ގައުމީ ޔުނިވާސިޓީގެ ކައުންސިލް ކުރިމަތިލާން ހުޅުވާލައިފި

ޔުނިވަސިޓީގެ ދަރިވަރުންތަކެއް ދަސްވެނިވުމުގެ ހަފްލާއެއްގައި

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްްއެންޔޫ)ގެ ކައުންސިލް އެކުލަވާލުމުގެ ގޮތުން އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ކުރި އިއުލާންއެއްގައި ބުނީ ކައުންސިލްގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަށް ދާއިރާތަކަކުން ކުރިމަތިލުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ތައުލީމު ދިނުމާއި، އުނގެނުމާއި، ސިއްހަތާއި ޝަރީއަތާއި ގާނޫނާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސައިންސްއާއި ތިމާވެއްޓާއި އާޓްސް އަދި ގައުމީ ސަލާމަތްތެރިކަން ހިމެެނެ އެވެ.

މެމްބަރުކަަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހު 29 ގެ މެންދުރު 2:00 ގެ ކުރިން ސީޓީއާ ވަނަވަރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.

ގައުމީ ޔުނިވާސިޓީއާ ބެހޭ ގާނޫނުގެ ބިލަށް އިސްލާހުގެނެސް މަޖިޅިހުން ވަނީ ފާސްކޮށްފައެވެ. އާ ގާނޫނު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އާ ގާނޫނުގައިވާ ގޮތުން ގެޒެޓްގައި ޝާއިއުކުރާތާ 30 ދުވަހުގެ ތެރޭގައި ކައުންސިލްއަށް މެމްބަރުން އައްޔަނުކުރަން ޖެހޭނެއެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރުން މަގާމަށް އައްޔަނުކުރަން ޖެހޭނީވެސް ކައުންސިލްއިން ކަމަށް އާ ގާނޫނުގައިވެއެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގައި ތިއްބެވި އައިޝަތު ޝާހީންއާއި މުއާވިޔަތު މުހައްމަދު އިއްޔެ ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ އާ ކައުންސިލް އުފެދެންދެން ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމު ދެމިއޮންނާނެކަމަށް އެ ކަައުންސިލްއިން ގަރާރެއްވެސް ފާސްކޮށްފައިވަނިކޮށެވެ.

comment ކޮމެންޓް