އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހިކޯ ނަކާއޯ ރާއްޖެ ވަޑައިގެންފިއެވެ.
ނަކާއޯ އަށް ރާއްޖެއިން މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިއީ ނަކާއޯ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ނަކާއޯ މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރާއެކު މާދަމަ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އޭޑީބީގެ އެހީގައި މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލައްވައި، ސަރުކާރުގެ އިސްއޮފިޝަލުންނާއެކު ވަށްމޭޒު ބައްދަލުވުމެއްވެސް ބާއްވަވާނެއެވެ.
ނަކާއޯގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.