އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން ވޮލީ މުބާރާތް ރާއްޖޭގައި

ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ އޮލިމްޕިކް ކޮމިޓީ

އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯނު މުބާރާތުގެ އަންހެން ވޮލީ ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ކާމިޔާބުވެއްޖެ ކަމަށް މިނިސްޓރ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޕަވަޔަމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިފަހަރުގެ ސެންޓްރަލް ޒޯނު ބާއްވަމުން އަންނަ ނޭޕާލުގައި މިއަދު ކުރިއަށް ދިޔަ ސެންޓްރަލް ޒޯނުގެ އަހަރީ ޖަލްސާގައި ރާއްޖެއިން ވަނީ އަންނަ އަހަރުގެ މި މުބާރާތުގެ އަންހެން އަދި ފިރިހެން ވެސް ބޭއްވުމަށް ބިޑް ކޮށްފަ އެވެ. އެގޮތުން ރާއްޖެ ތަމްސީލު ކުރުމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ބައިވެރިވާ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ އަހްމަދު އިބްރާހިމް ވަނީ ނޭޕާލަށް ދަތުރު ކުރައްވާ އަންނަ އަހަރުގެ މި މުބާރާތުގެ އަންހެނުންގެ ވޮލީއަށް ކުރި ބިޑު ކާމިޔާބު ކުރައްވާފަ އެވެ.

އެކަން އަންގާ އިއުލާން ކުރުމުގެ ގޮތުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ އަންހެން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ކާމިޔާބުވެއްޖެ ކަމަށެވެ.

" އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ އަންހެން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ކުރި ރާއްޖެއިން ކުރި ބިޑު ކާމިޔުބު ވެއްޖެ ކަން އުފަލާ އެކު އިއުލާން ކުރަން."

ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ބައިނަލް އަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ އެކި އެކި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ކަނޑުގައިވާ ޖަޒީރާ ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއްފަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް ވަނީ ބިޑު ކާމިޔާބު ކޮށްފަ އެވެ. އަދި ރާއްޖޭން ވަނީ އަންނަ އަހަރުގެ އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕާއި ބާސްކެޓް ބޯޅައިގެ ތްރީ އޮން ތްރީ ބައިނަލް އަގުވާމީ މުބާރާތެއް ބޭއްވުމަށް ވެސް ރާއްޖޭން ވަނީ ބިޑު ކާމިޔާބުކޮށް މުބާރާތައް ވާންޖެހޭ ތައްޔާރީތައް ފަށައިފަ އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް އޭވީސީ ޒޯން މުބާރާތެއް 2017 ވަނަ އަހަރު ވަނީ ބާއްވާފަ އެވެ. އެފަހަރުގެ މުބާރާތް ރާއްޖޭގައި ކާމިޔާބު ކަމާ އެކު ބޭއްވުނު ނަމަވެސް މުބާޜާތުގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީއެވެ. އެއަށްފަހު ޓީމަށް ގެނައި ބޮޑެތި ބަދަކުތާއި ތަމްރީން ތަކުގެ ސަބަބުން މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ މިހާރު ވަނީ ދަތުރު ކޮށްފަ އެވެ. ރާއްޖެ ސެމީއަށް ދަތުރު ކުރީ ކުރީ ފަހަރުގެ މުބާރާތުން ރާއްޖެ ކަޓުވާލި ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗުން މޮޅުވެގެންނެވެ. ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި އެ މެޗު ކުޅުނު އިރު އެގައުމުގެ ގިނަ ސަޕޯޓަރުންނާ އެކު ވެސް ރާއްޖޭން އެ ޓީމު ބަލި ކުރީ 0-3 ސެޓުންނެވެ.

comment ކޮމެންޓް