އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޑރ. ޝަރީފް، އައިޔޫއެމަށް ޑރ. ޒަކަރިއްޔާ

ޑރ. މުހައްމަދު ޝަރީފް އަދި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫގެ) ވައިސް ޗާންސެލަރަކަށް ކުރީގެ ވައިސްޗާންސެލަރު ޑރ. މުހައްމަދު ޝަރީފު އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންޗެލަރަކަށް ކުރީގެ ކުއްލިއްޔަތުލް އިސްލާމިއްޔާގެ ވެރިޔަކަށް ހުންނެވި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އައްޔަންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ދެ ބޭފުޅުންނަށް ފަތް ކޮޅު އެރުއްވުން މިއަދު ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޝަރީފް މިއަދު އައްޔަންކޮށްފައިވާ އިރު، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒު ޝަރީފް މިއަދު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުުގައި މާފަންނު ހުޅަނގު ދާއިރާ އަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވެވައިގެންނެވި ޝަރީފު ވަނީ މީގެކުރިން ސަރުކާރުގެ ބައެއް އިސްމަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން އޭނާ ވަނީ ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވައިަފ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރަކަށް ޑރ. ޒަކަރިއްޔާ އައްޔަންކޮށްފައިވާ އިރު، ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ހަލީލާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ޑރ. ޒަކަރިއްޔާ އެންމެ ފަހުން ހުންނެވީ އެ ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީނަކަށެވެ. އޭނާ ވަނީ މައުހަދުގެ ރެކްޓާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ދާދި ފަހުން ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނައި ބަދަލަކާ އެކު އެ ދެ ޔުނިވާސިޓީގެ ޗާންސެލާއާއި ވައިސް ޗާންސެލާ އައްޔަން ކުރުމުގެ ބާރު ވަނީ ރައީސް އަށް ދީފަ އެވެ.

އެގޮތުން މިއަދު ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. ހަސަން ހަމީދު އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަކަށް ޑރ. މުހަންމަދު ޒާހިރު ހުސައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އައްޔަން ކޮށްފައެވެ.

comment ކޮމެންޓް