މަސްވެރިކަމުގެ ބިލުގެ ކަންބޮޑުވުންތަކާއި ރައްދު!

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާ ބެހޭ ބިލަށް ކިޔާ އެތައް ފާޑުކިޔުމެއްގެ ތެރެއިން އޮތް ބޮޑު ކަންބޮޑުވުމަކީ އެ ބިލްގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށާއި ސަލާމަތީ ބާރުތަކަށް ހިފެހެއްޓުމެއް ނެތް ބާރުތަކެއް ދީފައިވުމެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް އެ ބިލުން ނުފެންނަ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކުގެ އަޑުވެސް ގަދަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، އެ ބިލަކީ އެމްޑީޕީ ވަންތަ އެމްޑީޕީގެ ސިފަތައް ހިމެނޭ ބިލެއް ނޫން ކަމަށެވެ. މެންބަރުން މައިގަނޑު ޝަކުވާއަކީ، އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއި އެޖެންޑާ 19 ގައި ހިމެނޭ ސިޔާސަތުތައް ބިލުގައި ނެތުމެވެ. މަސްވެރިންގެ ކަންބޮޑުވުމަކީ، މަސްވެރިން ބާނާ މަސްކޮޅަށް ހަމަ އަގު ހޯދޭނެ ގޮތެއް ބިލުން ނުފެނުމެވެ. އަދި ކޯޓް އަމުރެއް ވެސް ނެތި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ސަލާމަތީ ހިދުމަތްތަކަށް ލިބި ދިނުމަކީ މަސްވެރިންނަށް ކުރިމަތިވާ ބިރެކެވެ.

އިއްޔެ ނޫސްވެރިންނާ އެކު ފިޝަރީޒް މިނިސްޓްރީން ބޭއްވި "ނުވަގަޑި - މީޑިޔާއާއެކު" ބައްދަލުވުމުގައި މަސްވެރިކަމުގެ ބިލާ މެދު ދެކެވޭ އެކި ވާހަކަތަކުގެ ހަގީގަތް މިނިސްޓްރީއިން ވަނީ ތިލަކޮށް، ސާފުކޮށްދީފަ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު ޒިޔާދު ވިދާޅުވީ، 2014 ވަނަ އަހަރު އެކުލަވާލަން ފެށި މި ބިލަކީ މަސްވެރިކަމުގެ ހިންގުމުގެ ނިޒާމު ކަނޑައަޅަން އެކުލަވާލި ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އަދި މިފަދަ އޮނިގަނޑުތައް، މަސްވެރިކަން ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް އޮންނަ ކަމަށެވެ.

"މަސްވެރިކަން މެނޭޖްކުރަން ގަވަނަސް ނިޒާމެއް ކަނޑައަޅަން ފަރުމާކޮށްފައި އޮތް ފްރޭމްވޯކް ބިލެއް މީ. މާނައަކީ މީގެ ހުންނާނީ [މަސްވެރިކަމުގެ ދާއިރާގެ] އިންތަކާއި މިންތަކެއް ކަނޑައަޅާފައި އުސޫލުތަކެއް. މިކަހަލަ ބްރޯޑް ޕްރިންސިޕަލްސް މީގަ ކަނޑައަޅާފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

މަސް ފެކްޓްރީތަކާއި އައިސްޕްލާންޓްތަކަށް ކޯޓު އަމުރެއް ނެތި ވަދެ ބަލައި ފާސްކުރުމާއި އެތަންތަނުގެ ވެރިންނާއި މުވައްޒަފުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދެވޭ ގޮތަށް މަސްވެރިކަމާއި ބެހޭ ބިލުގައި ވަނީ ހިމަނާފަ އެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން އެބަ އޮތެވެ.

ޒިޔާދު ވިދާޅުވީ ގާނޫނުގައި ކަނޑައެޅިގެން ކުށެއް ކަމަށް ކަނޑައަޅާފައި ނުވާ ކަންކަމަށް ފިޔަވަޅު އެޅުމަށް ދަތިތަކެއް ދިމާވާ ކަމަށާއި މިހާރު ބިލުގައި ކުށްތަކަށް ކަނޑައަޅައި އެ ކުށްތަށް ވަކިވަކިން އަދަބު ބަޔާންކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ، [މަސްވެރިން] ބޮޑެތި ޖޫރިމަނާތަކެއް ކުރުމެއް ނޫން. ނަމަވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅެން ނެތުމުން އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ... އެހެންވެ ކުށާއި އަދަބު ވަކި ބާބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ،" ޒިޔާދު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ބިލާ ގުޅޭގޮތުން މައުލޫމަތު ދިނުމަަށް އިއްޔެ ބެއްވި ބައްދަލުވުމުގައި ތެރެއިން -- ފޮޓޯ/ މިނިސްޓްރީ

މީގެ އިތުރުން ކޯޓު އަމުރަކާ ނުލައި ތަންތަނަށް ވަދެ ބަލައި ފާސްކުރުމަކީ ގިނަ ގައުމުތަކުގައިވެސް އޮންނަ ގޮތް ކަމަށް ޒިޔާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލްގައި އެގޮތަށް ކަނޑައަޅާފައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހިނގާ ކުށްތަކަށް ހެކި ހޯދުމަށް އުނދަގޫވާތީ އެވެ. އަދި ފުރަތަމަ ބިލު ހެދި އިރު މިނިސްޓްރީގެ އޮފިޝަލުންނަށްވެސް ކޯޓު އަމުރާ ނުލައި ބަލައި ފާސްކުރުމުގެ ބާރު އޮތްކަމަށްވީ ނަމަވެސް ފަހުން އެބައި އުނިކުރީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

"ކޯޓު އަމުރެއްގެ ތެރެއިން ވަގުތުތަކެއް ދުއްވާލުމަކީ، ހެކި ނައްތާލުން ނުވަތަ ހެކި ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންވުމުން އަޅުގަނޑުމެން ގަބޫލު ކުރަނީ، އަދި ފަންނީ މާހިރުން ލަފާ ދީފައިވަނީ ވެސް އެ ބާރުތައް ކޯސްޓްގާޑަށް [އަދި] ޕޮލިހަށް އޮތުމޭ،" ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ބިލުގެ ސަބަބުން ދަނގަޑު ޖަހައިގެން ބޮވާ ނެގުން މަނާ ނުވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މިހާރުގެ ގާނޫނާއި މަސްވެރިކަމާ ބެހޭ ބިލާ ހުރި ތަފާތު!

މިނިސްޓްރީން ބޭއްވި ނުވަގަޑި އިވެންޓް: ބައްދަލުވުމުގައި މިނިސްޓަރު ޒަހާވެސް ބައިވެރިވެވަޑައިގެންނެވި --- ފޮޓޯ މިނިސްޓްރީ

މިހާރު އަމަލު ކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގާނޫނު ތަސްދީގު ކުރެވިފައިވަނީ މީގެ 32 އަހަރު ކުރިން އޮގަސްޓް 24، 1987 ގައެވެ.

ޒިޔާދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ މަސްވެރިކަމާ ބެހޭ ގާނޫނު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބިދޭސީ އުޅަނދުފަހަރަށް މަސްވެރިކަން ކުރުމުގެ އިންތައް ކަނޑައެޅުމުގެ ގޮތުން ކަމަށެވެ. ޖުމްލަ އަށް މާއްދާ ހިމެނޭ އެ ބިލުގައި، ހަ މާއްދާއަކީ ބިދޭސީ އުޅަނދުފަހަރުގެ ކަންކަމާ ގުޅޭ މާއްދާތަކެކެވެ.

ބާކީ ދެ މާއްދާއަކީ މަސްވެރިކަން މެނޭޖުކުރުމާ ގުޅޭ މާއްދާތަކެއް ކަމުގައިވާ އިރު، އެ މާއްދާތަކުގެ ދަށުން ދާއިރާ ހިންގުމަށް ބޭނުންވާ އެކަށީގެންވާ ބާރުތައް މިނިސްޓްރީއަށް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ. ދެ މާއްދާއަކީ މަސްވެރިކަން މެނޭޖުކުރުމާ ގުޅޭ މައްދާއެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ގާނޫނުން ކުށުގެ ގޮތުގައި ކަނޑަނާޅާ ކޮންމެ ކަމަކީ ހުއްދަ ކަމެއްކަމަށް ގާނޫނު އަސާސީގައިވާ އިރު، ޒިޔާދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކުށްތައް ހިމެނިފައި ނުވުމަކީ މިނިސްޓްރީއަށް ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް އާ ބިލުގައި ކުށްތައް ބަޔާންކޮށްފައި ވުމުން ގޮންޖެހުންތައް ނެތިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހަށް ހުށަހަަޅާފައިވާ ބިލުގައި 80 މާއްދާއެއް ހިމެނޭ އިރު، އޭގެ ތެރޭގައި މަސްވެރިކަން މެނޭޖުކުރުމުގެ ޒިންމާ އޮތް ފަރާތްތަކާއި އެފަރާތްތަކުގެ ޒިންމާތަކާއި، އެންފޯސްމަންޓް އިދާރާތަކާއި އެ ފަރާތްތަކަށް ލިބޭ ބާރުތައް ލިޔެވިފައި ވެއެވެ. އަދި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމާއި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ގާނޫނީ ބާރުތައް މިނިސްޓްރީއަށް ލިބިގެން ދާނެކަމަށް ޒިޔާދު ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތުތައް ބިލުގައި ހުންނާނެ"

މިނިސްޓްރީން ބޭއްވި ނުވަގަޑި އިވެންޓް: ބިލާ ގުޅޭ ގޮތުން ނޫސްވެރިންނަށް ގިނަ މައުލޫމަތުތަކެއް ދިން --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބިލު އައުމުގެ ކުރިން މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

މަސްވެރިކަމާ ބެހޭ ފަސް ގަރާރު:

  1. އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު
  2. ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރު
  3. ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާ ގުޅޭ ގަރާރު
  4. ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރު
  5. ރަށުކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާ ގުޅޭ ގަރާރު

ފަސް ގަރާރުގައި ހިމެނޭ ކަންކަން ބިލުގައި ނެތް ކަމަށް ބުނެ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ޒިޔާދު ވިދާޅުވީ، އެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ މާއްދާތައް ބިލު ފަހުން އިސްލާހުކުރި އިރު ހިމަނާފައި ވާނެ ކަމަށެވެ.

"ހަމަ އަގު ހޯދައިދެނީ ސިޔާސަތުތަކުން، ގާނޫނަކުން ނޫން"

މަސްވެރިންގެ ބިލުގައި ހަމަ އަގު ކަނޑައަޅާފައި ނުވާ ކަމަށް ބުނެ ބައެއް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހަމަ އަގު ގާނޫނުގައި ލިޔުމެއް ނޫން ކަމަށާއި ނަމަވެސް ސިޔާސަތުތަކުން އެކަން ތަންފީޒުކޮށް އެ ސިޔާސަތުތަކުން މަސްވެރިންނަށް ހަމަ އަގު ހޯދުން ކަމަށެވެ.

ހަމަ އަގު ހޯދުމަށް މިނިސްޓްރީން ކުރަނީ ކޮން މަސައްކަތްތަކެއްތޯ ސަުވާލުކުރުމުން ޒިޔާދު ވިދާޅުވީ، މަސް ގަނެ ބޭރު ކުރާ ކުންފުނިތަކަށް މިހާރު ދިފައި ހުރި ޒޯންތައް އުވާލައި ހުރިހާ ޒޯންއަކުންވެސް މަސް ގަތުމުގެ ހުއްދަ އިތުރު ކުންފުނިތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އެ އެއްބަސްވުންތަކާ ގުޅޭ ގޮތުން މިހާރު ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ޒިޔާދު ވިދާޅުވި އެވެ.

"ގިނަ ކަންކަމަށް ގަވައިދު ހަދަން ޖެހީ ފަސޭހައަކަށް"

މަސްވެރިކަމާ ބެހޭ ބިލު ބޮޑަށް ބައްޓަން ވެފައިވަނީ ގިނަ ކަންކަންް މިނިސްޓްރީން ހަދާ ގަވައިދެއްގެ ތެރެއިން ކުރާ ގޮތަށެވެ. މިނިސްޓްރީން ބުނީ އެގޮތަށް ހަދާފައި ވަނީ، ގާނޫނުގައި ހިމެނުމަށްވުރެ ގަވައިދުގައި ލިޔެގެން ކަން ކުރުމަށް ފަސޭހަވާނެތީ ކަމަށެވެ. ތަފްސީލީ ގޮތުގައި ކަންކަން ބަޔާންކުރެވޭނީ ގާނޫނަށް ވުރެ ބޮޑަށް ގަވައިދުން އެކަން ކުރުމުންކަމަށް މިނިސްޓްރީން ބުންޏެވެ.

"ހުރިހާ ޓެކްނިކަލް ތަފްސީލެއް މިކަހަލަ ބިލެއްގައި ހިމަނާފައިނަމަ، ފަހުން ދިމާވާ ދަތިތައް މާ ބޮޑުވާނެ ކަމެއް ބަދަލުކުރަން ބޭނުންވެއްޖެއްޔާ. ޓެކްނިކަލް ކަންތައްތަކަކީ ޒަމާނާ އެއްގޮތައް ބަދަލުކުރަންޖެހޭ ކަންތައްތައް ބައެއް ފަހަރު. އެކަހަލަ ކަމެއް ބަދަލުކުރަން ޖެހިއްޖެނަމަ، އަނެއްކާވެސް މަޖިލީހަށް ގޮސްގެން އެކަން ކުރެވޭނީ. އޭގެ ބަދަލުގައި، ގަވައިދުގައި ހިމަނައިފިނަމަ [ފަސޭހަ ވާނެ]،" ޒިޔާދު ވިދާޅުވި އެވެ.

ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)އާއި އެހެންވެސް ފަންނީ ފަރާތްތަކާއި މަސްވެރިންވެސް ހިމެނޭ ގޮތަށް ލަފާ ހޯދައި، އެކުލަވާލި މަސްވެރިކަމުގެ ބިލު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން މިހާރު އަންނަނީ ދިރާސާ ކަރުމުންނެވެ. އަދި އެ ބިލަށް މަސްވެރިންނާއި ފަންނީ އެހެން ފަރާތްތަކުގެ ލަފާ އަންނަނީ ހޯދަމުން އެވެ. އެއާ އެކު އެ ބިލް ފާސްވެގެން އަންނާނީ ބަދަލުތަކަކާ އެކު ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް