ދުނިޔޭގައި ތިންވަނައަށް އަސްކަރީ ބަޖެޓް އެންމެ ބޮޑީ ސައޫދީ ގައި

ސްޓޮކްހޮމް (އޮގަސްޓް 20) : ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑީ އެމެރިކާގައި ކަމަށާއި ތިންވަނައަށް އަސްކަރީ ބަޖެޓް އެންމެ ބޮޑީ ސައޫދީ އަރަބިޔާގައި ކަމަށް ދުނިޔޭގެ އަސްކަރީ ކަންކަމާބެހޭ ދިރާސާތައް ކުރާ މުއައްސަސާއެއް ކަމަށްވާ "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް" (ސިޕްރީ) އިން ބުނެފިއެވެ.

ސިޕްރީން ނެރުނު ތަފާސް ހިސާބުތައް ބުނާގޮތުން މިއަހަރުގެ އެމެރިކާ އަސްކަރީ ބަޖެޓަކީ 716 ބިލިޔަން އެމެރިކާ ޑޮލަރެވެ. އެމެރިކާއާ ޖެހިގެން ދެވަނައަށް އަސްކަރީ ބަޖެޓް އެންމެ ބޮޑީ ޗައިނާގައެވެ. އެއީ 224 ބިލިޔަން ޑޮލަރެވެ. ތިންވަނައަށް އަސްކަރީ ބަޖެޓް އެންމެ ބޮޑީ ސައޫދީ އަރަބިޔާ ގައެވެ. އެއީ 70 ބިލިޔަން ޑޮލަރެވެ.

ސިޕްރީ ގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑު ދިހަ ގައުމުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޗައިނާ، ސައޫދީ ގެ އިތުރުން އިންޑިއާ (55 ބިލިޔަން ޑޮލަރު)، ޖަރުމަނު (49 ބިލިޔަން ޑޮލަރު) އިނގިރޭސިވިލާތް (47.5 ބިލިޔަން ޑޮލަރު)، ޖަޕާން (47 ބިލިޔަން ޑޮލަރު) ރަޝިޔާ (44 ބިލިޔަން ޑޮލަރު) ފަރަންސޭސިވިލާތް (40.5 ބިލިޔަން ޑޮލަރު) އަދި ދެކުނު ކޮރެއާ (38.5 ބިލިޔަން ޑޮލަރު) އެވެ.

ސިޕްރީން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ދުނިޔޭގެ ގައުމުތަކުން ދިފާއަށް ޚަރަދު ކުރާނެ ކަމަށް ބެލެވެނީ 1.82 ޓްރިލިޔަން ޑޮލަރެވެ. މިއީ ދުނިޔޭގެ ކޮންމެ ރައްޔިތެއްގެ ބޮލަށް 239 ޑޮލަރު ޖެހޭ މިންވަރެކެވެ. އަދި މިއީ މުޅި ދުނިޔޭގެ ޖީޑީޕީ (އާމްދަނީ) ގެ ގާތްގަނޑަކަށް 2.1 އިންސައްތައެވެ.

(ގްލޯބަލް ފަޔާ ޕަވާ)

comment ކޮމެންޓް