އެމެޒޯންގެ އަލިފާންގަނޑުތައް ނިންވާލުމުގައި ޖީ7 ގައުމުތަކުން އެހީވަނީ

އެމެޒޯންގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ޖީ7 ގައުމުތަކުން އެހީވާނެ ކަމަށް ފްރާންސްގެ ރައީސް ވިދާޅުވެއްޖެ -- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 26): އެމެޒޯން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމުގައި ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން އެހީތެރިވެދޭނެ ގޮތަކާ ބެހޭ އެއްބަސްވުމެއް ހަދަމުންދާ ކަމަށް ފްރާންސުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި އެގައުމުގައި ކުރިއަށްދާ ޖީ7 ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވުމަށް ފޯރުކޮށްދެވޭނެ "ޓެކްނިކަލް އަދި މާލީ އެހީ"އާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

"އެމެޒޯން ޖަންގަލި ބެހިފައިވާ ގައުމުތަކަށް ޓެކްނިކަލް އަދި މާލީ އެހީ ފޯރުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ އެގައުމުތަކާ ވާހަކަ ދައްކަމުން،" މެކްރޮން ވިދާޅުވި އެވެ.

އަދި އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ވަނީ އެމެޒޯން ޖަންގަލި ރައްކާތެރި ކުރުމަށް ޓަކައި އެގައުމުން 11 މިލިއަން ޑޮލަރު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖީ7 ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޖަޕާން، ޖަރުމަނު، ފްރާންސް، އިޓަލީ، އިނގިރޭސިވިލާތް އަދި ކެނެޑާ އެވެ.

އެއް ބިލިއަން އޭކަރަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެމެޒޯން ޖަންގަލީގެ ބޮޑުބައެއް އޮންނަނީ ބްރެޒިލްގަ އެވެ. ނަމަވެސް ޕެރޫ، ކޮލޮމްބިއާ، ވެނެޒުއޭލާ އަދި ބޮލީވިއާ ފަދަ ބައެއް ގައުމުތަކަށް ވެސް އެމެޒޯން ބެހިފައިވެ އެވެ.

ބްރެޒިލްގެ ހޫނު މޫސުމުގައި އެގައުމުގެ ޖަންގަލިތަކުގައި ރޯވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ރޯވި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 85 ޕަސެންޓް އިތުރުވެފައި ކަމަށް ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗްއިން ބުނެ އެވެ.

ބްރެޒިލްގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ މިއަހަރު އެގައުމުގެ ވެރިކަމަށް ރައީސް ޖައިރު ބޮލްސޮނާރޯ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ޖަންގަލިތަކުގެ ގަސްތައް ކަނޑާ، އެބިންތައް ވިޔަފާރިއަށް ބޭނުން ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެފަ އެވެ. އެހެންކަމުން ޖަންގަލީގެ ބައެއް ސަރަހައްދުތަކުގައި ދަނޑުވެރިން ރޯކުރަމުން ދަނީ ގަސްތުގައި ކަމަށް ބުނެފަ އެވެ.

ނަމަވެސް ބޮލްސޮނާރޯ ވަނީ ޖަންގަލިތަކުގައި ރޯކުރަނީ އެގައުމުގެ ސަރުކާރު ލަދުގަންނަވާލަން ބޭނުންވާ، ތިމާވެއްޓާ ގުޅުން ހުރި ޖަމިއްޔާތަކުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ހާމަ ނުކުރައްވަ އެވެ.

މީގެ އިތުރުން ބޮލްސޮނާރޯ ވަނީ އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވާލުމަށް ބޭނުންވާ ވަސީލަތްތައް އެގައުމުގައި ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އެއަލިފާންގަނޑުތައް ނިއްވާލުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ ލީޑަރުން ޕްރެޝަރު ކުރުމާ ގުޅިގެން ބޮލްސޮނާރޯ ވަނީ އެމަސައްކަތަށް ގައުމުގެ ސިފައިން ފޮނުވަން ފައްޓަވާފަ އެވެ.

comment ކޮމެންޓް