އެމްޓީސީސީ އިން ފ. އަތޮޅަށް ފެރީ ފަށައިފި

އެމްޓީސީސީގެ ފެރީއެއް. އެމްޓީސީސީ އިން ވަނީ ފ އަތޮޅުގައި ފެރީ ދަތުރުތައް ފަށައިފައި -- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.

ފ. އަތޮޅަށް އާންމު ފެރީގެ ހިދުމަތް ދޭން ފެށީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެ އެވެ.

އެ އަތޮޅުގައި އެމްޓީސީސީގެ ފެރީ ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ ފީއަލިން ނިލަންދޫއަށް، ހަފްތާއަކު ފަސް ދަތުރެވެ. އެއީ ކޮންމެ އާދީއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު އެވެ.

ފެރީގެ ތާވަލް އަދި ދަތުރު ކުރުމަށް ހަމެޖެހިފައިވާ ރޫޓު އެމްޓީސީސީގެ ވެބްސައިޓުން މިހާރު ފެންނާނެ އެވެ.

ފެރީ ދަތުރުގެ އަގަކީ 20 ރުފިޔާއެވެ. ސަތޭކަ މީހުންގެ ޖާގައިގެ ފެރީގައި ބައިސްކަލާއި، ލުއި ލަގެޖް ގެންދެވޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

މީގެ ކުރިން ފ. އަތޮޅަށް ފެރީގެ ހިދުމަތް ދެމުން ދިޔައީ ވާމިލިއަން ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. ނަމަވެސް މިދިޔަ ރޯދަ މަހު ސަބަބު ހާމަ ކުރުމެއް ނެތި ވާމިލިއަން ކުންފުނިން ވަނީ ފެރީގެ ހިދުމަތް ހުއްޓާލައިފަ އެވެ.

ފ. އަތޮޅުގެ އިތުރުން މ. އަތޮޅަށާއި ދ. އަތޮޅަށް ވެސް ކުރިން ފެރީގެ ހިދުމަތް ދެމުން ގެންދިޔައީ ވާމިލިއަން ކުންފުނިންނެވެ.

ވަރަށް ފަހުން އެމްޓީސީ އިން ވަނީ އެ ދެ އަތޮޅަށް ވެސް ފެރީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެމްޓީސީސީ އިން ފެރީގެ ހިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ނުހިމެނެނީ އައްޑޫ އާއި ފުވައްމުލަކު އެކަންޏެވެ. އެ ކުންފުނިން 169 ރަށަކަށް ދަތުރުފަތުރުގެ ހިދުމަތް ދެއެވެ.

comment ކޮމެންޓް