ކަޝްމީރުގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިންމު: ފޮރިން މިނިސްޓަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކަޝްމީރުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ --

ކަޝްމީރާ ބެހޭ ގޮތުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އެފަދައިން ވިދާޅުވީ މިއަދު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަކްދޫމް ޝާހު މުހައްމަދު ގުރައިޝީއާ އެކު މިއަދު ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.

އެ ފޯނު ކޯލުގައި މިނިސްޓަރު ގުރައިޝީ ވަނީ އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީގެ ދަށުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 370 އުވާލުމާ ބެހޭ ގޮތުން ޕާކިސްތާނުން ދެކޭ ގޮތް ވިދާޅުވެފަ އެވެ. އަދި ޖައްމޫ އެންޑް ކަޝްމީރުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

އަދި މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނާއި އިންޑިއާއަކީ ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަމަށް ވިދާޅުވެ، އެ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ދެބަސްވުން ސުލްހަވެރިކަމާ އެކު ހައްލު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި އިންޑިއާއިން މާއްދާ 370 އުވާލުމަކީ ރާއްޖެއިން ދެކޭ ގޮތުގައި އެގައުމުގެ ދާހިލީ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ރާއްޖެ އަބަދުވެސް އޮންނާނީ ޕާކިސްތާނުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށާއި ދެ ގައުމުގެ މަސްލަހަތު އޮންނަ ކަންތައްތަކުގައި ދެ ގައުމުންވެސް އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ފަހު، މައި ސަރުކާރުގެ ސީދާ ބާރު ހިނގާ ގޮތަށް އެސަރަހައްދު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ނިންމާފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އެއް ޓެރިޓަރީއަށެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގެ އެނިންމުން ކުށްވެރިކޮށްފަ އެވެ. އަދި އިންޑިއާއިން ކަޝްމީރުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގި ކަމަށް ބުނެ އެމައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް