އީރާނުގެ ޚާރިޖީ ވަޒީރު، ޖީ7ގެ ސަމިޓަށް ކުއްލި ގޮތަކަށް ވަޑައިގެންފި

އީރާނުގެ ޚާރިޖީ ވަޒީރު ޖީ 7 ގެ ސަމިޓަށް އިއްޔެ ކުއްލި ގޮތަކަށް ތެހެރާނުން ފުރާވަޑައިގަންނަވަނީ

ބިއާރިޓްޒް (އޮގަސްޓް 26): ފަރަންސޭސިވިލާތުގެ ދެކުނުގެ ބިއާރިޓްޒްގައި ކުރިޔަށްދާ ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) ގެ އިސްވެރިންގެ ސަމިޓަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ކުއްލިއަކަށް ވަޑައިގެން، ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންއާ ބައްދަލުކުރައްވައިފިއެވެ.

ޒަރީފްއާ މެކްރޯން ޖީ7ގެ ހަވާސާގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުންކަމަށް ފަރަންސޭސި މިޑިއާއިން ބުނެއެވެ. މެކްރޯން ވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލަން އެއްބަސްވާނަމަ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ހުށަހެޅުމެއް ޖީ7ގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވާފައެވެ. ނަމަވެސް މެކްރޯންގެ އެހުށަހެޅުމަށް ޓްރަމްޕްގެ ތާއީދު ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖީ 7 ގެ އަރިމަތީގައި ފަރަންސޭސި ރައީސް އީރާނުގެ ޚާރިޖީ ވަޒީރު އާ ބައްދަލު ކުރައްވަނީ

މި މައްސަލައާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ޖީ7ގެ ސަމިޓްގެ އަރިމަތީގައި ޓްރަމްޕް ވަނީ އީރާނާ މުއާމަލާތް ކުރުމުގައި ޖީ7ގެ އެހެން ގައުމުތަކާއި އެމެރިކާގެ ސިޔާސަތު ވަރަށް ބޮޑަށް ތަފާތުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޒަރީފް "ބިއާރިޓްޒް"އަށް ވަޑައިގެން މެކްރޯންއާ ޖީ7ގެ އެހެން ލީޑަރުންނާ ބައްދަލުކުރެއްވި ނަމަވެސް އެކަމަށް ހުރަސް އެޅުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށާ އެހެން ނަމަވެސް އީރާނާމެދު އެމެރިކާ ގެންގުޅޭނީ އެހެން ގައުމުތަކާ މުޅިން ތަފާތު ސިޔާސަތެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޖީ7ގެ ސަމިޓް މާދަމާ ނިމޭއިރު އެ ސަމިޓުގެ އަރިމަތީގައި އީރާނުގެ ޚާރިޖީ ވަޒީރު ޒަރީފް، ފަރަންސޭސި ރައީސް މެކްރޯންގެ އިތުރުން ޖީ7ގެ ބައެއް އެހެން ލީޑަރުންނާ ބައްދަލުކުރެއްވުން އެކަށީގެންވާ ކަމަށް އީރާނުގެ މީޑިއާ ބުނެއެވެ. އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ ޒަރީފްގެ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫނީ އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ ބައްދަލު ނުކުރައްވާނެކަމަށާ ނަމަވެސް ޖީ7ގެ އެހެން ބައެއް ލީޑަރުންނާ ޒަރީފް ބައްދަލުކުރައްވާނެ ކަމުގައެވެ.

ޖީ 7 ގެ ސަމިޓް ، ފަރަންސޭސިވިލާތުގެ ބިޔާރިޓްސް ގައި ކުރިޔަށް ދަނީ

ދުނިޔޭގައި ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ޖީ7ގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، އިޓަލީ، ކެނެޑާ އަދި ޖަޕާން އަދި ފަރަންސޭސިވިލާތެވެ. ޖީ7ގެ ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އިސްކަން ދެނީ އިގްތިސާދާއި ވިޔަފާރީގެ މައްސަލަތަކަށެވެ.

މި ސަމިޓްގައި މަޝްވަރާ ކުރުމަށް ފަރަންސޭސިވިލާތުން އެޖެންޑާ ކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ލީބިޔާއާ ސީރިއާގައި ހިނގަމުންދާ ހަނގުރާމަތަކާ، އުތުރު ކޮރެއާގެ މައްސަލައިގެ އިތުރުން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލައާއި އެމޭޒަންގެ ޖަންގަލީގައި މިހާރު އަނދަމުންދާ އަލިފާންގަނޑުގެ މައްސަލަވެސް ހިމެނެއެވެ.

މީގެ އިތުރުން، އީރާނުން ނިއުކްލިޔާ މައްސަލައާ ބެހޭގޮތުންވެސް ޖީ7ގެ ސަމިޓްގައި މަޝްވަރާކުރާނެ ކަމެއް ކަމަށް ފަރަންސޭސިވިލާތުން ވަނީ ބުނެފައެވެ. ނަމަވެސް މި ސަމިޓުގައި ޚިޔާލު ތަފާތުވުން ބޮޑުކަމުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ނުގެންދެވޭ ކަމަށާ އެމެރިކާއާއި އެހެން ގައުމުތަކުގެ ވިސްނުން ވަރަށް ގިނަ ކަންކަމުގައި ވަރަށް ތަފާތު ކަމަށް އޮބްޒާވަރުން ބުނެއެވެ.

ފަހުގެ ޖީ7ގެ ސަމިޓްތަކަށް ބަލާއިރު ކަންކަމުގައި އެއްގަލަށް އެރުމަކީ ޖީ7ގެ ލިޑަރުންނަށް ދުވަހުން ދުވަހުން އުނދަގޫވަމުން އަންނަ ކަމެއްކަން މުހައްލިލުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ސިޔަސަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުން ޖީ7ގެ ވެރިންގެ ތެރޭގައި އެމެރިކާގެ އިތުބާރުވަނީ ކުޑަވާގޮތްވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް