މަސްވެރިކަމުގެ ބިލަކީ ސަރުކާރުން ރައީސް ނަޝީދަށް ކުރި މަލާމާތެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާާތެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ އޭނާއަށް މަސްވެރިކަމުގެ ބިލު ފެންނަނީ ރައްޔިތުންގެ މަޖިލީހަށާއި މަސްވެރިންނަށް އަދި ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށެވެ.

"މަނިކުފާނުގެ [ރައީސް ނަޝީދުގެ] އިސްނެންގެވުމާ އެކީގައި މި އިއްޒަތްތެރި މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރަކަށް ވަގުތު ހޭދަކޮށްފީމު. ކޮމިޓީ މަރުހަލާއާ އެކީގައި ތިރީހަކަށް ގަޑިއިރު ހޭދަކޮށްފީމު،" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ ވަޑައިގެން މަޖިލީހުގައި ތަގުރީރު ކުރެއްވި ދުވަހު މަސްވެރިކަމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އީޔޫއިން ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން ޝިޔާމް އެކަމަށް ތައުރީފު ކުރެއްވި އެވެ.

"މަނިކުފާނުގެ މަސައްކަތްޕުޅަށް އައްސަރިބަހާ ސާބަސް" ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް މަޖިލީހަށް އޮތް މަސްވެރިކަމުގެ ބިލަކީ މަލާމާތެކޭ ބުނެވެނީ އެ ބިލަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޒައަމަތުގައި ތައްޔާރުކޮށްފައި އޮތް ބިލަކަށް ވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޒަމާނަށް ނުފެތޭ އައްޓް ޑޭޓެޑް ފްރޭމް ވޯކެއް އަޅުގަނޑުމެންނާ ހިސާބަށް މިއައީ. މަނިފާނު (ރައީސް ނަޝީދު) ވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ މި ބިލު އެއްކޮށް ވިދާޅުވި ހެނެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބިލުގައި ހިމަނަން ޖެހޭ މުހިންމު މަގުސަދު އެބިލުގައި ނެތްކަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ފާހަގަ ކުރެއްވި ކަމަށެވެ.

މަސްވެރިންގެ ބިލުގައި ގިނަ ކަންތައްތަކެއް ހިމަނައި ބަދަލުގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ މެމްބަރުންވެސް މިއަދު ވަނީ ފާހަގަކޮށްފަ އެވެ. މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

https://sun.mv/123197

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މަސްވެރިކަމުގެ ފަސް ގަރާރެއް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ގަރާރުތަކުގައި ހިމެނޭ ވާހަކަތައް ބިލުގައި ނެތް ކަމަށެވެ.

"ހަތްދިހަ ވަރަކަށް ސޮފުހާގެ ބޮޑު ގަނޫނެއް އޮތް އިރުގައި ލިޔަމުން އައިސް ފަހުކޮޅަށް އައިސް ވަރަށް ބޮޑަށް މަސްވެރިން ތަޅު އަޅުވާ ގޮތަށް ބިލު މިއޮތީ،" މެމްބަރު ސައީދު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަސްވެރިކަމުގެ ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބިލުގައި ތަފްސީލުކޮށް ހިމަނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އީވާ ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ބިލުގެ މަގްސަދުގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާ ނަފާ ހޯދައި ދިނުން ހިމަނަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

"މި ބިލު އަޅުގަނޑުމެން ބަދަލު ކުރަންޖެހޭ މުޅި މަގްސަދަކީވެސް އެއީ. މުޅި ދުނިޔޭގައި މަހަށް އެ ލިބޭ ބޮޑު އަގު ދިވެހި މަސްވެރިޔާއާ ހަމައަށްވެސް އައުން. އަދި މަސްވެރިން އޮޑިވެރިން އެކުރާ މަސައްކަތުގެ ފުރިހަމަ ނަފާ ތާ އަބަދަށް ލިބޭނޭ ގޮތްވެސް ވުން،" އީވާ ވިދާޅުވި އެވެ.

comment ކޮމެންޓް