މާލޭ އިންޑަސްޓްރިއަލް ޒޯންގައި ޕާކް ކޮށްފައި އޮތް ޓެކްސީ ކާރެއްގެ ބިއްލޫރި ގަނޑު ނައްޓާލައިގެން އެއިން ވައްކަން ކުރަން ވަދެ އިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ، އެ މީހާ ޓެކްސީގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ އިންދައި ފެނިފައި ވަނީ ރޭ ދަންވަރު 02:31 ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށެވެ.
އުމުރުން 34 އަހަރުގެ އެ މީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާގެ އަތުން އިސްކުރު އަނބުރާ ކަށިގަނޑަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ބުނާ ގޮތުން މަގުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެކެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.