ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ، ޑރ. އަޒްމިރަލްދާ ޒާހިރު އަދި މ.ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިވަޑައިގެންފައެވެ. އެއާއެކު، އެއްބައި މީހުން މަރުހަބާގެ ބަސްތައް އޮއްސަމުން ދާ އިރު އަނެއްބައި މީހުން ދަނީ ފާޑުކިޔުމުގެ ތީރުތައް ދޫކުރަމުންނެވެ.
އިއްޔެ ހަވީރުކޮޅު ރައީސް ކުރެއްވި އިއުލާނާއެކު ޝުޖޫންއާއި އަޒްމިރަލްޑާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަވަސްވެގަތެވެ. ދައުލަތުގެ އިސް މަގާމުގައިތަކުގައި ތިއްބެވި ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކާއި އާންމުން ހިމެނޭ ގޮތަށެވެ. ރައީސްގެ ނިންމެވުމަކީ އަންހެނުންގެ ކުރިއެރުމަށް މުހިންމު ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.
ޖެންޑާ މިނިިސްޓަރު ޝިދާތާ ޝަރީފު ސިފަ ކުރެއްވި ގޮތުގައި ރައީސްގެ ނޮމިނޭޝަންތަކާ އެކު އިއްޔެ ވަނީ ތާރީހީ ދުވަހަކަށްވެފައެވެ.
"މިއަދަކީ ތާރީހީ ދުވަހެއް. ހުޅުވިގެން މި ދަނީ ފަހި ފުރުސަތެއް. ދިވެހި އަންހެނުން ނުކުންނަވާ. ކެރިގެން ނުކުންނަވާ. ނިންމުންތައް ނިންމާ ފެންވަރުގެ މަގާމުތަކަށް ކުރިމަތިލައްވާ. އަޅުގަނޑުމެން ފަހަތުގައި އެބަ ތިބިން،" އިއްޔެ ޝިދާތާ ވިދާޅުވި އެވެ.
ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންހައްގުތަކަށް މަސައްކަތް ކުރާ ހޯޕް ފޯ ވިމެން ޖަމިއްޔާގެ ފައުންޑާ އަނީސާ އަހުމަދު ވަނީވެސް ރައީސްގެ ނިންމެވުމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ކުރީގެ ދެ އަންހެން ބަންޑާރަނައިބުންވެސް ވަނީ އެ ނިންމުމަށް މަރުހަބާ ދަންނަވައިފައެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ފޭސްބުކްގައި ހިޔާލު ފާޅުކުރައްވަމުން ވިދާޅުވީ މިއީ ކުރިއަށް އެޅޭ ފިޔަަޅެއް ކަމަށާއި، އަޒްމިރަލްޑާއާއި ޝުޖޫންއަކީ ގާބިލު ފަނޑިޔާރުން ކަމަށެވެ.
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕު ލީޑަރު އާދަމް ޝަރީފް އުމަރު ފޭސްބުކްގައި "އަންހެނުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާ ބެހޭގޮތުން ފެންނަ ގޮތެއް އަންގާލަދިނުން އެދެން" ޖެއްސެވި ސްޓޭޓަސްއަކަށްވެސް އާޒިމާ ކޮމެންޓްކުރައްވައި، ވިދާޅުވެފައިވަނީ އެއީ ރަނގަޅު ދިމާލަށް އެޅޭ ފިޔަވަޅެއް ކަމަށާއި، "ތިމަންނާމެންނަކީ އޮޕޮޒިޝަން ނަމަވެސް މިކަމަށް ދެކޮޅު ނުހެއްދެވުމަށް" އެދިވަޑައިގެންނެވިއެވެ.
ރައީސްގެ އިއުލާނާއެކު ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ސިފަކުރެއްވުމުން އިއްޔެއަކީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އަންހެނުންނަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެކެވެ.
ކުރީގެ ބަންޑާރަނައިބު އަދި މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ޝުޖޫން އާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނޮމިނޭޓު ކުރުމަކީ ގާނޫނީ ދާއިރާ އިސްލާހު ކުރަން ރަނގަޅު މަސްރާބަކަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އޭނާ ވަނީ ޝުޖޫން އާއި އިޒްމިރަލްދާއަށް މަރުހަބާ ދަންނަވައިފައެވެ.
ފޮރިން މިނިސްޓަރު އަބްދޫﷲ ޝާހިދުވެސް ވަނީ އެ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ.
"ދީނާ ހިލާފު ކަމެއް"
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫންއާއި އަޒްމިރަލްދާގެ ނަން ނޮމިނޭޓު ކުރުން ބައެއް ދީނީ އިލްމުވެރިންނަށް ކަމަކު ނުދިޔައެވެ. އޭގެ ތެރެއިން ބައެއް އިލްމުވެރިން ވަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.
ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ، ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމަކީ ގުރުއާނާއި ސުންނަތާއި ހިލާފު މުންކަރާތެއް ކަމަށެވެ.
"އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް ވަކިން ހާއްސަކޮށް، ޖިނާއީ މައްސަލަތައް ބަލަން އަންހެންކަނބަލުން ގާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ ގުރުއާނާއި ހަދީސާއި ހިލާފު ބޮޑު މުންކަރާތެއް. މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިން ފަތުވާ ދީފައިވޭ،" ޒައިދު ވިދާޅުވި އެވެ.
އަދި އޭނާގެ ވާހަކަތަކަށް ބާރުދިނުމުގެ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު އަލްމަރުހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަމަށް ވިދާޅުވެފައިވާކަން ޒައިދު ފާހަގަކުރައްވައެވެ.
ޝައިހު ހަސަން މޫސާ ފިކުރީ ވަނީ އަންހެނުން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އިސް ނުކުރެއްވުމަށް ރައީސް ސޯލިހަށް އިލްތިމާސްކުރައްވައިފައެވެ. އޭނާވެސް ވިދާޅުވަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ފަނޑީޔާރު ކަމަށް އަންހެނުން އިސް ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވަނީ ނެރެފައެވެ. އެ ފަތުވާގައިވެސް ބުނެފައި ވަނީ ފަނޑިޔާރު ކަމަށް އަންހެނުން އިސް ނުކުރެވޭނެ ކަމަށެވެ.
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފިނަމަ އެކަން ވެގެންދާނީ ތާރީހީ ދުވަހަކަށެވެ. މީގެ ކުރިން ދިވެހިރާއްޖޭގައި އަންހެނަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައި ނުވެއެވެ. އެކަމަކު، ތަރައްގީވެފައިވާ އިސްލާމީ އެހެން ގައުމުތަކުގައި އަންހެނުން ފަނޑިޔާރުކަން އަދާކޮށްފައި އެބަ ހުއްޓެވެ. މިވަގުތު މެލޭޝިއާގެ އުއްތަމަ ފަނޑިޔާރަކީވެސް އަންހެނެކެވެ.