އައްޑޫގައި ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއަށް ހޫނު ތަރުހީބެއް

މީގެ ކުރިން ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއެއްގެ ތެރެއިން--- ފޮޓޯ: ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން

އަންނަ މަހު ހަަތަރެއްގައި އައްޑޫ ސިޓީގައި ފަށާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއަށް ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ކޮންފަރެންސް އިންތިޒާމް ކުރާ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައި މުއްދަތު ހަމަވުމުގެ ތިން ހަފްތާގެ ކުރިން ހުރިހާ ސީޓްއެއް ފުލްވެފައިވާ ކަމަށެވެ.

އެ ކޮންފަރެންސްއަށް ހުޅުވާލީ 250 ޖާގަ އެވެ. އެ ކޮންފަރެންސްގައި އިންޑިއާ، ސްރީލަންކާ، އިނގިރޭސިވިލާތް، ސިންގަޕޫރު އަދި ބްރެޒިލްގެ ޓީޗަރުން ބައިވެރިވެ އެވެ.

ޝުހުދާ ވިދާޅުވީ އެ ކޮންފަރެންސްއަށް ޕޭޕަރު ހުށަހެޅުމަށް ހުޅުވާލުމުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 100 ޕޭޕަރު ހުށަހެޅި ކަމަށާއި އެހެންނަމަވެސް އިވެލުއޭޓް ކުރުމަށްފަހު ހޮވީ 98 ޕޭޕަރުކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝުުހުދާ ވިދާޅުވީ އެ ކޮންފަރެންސްގައި ހުށަހަޅާ ޕޭޕަރުތައް ފޭސްބުކް މެދުވެރިކޮށް ލައިވްކުރުމަށް މިހާރު އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ.

ޝުހުދާ ވިދާޅުވީ ކޮންފަރެންސްގައި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް އަދި އިނގިރޭސިވިލާތުގެ އެސެސްމަންޓް އެންޑް އިވޭލުއޭޝަންސްގެ ހާއްސަ ތަޖުރިބާކާރެއްގެ ކީ ނޯޓް ސްޕީޗްތަކެއް ދިނުމަށްވެސް މިހާރު ރާވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އޭޝިއާ ސަރަހައްދުގަައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި ކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި ކޮމިއުނިޓީގެ ރޯލާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވއިެވެ.

comment ކޮމެންޓް