ސާޑީނިއާގެ ގޮނޑުދޮށުން ދޮންވެލި ނެގި ފަތުރުވެރިންނަށް ހަ އަހަރުގެ ޖަލު ހުކުމެއް ކޮށްފާނެ

ސާޑީނިއާގެ ގޮނޑުދޮށުން ދޮންވެލި ނަގާ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ: ގެޓީ

ސާޑީނިއާ (އޮގަސްޓު 20): އިޓަލީގެ ސާޑީނިއާއިން 40 ކިލޯގެ ދޮންވެލި ނެގި ފްރާންސުގެ ދެ ފަތުރުވެރިންގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް ކޮށްފާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ސާޑީނިއާގެ ދެކުނުގައި އޮންނަ ގޮނޑުދޮށުން ދެ ފަތުރުވެރިން ދޮންވެލި ނަގާ ރައްކާ ކުރީ 14 ޕްލާސްޓިކް ފުޅީގައެވެ. އަދި އެ ފުޅިތައް ފުލުހުންނަށް ފެނުނީ އެމީހުން ރަށުން ފުރަން ފެރީއަކަށް އަރަނިކޮށެވެ.

އިޓަލީން 2017 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ދޮންވެއްޔާއި ބޮލި ފަދަ ތަކެތީގެ ވިޔަފާރިކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި އެފަދަ މައްސަލަތަކުގައި 3،330 ޑޮލަރުން ޖޫރިމަނާ ކުރެވިދާނެ އެވެ. މީގެ އިތުރުން އެމީހުން ވައްކަން ކުރިކަން ސާބިތުވެއްޖެނަމަ ދެ ފަތުރުވެރިންގެ މައްޗަށް އެއް އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.

ފްރާންސުގެ ދެ ފަތުރުވެރިން ސާޑިނިއާގެ ގޮނޑުދޮށުން ނެގި ދޮންވެލި އެޅީ ޕްލާސްޓިކް ފުޅިއަށް -- ފޮޓޯ: ސާޑީނިއާ ފުލުހުން

ރިޕޯޓުތަކުގައިވާ ގޮތުން، ދޮންވެލި ނެގުމަކީ މަނާ ކަމެއްކަން އެ ފަތުރުވެރިންނަށް ނޭނގޭކަމަށް އެމީހުން ބުނެފައި ވެއެވެ.

ސާޑީނިއާގެ ފުލުހުން ބުނާ ގޮތުގައި މި ހޫނު މޫސުމުގައި އެ ރަށުގެ ގޮނޑުދޮށުން ދޮންވެއްޔާއި ބޮލި ވަގަށް ނަގާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ފާއިތުވި ހަފްތާތަކުގެ ތެރޭގައި ސާޑީނިއާގެ އެއް އެއާޕޯޓުގައި ފަތުރުވެރިންގެ ލަގެޖުން ހޯދި ވެލީގެ ބަރުދަން 10 ޓަނަށް އަރާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނާ ގޮތުގައި ގިނަ މީހުން ދޮންވެލި ވަގަށް ނަގަނީ އޮންލައިންކޮށް ވިއްކުމަށެވެ.

ސާޑީނިއާގެ ގިނަ އަދަދެއްގެ މީހުން ވަނީ ފަތުރުވެރިން ދޮންވެލި ނެގުމުގެ ސަބަބުންނާއި ރަށްގިރުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް