަމަ އުފެއްދުންތަކެކެވެ.

އަޒްމީއަކީ ލަކުޑިން ތަކެތި އުފެއްދުމުގައި އަރާހުރި މާވަޑިއެކެވެ. އޭނާގެ އުންމީދަކަށްވެފައި އޮތީ އޭނާގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމެވެ. އެކަމަކު އެ އުންމީދު ހާސިލް ނުވެ އުޅެނިކޮށް އަހަރުމެންނާ އޭނާ އަބަދަށް އަލްވަދާއު ކިޔަން ޖެހުނީ އެވެ.

އަޒްމީ އަހަރުމެންނާ އެކު މިއަދު ނެތަސް އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިދިނީ ރަހުމަތްތެރިންނާއި އާއިލާއިންނެވެ. ތަފާތު ވައްތަރުގެ ލަކުޑި ހޯއްދަވައިގެން ތަކެތި ތައްޔާރުކުރެއްވުމަކީ އަޒްމީގެ ރަސްމީ ވަޒީފާއަށް ފަހު އޭނާ ކުރައްވާ މަސައްކަތެވެ. އެ މަސައްކަތް އޭނާ ކުރައްވަނީ ނުލާހިކު ޖޯޝާ ފޯރީގައި، ހިތާއި ފުރާނަ އެކަމަށް ހުސްކުރައްވައިގެން އެވެ.

އަލްމަރްހޫމް އަޒްމީގެ ހުނަރުވެރި މަސައްކަތްތަށް ދައްކާލުމަށް އާޓް ގެލެރީގައި ކުރިއަށް ދާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާޓްގެލަރީގެ މިދިޔަ އާދިއްތަ ދުވަހު ހުޅުވި "އަޒްމީ މެމޯރިއަލް އެގްޒިބިޝަން" އިން އާ ވަނީ އޭނާގެ ހަނދާންތަކެވެ. މިއަދު އިރުއޮއްސި 6:00 ގައި އެ އެގްޒިބިޝަން ބަންދުވި ނަމަވެސް ހުނަރުން ފުރިގެންވާ އޭނާގެ ފުރިހަމަ މަސައްކަތްތައް ތާ އަބަަދަށް އަހަރުމެންގެ ހަނދާނުގައި ހަރުލާފައި ހުންނާނެ އެވެ.

އަލްމަރްހޫމް އަޒްމީގެ ހުނަރުވެރި މަސައްކަތްތަށް ދައްކާލުމަށް އާޓް ގެލެރީގައި ކުރިއަށް ދާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އެގްޒިބިޝަނުން އޭނާގެ މޮޅު ގިނަ އުފެއްދުންތައް ފެންނާން އެބަ ހުއްޓެވެ.

ދިވެހި ރުކުގެ ލަކުޑިންނާއި، ހިރުނދު ގަހާއި ކުރެދި ގަހުގެ ލަކުޑިންވެސް އަޒްމީ ވަނީ ތަކެތި ހައްދަވައިފަ އެވެ.

ލަކުޑި ކޮށައި މަށައިގެން ގޭތެރޭގައި ބޭނުންކުރެވޭނެ ތަށިތަކާއި، ކުޑަ ފޮށިތަކާއި، ރީއްޗަކަށް ބަހައްޓާލެވޭނެ ފަދަ އެތައް ލަކުޑީގެ އުފެއްދުމެއް އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

އަލްމަރްހޫމް އަޒްމީގެ ހުނަރުވެރި މަސައްކަތްތަށް ދައްކާލުމަށް އާޓް ގެލެރީގައި ކުރިއަށް ދާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޒްމީ ނިޔާވި ހާދިސާ އޭނާއާ ކުރިމަތިވި އިރު، ވެސް އެކުވެރިންތަކަކާ އެކު އޭނާ ހުންނެވީ މުހައްމަދު ޖަމީލް ދީދީ މިސްކިތުގެ ލަކުޑީގެ މަސައްކަތް ކުރެއްވުމުގަ އެވެ. އެ މަސައްކަތް އޭނާ ދަސްކުރެއްވީ 2011ގަ އެވެ. އަޖުމަބަލައިލުމަށް ފެއްޓެވި މަސައްކަތަށް އެންމެ ފަހުން އަޒްމީ ހިތް ޖެހި އޭނާގެ މަސައްކަތް ވެސް އެތައް ބަޔަކަށް ކަމުދިޔައީ އެވެ.

އަލްމަރްހޫމް އަޒްމީގެ ހުނަރުވެރި މަސައްކަތްތަށް ދައްކާލުމަށް އާޓް ގެލެރީގައި ކުރިއަށް ދާ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމަގައިމުވެސް ގެއްލިގެން އެ ދިޔައީ ހުނަރުވެރިއެކެވެ. އުފެއްދުންތެރިއެކެވެ. އެ ހުނަރުވެރިޔާ އަތުން އުފައްދާ އާ މަސައްކަތްތަކެއް ނުފެނުމަކީ ފަޅުމަކަމަށް ވާނެ އެވެ. އެކަމަކު އަޒްމީގެ ފެންނާން ހުރި ހުނަރުވެރި މަސައްކަތްތަކުން އޭނާގެ ޒިކުރާތައް ތާއަބަދަށް އަހަރުމެންނާ އެކު ދެމިހުންނާނެ އެވެ.

comment ކޮމެންޓް