މަސްވެރިންގެ ބިލަކީ އެމްއާރުއެމްގެ ވިސްނުމެއް، އެހެންވެ ތަކުލީފަކަށް ވެފައިމިވަނީ: ބޮންޑޭ

މަސްވެރިންގެ ބިލް ދިރާސާ ކުރާ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމަށްފަހު އެ ކޮމެޓީގެ މެންބަރުންނާއި ބައްދަލުވުމަށް ވަޑައިގަތް ފަރާތްތައް އެކުގައި ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަކީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް ކަމަށާއި އެހެންކަމުން އެ ބިލް ދިރާސާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހި ތަކުލީފަކަށް ވެފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ އެހެން ވިދާޅުވެފައިވަނީ މަސްވެރިންގެ ބިލަށް މަސްވެރިކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ދެ މަސްވެރިންގެ އިތުރުން މޯލްޑިވްސް ފިޝަރީޒް އެސޯސިއޭޝަން އަދި ނައިފަރު ކޯޕްރޭޓިވް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

އެ ފަރާތްތަކުގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މަސްވެރިކަމުގެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފަސް ގަރާރަކަށް ބަހުސް ކޮށްފައިވާ ކަމަށާއި އެ ބަހުސްތައް ކޮށްފައިވަނީ އެޖެންޑާ19 ގެ ވިސްނުމުގައި ކަމަށެވެ.

"ނަމަވެސް ބިލް ފަރުމާކޮށްގެން އައި އިރުގައި ވިސްނުން ހުރީ އެމްއާރުއެމްގެ ވިސްނުމުގައި. އެހެންވީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ ކޯލިޝަން ސަރުކާރެއް ކަން. ސަރުކާރުގެ ބައެއް މިނިސްޓްރީތަކަކީ އެއީ ގުޅިފައިވާ ޕާޓީތަކެއް ކަން. ދެން މިފަހަރު އަޅުގަނޑުމެނަށް ލިބުނީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް. އެހެންވެ އަޅުގަނޑުމެނަށް ބޮޑު ތަކުލީފަކަށް ވެގެން މިދަނީ މި ބިލް ދިރާސާ ކުރުމުގައި ވަގުތު ހޭދަވެގެން މިދަނީ،" ބޮންޑޭ ވިދާޅުވި އެވެ.

މަސްވެރިންގެ ބިލް ދިރާސާ ކުރާ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގައި މަސްވެރިއެއް ކަމަށްވާ މުހައްމަދު ހަސަން ވާހަކަ ދައްކަނީ --- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް އެކުލަވާލި އެޖެންޑާ19 އިގެ ހިމެނޭ ބައެއް ކަންތައްތައް އެ ބިލްގައި ހުރިކަން ފާހަގަކޮށް މަސްވެރިއެއް ކަމަށްވާ މުހައްމަދު ހަސަން ބުނީ، ބިލްގައިވާ ގިނަ ކަންކަމަކީ އެޖެންޑާ19ގައި ނެތް، މަސްވެރިންނަށް މާ ބޮޑު ނަފާއެއް ނުލިބޭ ކަންތައްތަކެއް ކަމަށެވެ.

"ނަފާ ލިބޭނީ ހަރުކަށި ގާނޫނެއް ހަދައިގެނެއް ނޫން. ނަފާވާނީ މަސްވެރިން ބާނާ މަހަށް އެ ހަމަ މަގު އެ ހަމަ އަގަކީ ކޮބައިކަން އެބަޖެހޭ ސާފުވާން. މެނިފެސްޓޯގައި އެވާ ހަމަ އަގަކީ ކޮބައިކަން ވެސް އަޅުގަނޑުމެނަށް އެބަ ސާފުވާން ޖެހޭ،"ގދ. ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ހަސަން ބުންޏެވެ.

މަސްވެރިންގެ ބިލަކީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް ކަމަށް ބޮންޑޭ ވިދާޅުވެފައިމިވަނީ އެ ބިލް ތައްޔާރު ކޮށްފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ހުށަހެޅުންތަކާ އެކު ކަމަށްވާތީ އެވެ. އަދި އެ ވުޒާރާގެ ވަޒީރަކީ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްއަށް ނިސްބަތްވާ ޒަހާ ވަހީދު އެވެ.

މަސްވެރިންގެ ބިލް ދިރާސާ ކުރާ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

ފިޝަރީޒް މިނިސްޓްރީން ބިލް ޑްރާފްޓްކޮށް ފަރުމާ ކުރި ނަމަވެސް ބަންޑާރަ ނައިބްގެ އޮފީހުން އަދި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ރައިސުލްޖުމްހޫރިއްޔާ އެ ބިލް މަޖިލީހަށް ފޮނުވާފައި އޮތީ ސަރުކާރުގެ އިތުރުން އެޖެންޑާ19ގެ ވިސްނުން އޮވެގެން ކަމަށް ގަބޫލު ކުރާ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު މިހާރު އަންނަނީ އިގްތިސާދީ ކޮމިޓީއިން ދިރާސާ ކަރުމުންނެވެ.

މަސްވެރިކަމުގެ ބިލުގައި ގިނަ ކަންތައްތަކެއް އިސްލާހު ކުރަން ޖެހޭ ކަމަށް ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުންވެސް އަދި އެހެން ޕާޓީތަކުގެ މެމްބަރުންވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

comment ކޮމެންޓް