ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީވެއްޖެ

ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

އިއްޔެ ހަވީރު ސްޓެލްކޯގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި އެތަކެއްޗާ ރާއްޖެއިން ހަވާލުވެލެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

އިއްޔެ ޖަޕާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި، ދަތުގެ ފަރުވާ ދިނުމަށް ބޭނުންކުރާ އެކްސްރޭ މެޝިނާއި، ޑެންޓަލް ޔުނިޓްގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަލްޓްރާ ސައުންޑް ސްކޭނަރާއި ޕޯޓެބަލް އަލްޓްރާ ސައުންޑް ސްކޭނަުގެ އިތުުރުން، ޓްރާންސްޕޯޓެބަލް އިންކިއުބޭޓަރސް، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ އަދި އެމަރޖެންސީ ޓްރާންސްޕޯރޓް ވެންޓިލޭޓަރެއް ހިމެނެ އެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން 21 ޕެރެމެޑިކް އެމްބިއުލެންސްވެސް އަންނަ މަހު ރާއްޖެ ގެނައުމަށް ވަނީ ނިންމައިފަ އެވެ.

ޖަޕާނުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި އެހީތަކެއް ވެދީފައެވެ. އެގޮތުން 2017 ވަަނަ އަހަރުވެސް ވަނީ 14 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޖަޕާންގެ ސަރުކާރުން ރާއްޖެއަށް ވެދެމުންދާ އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާވަމުންދާ ކަމަށެވެ.

comment ކޮމެންޓް