ގްރީންލޭންޑް ނުވިއްކާނެ ކަމަށް ބުނުމުން ޓްރަމްޕްގެ ޑެންމާކް ދަތުރު ކެންސަލްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑެންމާކަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮގަސްޓް 21): ގްރީންލޭންޑް އެމެރިކާއަށް ނުވިއްކާނެ ކަމަށް ޑެންމާކުން ބުނުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކުރައްވައިފި އެވެ.

ޓްރަމްޕް ޑެންމާކަށް ވަޑައިގަންނަވަން މީގެ ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ދޭއްގައެވެ. ނަމަވެސް އަމިއްލަ ވެރިކަމެއް އޮންނަ ޑެންމާކްގެ ޓެރިޓަރީއެއް ކަމަށްވާ ގްރީންލޭންޑް ނުވިއްކާނެ ކަމަށް އެގައުމުން ބުނުމުން، އެދަތުރުފުޅު ފަސް ކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"ގްރީންލޭންޑް ވިއްކުމާ ބެހޭ މަޝްވަރާ ނުކުރައްވާނެ ކަމަށް ޑެންމާކްގެ ބޮޑުވަޒީރު ވިދާޅުވުމުން، މީގެ ދެ ހަފްތާ ފަހުން ބާއްވަން އޮތް އަޅުގަނޑުމެންގެ ބައްދަލުވުން އެހެން ދުވަހަކަށް ފަސް ކުރަން ނިންމައިފިން،" ޓްރަމްޕްގެ ޓުވީޓެއްގައިވެ އެވެ.

އަދި ވައިޓް ހައުސްގެ ތަރުޖަމާނަކު ވަނީ ޓްރަމްޕް ޑެންމާކަށް ކުރައްވަން އޮތް ދަތުރުފުޅު މިހާރު ކެންސަލްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގްރީންލޭންޑް ގަތުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާކަން ފުރަތަމަ ރިޕޯޓު ކުރީ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ. އެނޫހުގައިވާ ގޮތުން ޓްރަމްޕް ވަނީ ގްރީންލޭންޑު ގަތުމާ ބެހޭ ގޮތުން ރައީސްގެ މުޝީރުންނާވެސް ވާހަކަ ދައްކަވާފަ އެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ އެއީ ސައްހަ ރިޕޯޓެއްކަން ހާމަ ކުރައްވާފަ އެވެ. ނަމަވެސް ޑެންމާކްގެ ބޮޑުވަޒީރު ވަނީ ގްރީންލޭންޑް ވިއްކާލަން އެގައުމުން ނޫޅޭ ކަމަށާއި، އެއީ ޓްރަމްޕް ސީރިއަސްކޮށް ދައްކަވާ ވާހަކައެއް ނޫން ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ގްރީންލޭންޑަށް ޝައުގުވެރިކަން ފާޅު ކުރައްވަނީ އެގައުމުގެ ގުދުރަތީ ވަސީލަތްތަކާއި ސަރަހައްދީ ގޮތުން އެގައުމު އޮންނަ ތަނުގެ ސަބަބުން ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައިވެ އެވެ.

މީގެ ކުރިން 1946ގައިވެސް އެމެރިކާއިން ގްރީންލޭންޑް ގަންނަން މަސައްކަތް ކުރި އެވެ. އަދި އެކަމަށް 100 މިލިއަން ޑޮލަރުވެސް ހުށަހެޅި އެވެ. ނަމަވެސް އޭރުވެސް އެފަދަ އެއްބަސްވުމަކަށް ނާދެވުނެވެ.

އޭގެ ފަހުން 1951ގައި ޑެންމާކާއި އެމެރިކާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، ޑެންމާކުން ވަނީ ގްރީންލޭންޑުގައި އެމެރިކާގެ ރާޑަރު ސްޓޭޝަނެއް ހެދުމަށް ހުއްދަ ދީފަ އެވެ. މިހާރު އެސްޓޭޝަނުގައި ވަނީ ބެލިސްޓިސް މިސައިލް އާލީ ވާނިން ސިސްޓަމެއް ވެސް ގާއިމުކޮށްފަ އެވެ.

އެމެރިކާއިން މީގެ ކުރީން ވަނީ ރަޝިޔާއިން ވެސް ބިމެއް ގަނެފައެވެ. އެއީ މިހާރު އެމެރިކާގެ އެލަސްކާއެވެ. ރަޝިޔާގެ އަތުން އެމެރިކާއިން އެލަސްކާ ގަނެފައި ވަނީ 30 މާރިޗު 1867 ގައި 7.2 މިލިޔަން ޔޫއެސް ޑޮލަރަށެވެ. އެއީ އަކަ ކިލޯމީޓަރެއް 4.74 ޔޫއެސް ޑޮލަރުގެ ރޭޓުންނެވެ.

comment ކޮމެންޓް