ކަޝްމީރުގެ މިނިވަން ކަމަށް ޓަކައި މުޒާހަރާކޮށްފި

އާޒާދެ ކަޝްމީރު (އޮގަސްޓް 24) : ކަޝްމީރުގެ އިންޑިއާ އަތްދަށުގައިވާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރު މިނިވަން ކުރުމަށްޓަކައި ސަރަހައްދީ ރޮނގު (ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް ޖަންމޫ ކަޝްމީރަށް ދިޔުމުގެ ފުރްސަތު ތަނަވަސްކޮށް ދިނުމަށް ގޮވާލައި ޕާކިސްތާނުގެ އެތައް ހާސްބަޔަކު ކަޝްމީރުގެ ޕާކިސްތާން ފަޅި ކަމަށްވާ އާޒާދެ ކަޝްމީރުގައި ހުކުރު ދުވަހު ވަނީ މުޒާހަރާކޮށްފަ އެވެ.

މިއީ ޖަންމޫ ކަޝްމީރު އިންޑިއާގެ ދަށުގައި ބޭއްވުމުގެ ބޭނުމުގައި އެސަރަހައްދަށް ޚާއްސަ އިމްތިޔާޒްތަކެއް ދިނުމަށް 1947 ވަނަ އަހަރު އިންޑިއާގެ ގާނޫނު އަސާސީއަށް އިތުރުކުރި 370 ވަނަ މާއްދާ ދާދިފަހުން އިންޑިއާ އިން އުވާލުމަށް ފަހު ޖަންމޫ ކަޝްމީރު މިނިވަންކަމަށް ޓަކައި ފާޅުގައި ޖިހާދަށް ގޮވާލައި ކަޝްމީރުގެ ބަޔަކު އިންޑިއާއާ ދެކޮޅަށް މުޒާހަރާކުރި ފުރަތަމަ ފަހަރެވެ.

މުޅި ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ސައްޔިދު ޝާހީން އަލްޖަޒީރާ އަށް ދެއްވި ބަސްދިގަތުމެއްގައި ބުނެފައި ވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ޖަންމޫ ކަޝްމީރު ހެދި ހެދުމަކީ މިނިވަން ކަމުގެ ޖިހާދެއް ކުރަން ޖެހޭ ކަމެއްކަމަށާ ދެކަޝްމީރުގެ ދެފަޅީގެ ދެމެދުގައިވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޖަންމޫ ކަޝްމީރަށް ވަނުމުގެ ފުރްސަތު ދިނުމަށް ޕާކިސްތާން ސަރުކާރަށާއި ސިފައިންނަށް އާޒާދެ ކަޝްމީރުގެ ރައްޔިތުން ގޮވާލާކަމުގަ އެވެ.

އޭނާ ބުނީ އާޒާދެ ކަޝްމީރުގެ ޖިހާދީ ވޮލަންޓިއަރުން ތިބީ ޖަންމޫ ކަޝްމީރުގެ ޖިހާދީ ވޮލަންޓިއަރުންނާ ގުޅެން ތައްޔާރަށް ކަމަށާއި އެއްވެސް ހާލަތެއްގައި ކަޝްމީރު އިންޑިއާގެ ބައެއްގެ ގޮތުގައި ހެދުމުގެ ފުރްސަތު ކަޝްމީރުގެ ރައްޔިތުން އިންޑިއާއަށް ނުދޭނެ ކަމުގަ އެވެ. ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް ޓަކައި އެސަރަހައްދުގެ ރައްޔިތުން ހިންގާ މިނިވަންކަމުގެ ރެސިސްޓެންޓް ހަރަކާތްތައް އިންޑިއާއިން ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގަ އެވެ.

އިންޑިއަން ސްބަކޮންޓިނެންޓަށް އިސްތިއްމާރީ އުސޫލުން ވެރިވެގަނެގެންތިބި އިނގިރޭސީން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހުރިހާ ގޮތަކުންވެސް ބަލިކަށިވާން ފެށުމުން 1947 ވަނަ އަހަރު އިނގިރޭސީންވަނީ މަޖްބޫރީ ހާލަތެއްގައި އިންޑިޔާއަށް މިނިވަންކަންދީ އަދި އިންޑިއާގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮތް ސްޓޭޓްތަކުގައި ޕާކިސްތާނުގެ ނަމުގައި އިސްލާމީ މިނިވަން ދައުލަތެއް އުފައްދައި ދީފަ އެވެ.

ކަޝްމީރަކީ މުސްލިމް އަޣްލަބިއްޔަތެއް އޮންނަ ސްޓޭޓަކަށް ވީނަމަވެސް އިނގިރޭސީން އެތަން ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ވެސް އަދި އިންޑިއާ ގެ ބައެއްގެ ގޮތުގައިވެސް ހަދައެއް ނުދިނެވެ. ޢޭގެބަދަލުގައި އެކި ސަބަބުތަކާ ގުޅިގެން އެދުވަސްވަރު ކަޝްމީރާމެދު ވަކި ގޮތެއް ނިންމަން އިނގިރޭސީން ފަސްޖެހުނީ އެވެ.

އެއަށް ފަހު ދިމާވި ހާލަތަކާ ގުޅިގެން އިންޑިޔާ ސިފައިން ކަޝްމީރުގެ އެއްފަޅިއަށް އަރައި އެތަން ހިފުމުން ޕާކިސްތާން ސިފައިން ކަޝްމީރުގެ އަނެއް ފަޅިއަށް އެރި އެވެ. ޕާކިސްތާނަކީ މުސްލިމް ގައުމެއްކަމުން ޕާކިސްތާން ސިފައިން އެރިއެރުން ކަޝްމީރުގެ ރައްޔިތުންނަށް މައްސަލައަކަށް ނުވިނަމަވެސް އިންޑިއާ ސިފައިން އެރިއެރުންވަނީ މައްސަލައަކަށް ވެފަ އެވެ. މިއާއެކު އިންޑިއާއާއި ޕާކިސްތާނަށް މިނިވަން ލިބުމާއެކު ކަޝްމީރުގެ މިލްކުވެރިކަމާމެދު އެދެގައުމުގެ މެދުގައި އަރާރުން ފެށިގެން ދިޔަ އެވެ.

މި މައްސަލައިގައި އިންޑިއާއާއި ޕާކިސްތާން ވަނީ 1947 ގައާ އަދި 1965 ގައިވެސް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކޮށްފަ އެވެ. ޖައްމުއާއި ކަޝްމީރުގެ މިލްކުވެރި އަކީ އިންޑިއާކަމެއް ނުވަތަ ޕާކިސްތާންކަން އަދި ވެސް ކަނޑައެޅޭ ގޮތެއް ނުވެ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވަނީ ކަޝްމީރުގެ މުސްތަގްބަލާމެދު ކަޝްމީރުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ކަޝްމީރުގެ އިންޑިއާ ފަޅިއާއި ޕާކިސްތާން ފަޅީގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އިންޑިއާ ވަނީ މިކަން ގަބޫލުކުރުމަށް ދެކޮޅު ހަދައި އދ.ގެ އެ ގަރާރަށް އަމަލުކުރުމަށް ފަސްޖެހިފަ އެވެ. އެއީ ކަޝްމީރުގެ ދެފަޅިއަކީ ވެސް މުސްލިމުންގ ބޮޑު އަގްލަބިއްޔަތެއް އޮންނަ ދެފަޅި ކަމުން ވޯޓެއް ނަގައިފި ނަމަ ކަޝްމީރުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ނޫނީ ޕާކިސްތާނާ ގުޅުމަށް ކަޝްމީރުގެ ދެފަޅީގެ ރައްޔިތުންގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށް އިންޑިއަށް ކަށަވަރު ވާތީ އެވެ.

ކަޝްމީރުގެ އެއްބައި (އާޒާދެ ކަޝްމީރު) ޕާކިސްތާން ކޮންޓްރޯލްކުރާއިރު ޖަންމޫ ކަޝްމީރު އިންޑިޔާގެ ދަށުގައި ބޭއްވުމުގެ ބޭނުމުގައި، އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއިން އެސަރަހައްދަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނެވެ.

އިންޑިއާއިން އެ މާއްދާ އުވާލަން ނިންމުމާ އެކު ކަޝްމީރުގެ ރައްޔިތުން އެކަމާ ދެކޮޅަށް ނުކުންނާނެކަން އިންޑިއާއަށް އެނގެއެވެ. އެހެންކަމުން އިންޑިއާ ސަރުކާރުންވަނީ ޖަންމޫ ކަޝްމީރުން ގިނަ ޚިދްމަތްތަކެއް ކަނޑާލައި އެސަހަރައްދު އެކަހަރިކޮށް ބަންދުކޮށްފަ އެވެ. އަދި އިންޑިއާއިންވަނީ ކަޝްމީރުގެ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޑިމޮކްރަސީއާ ޚިލާފު އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ފަށައިފަ އެވެ.

(އަލްޖަޒީރާ+ ނޫސްއެޖެންސީތައް)

comment ކޮމެންޓް