އަހްސަންގެ މަރުގެ މައްސަލައިގައި ހެކީގެ ބުރަދަނަށް ބަލާފައި ނުވޭ: ދައުލަތް

ޝަހުމް އަދި ޝިމާޒު ---- ފޮޓޯ: ޕޮލިސް

ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހެއްކާ ގަރީނާގެ ބުރަދަނަށް ނުބަލާ ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.

ވަޅިން ހަމަލާދީ އަހުސަން މަރާލާފައި ވަނީ މީގެ އަށް އަހަރު ކުރިން މާޗު، 16، 2011 ވަނަ ދުވަހުގެ ރޭ މެންދަމު 3:30 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

އެ މައްސަލައިގައި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު، 23، 2014 ގައެވެ.

ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުން ޑިސެމްބަރު، 29، 2015 ގައެވެ. މިއަދު ހައިކޯޓުން ވަނީ އެމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ.

އެއާއެކު ދައުލަތުން އިސްތިއުނާފީ ނުކުރާތަށް ޝަރީއަތަށް ހުށަހެޅިއެވެ. އިސްތިއުނާފީ ދެ ނުކުތާއެއް ދައުލަތުގެ ފަރާތުން ހުށަހެޅިއެވެ.

އިސްތިއުނާފީ ނުކުތާތައް އިއްވަމުން ދައުލަތުގެ ވަކީލާ، ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، ޝަހުމް އާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި ވަނީ ހެއްކާއި ގަރީނާގައި ހުރި ބުރަދަނަށް ނުބަލައި ކަމަށެވެ.

ޝަހުމާ ވިދާޅުވީ، ދައުލަތުގެ ފަރާތުން މައްސަލަ ސާބިތުކުރުމަށް ފަަސް ޝަފަވީ ހެއްކަކާއި ޑޮކްޓަރުގެ ރިޕޯޓު ހުށަހެޅި ކަމަށެވެ. އެއީ ހަދިސާ ހިނގިރޭ އެ ސަރަހައްދުގައި ތިބި ދެ މީހަކާއި އަހްސަން ބަޝިރުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، އޭނާ މަރުވާން ކައިރިވެފައި ވަނިކޮށް އޭނާއާ ވާހަކަ ދެއްކި ތިން ފުލުސް އޮފިސަރެއްގެ ހެކި ބަސް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ސައިކަލެއްގައި ޝަހުމްއާއި ޝިމާޒު އައިސް، ޝަހުމް އަހްސަންގެ ކަރަށް ޑައިވިން ވަޅިއަކުން ތިން ފަަހަރެއްގެ މަތިން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ހެކިބަސްދިން މީހަކު ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ޝަހުމް އަހްސަނަށް ހަމަލާ ދިނުމަށްފަހު، ޝިމާޒުއާ އެކު އެސަރަހައްދުން ސައިކަލްގައި ދިޔަ މަންޒަރު ފެނުނު ކަމަށް ވެސް އެ ހެކިވެރިޔާ ވަނީ ހެކިބަސްދީފައެވެ.

ދެވަނަ އަށް ހެކިބަސް ދިން މީހާއަށް ހަމަލާދިން މަންޒަރު ނުފެނެއެވެ. ނަމަވެސް ހަމަލާދިނުމުން އަހްސަން އެ ސަރަހައްދަށް ވެއްޓިފައި ވަނިކޮށް ފެނުނު ކަމަށާއި "ތިމަންނާ މަރުވަނީއޭ. ހަމަލާ ދިނީ ޝަހުމްއޭ. ހޮސްޕިޓަލަށް ގެންދާށޭ" އޭނާ ގާތުން އަހްސަން ބުނި ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ތިން ފުލުސް އޮފިސަރުން ހެކިބަސް ދީފައި ވަނީ، އަހްސަން ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް، މަރުގެ ތުންފަތްމަތީގައި އޮއްވާ "ޝަހުމް އާއި ޖަރުމަން" އެހެން ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ފުލުސް އޮފިސަރުން އޭރު ހެކިބަސް ދީފައި ވަނީ ޝަހުމްއާއި ޖަރުމަން ނިސްބަތްވަނީ އެންސީ ޕާކް ކިޔާ ގޭންގަކަށް ކަން އެނގޭ ކަމަށާއި އަދި ޖަރުމަނަކީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ޝިމާޒު ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލާގައި ހުކުމް ކުރިއިރު، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އަހްސަންގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން ހުރި ކަންތައްތަ ވަޒަންކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

މީގެ އިތުރުން މިހާދިސާ ހިނގުމަށްފަހު، ޝަހުމްއާއި ޝިމާޒް ފިލައިގެން މީހުން ދިރިނޫޅޭ ރަށެއްގައި އުޅެނިކޮށް ފުލުހުން އެ ދެމީހުން އެ ރަށުން ހައްޔަރުކޮށްފައިވުމަކީވެސް އެ ދެމީހުން އެކަން ކުރި ކަމުގެ ހެއްކެއް ކަަމަށް ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން އެދިފައިވަނީ، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ ސާބިތު ހެއްކާ ގަރިނާ ކަމަށް ކަނޑައަޅައި، ޝަހުމް އާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި މުހައްމަދު ނިޔާޒު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އިސްތިއުނާފީ ނުކުތާތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމަށް ދިފާއީ ވަކީލުންނަށް ފުރުސަތުދޭނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.

މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޝަހުމް މިހާރު ވެސް ގެންދަނީ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގައެވެ.

އަދި ޝިމާޒު މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ އޭނާ ވަނީ މިނިވަންވެފައެވެ

comment ކޮމެންޓް