އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވާލުމަށް ޖީ7އިން ދޭ އެހީ ބްރެޒިލްއިން ގަބޫލުނުކުރި

އެމެޒޯން ޖަންގަލީގައި ދަނީ ރެކޯޑު ރޭޓެއްގައި އަނދަމުން -- ފޮޓޯ: ގެޓީ

ސައޮ ޕައޮލޯ (އޮގަސްޓް 27): އެމެޒޯންގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ޖީ7 ގައުމުތަކުން ދޭން ނިންމި އެހީ ގަބޫލު ނުކުރާނެކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފިއެވެ.

ފްރާންސް، އެމެރިކާ، ޖަޕާން، ޖަރުމަނު، ފްރާންސް، އިޓަލީ، އިނގިރޭސިވިލާތް އަދި ކެނެޑާގެ ލީޑަރުން ބައިވެރިވި ޖީ7 ސަމިޓުގެ ތެރޭގައި ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވާލުމުގައި އެހީތެރިވުމަށް އެގައުމުތަކުން 22 މިލިއަން ޑޮލަރު ހަދިޔާ ކުރާނެއެވެ. އަދި އިނގިރޭސިވިލާތާއި ކެނެޑާއިން ވަކިން 12 މިލިއަން ޑޮލަރާއި 11 މިލިއަން ޑޮލަރު ދޭނެއެވެ.

މެކްރޮން އިއްޔެ ވިދާޅުވި ގޮތުގައި އެ ފައިސާގެ އެހީ ވަގުތުން ފޯރުކޮށްދޭނެއެވެ. އަދި ފްރާންސުން އޮތީ އަސްކަރީ އެހީވެސް ފޯރުކޮށްދޭން ތައްޔާރަށެވެ.

ނަމަވެސް ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ޗީފް އޮފް ސްޓާފް އޮނިކް ލޮރެންޒޮނީ ވަނީ އެގައުމުން އެ އެހީ ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"ދުނިޔޭގެ އާސާރީ ތަނެއްގެ ގޮތުގައި ދެކޭ ފްރާންސުގެ ފައްޅިއެއްގައި އަލިފާން ރޯވުންވެސް މެކްރޮންއަކަށް ނުހުއްޓުވުނު އެކަމަކު އޭނާ ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމަށް [ކަންތައް ކުރަންވީގޮތް] ކިޔާ ދޭން؟" ލޮރެންޒޮނީ ވިދާޅުވިއެވެ.

ލޮރެންޒޮނީ އެފަދައިން ވިދާޅުވީ ޕެރިސްގެ 856 އަހަރުވީ ނޯޓްރަ ޑާމް ފައްޅީގައި މިދިޔަ އޭޕްރިލް މަހު ރޯވި ހާދިސާއާ ގުޅުވައިގެންނެވެ.

އަދި ރައީސް ބޮލްސޮނާރޯގެ ޑިފެންސް މިނިސްޓްރީން ވަނީ އެމެޒޯންގެ އަލިފާންގަނޑުތައް ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފައެވެ.

ނަމަވެސް ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗްއިން ބުނި ގޮތުގައި އެމެޒޯން ޖަންގަލީގައި ވަނީ ރެކޯޑު މިންވަރަކަށް އަލިފާން ރޯވެފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ރޯވި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 85 ޕަސެންޓް އިތުރުވެފައި ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

މީގެ ކުރިން ރައީސް ބޮލްސޮނާރޯ ވަނީ އެމެޒޯންގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ބޭނުންވާ ވަސީލަތްތައް އެ ގައުމުގައި ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއަލިފާންގަނޑުތައް ނިއްވާލުމަށް ޔޫރަޕްގެ ލީޑަރުން ޕްރެޝަރު ކުރުމުން ބޮލްސޮނާރޯގެ ސަރުކާރުން ވަނީ އެ މަސައްކަތަށް ގައުމުގެ ސިފައިން ފޮނުވަން ފަށާފައެވެ.

ބްރެޒިލްގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ މިއަހަރު އެގައުމުގެ ވެރިކަމަށް ބޮލްސޮނާރޯ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ޖަންގަލިތަކުގެ ގަސްތައް ކަނޑާ، އެ ބިންތައް ވިޔަފާރިއަށް ބޭނުން ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެފައެވެ. އެހެންކަމުން ޖަންގަލީގެ ބައެއް ސަރަހައްދުތަކުގައި ދަނޑުވެރިން ރޯކުރަމުން ދަނީ ގަސްތުގައި ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް