ހަންކެޑެ ޓޫރިޒަމަށް ހުޅުވާލާނީ އެސެސްމެންޓަށް ފަހު

އައްޑޫ ސިޓީ ހަންކެޑެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހަންކެޑެ ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދެން ހުޅުވާލާނީ އެއެންވަޔަރަމެންޓް އަދި އިކޮނޮމިކް އެސެސްމެންޓަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން މިއަހަރުގެ ޖެނުއަރީ 31 ގައި ބާތިލް ކުރުމާއެކު ޖެހިގެން އައި ދުވަހު އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށެވެ.

ކޯޓުން ވަނީ "ހަންކެޑެ" މިނިވަންކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެތައް އަރަރެއްވީއިރުވެސް ތަރައްގީ ނުކުރެވިފައި އޮތް ހަންކެޑެ ގައި ރިސޯޓެއް އެޅުމަކީ އައްޑޫ ރައްޔިތުންގެ އުއްމީދެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ހަންކެޑެ އެއްބަސްވުން މިނިސްޓްރީ އިން ބާތިލްކުރީ އޭޖީގެ ލަފާގެ މަތިންނެވެ. އެ ރަށް ތަރައްގީކުރުމާމެދު ދެން ގޮތެއް ނިންމާމީ އެސެސްމެންޓު ހެދުމަށް ފަހު ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ. ޓޫރިޒަމަށް ތަރައްގީކުރާ ރަށްތަކުގެ އެންވަޔަރަމެންޓަލް އަދި އިކޮނޮމިކް އެސެސްމެންޓުތައް ހަދައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އިން މިހާރު ވަނީ އިިއުލާނު ކޮށްފައެވެ.

އައްޑޫ ސިޓީގެ ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ހަވާލުކުރީ 2006 ވަނަ އަހަރު، ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ހިނގާފައި ނުވާތީ އެ ކުންފުނި ޖޫރިމަނާކޮށް، ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008 ވަނަ އަހަރު ހަންކެޑެ ހަވާލުކުރިއެވެ. އެ ކުންފުނިންވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެއެވެ.

އޭގެ ފަހުން 2011 ވަނަ އަހަރުގެ ޖޫން މަހު ހަންކެޑެއާ ގުޅޭ ހުރިހާ ހައްގުތައް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ.

ހަންކެޑެގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ 2006 ވަނަ އަހަރު ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. 18 މަސް ތެރޭ ނިންމަން ހަވާލުކުރި އެ މަސައްކަތް އެ ކުންފުނިން ނިންމާފައިނުވާތީ ކުންފުނި ޖޫރިމަނާކޮށް 2008 ވަނަ އަހަރު މަސައްކަތް ހަވާލު ކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްވެސް ކުރިއަކަށް ނުދިޔައެވެ.

ދެހާސް ތޭރަވަނަ އަހަރު ހަންކެޑެ ތަރައްގީކުރަން އަނެއްކާވެސް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތައްވެސް އާންމު ކުރިއެވެ. ސިންގަޕޫރު ކުންފުނިން ނިންމާފައި އޮތީ ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުމަށެވެ.

ހަންކެޑެއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމާ ގުޅިފައިވާ ރަށަކަށްވާއިރު އެތަން ތަރައްގީ ނުވެ ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ހަންކެޑެއަކީ އައްޑޫ ސިޓީގެ މަރަދޫއާއި ހިތަދޫއާ ދޭތެރޭގައި އޮންނަ ފަޅުރަށްތަކުގެ ތެރެއިން ރަށެކެވެ.

comment ކޮމެންޓް