އެއިމްސްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެހި ދަރިވަރަކަށް ގެއްލުމެއް ނުވޭ

އެއިމްސްގެ ޓީޗިން ބްލޮކުގައި އަލިފާން ރޯވެފައި. މި ހާދިސާގައި ދިވެހި އެއްވެސް ދަރިވަރަކަށް ގެއްލުެމއް ނުވޭ --- ފޮޓޯ: އޭޝިއަން ނިއުސް އިންޓަނޭޝަނަލް

މިއަދު އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އާލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި އެއްވެސް ދަރިވަރަކަށް ގެއްލުމެއް ނުވާކަމަށް، އިންޑިއާގައި ހުންނަ ދިވެހި އެމްބަސީ އިން ބުނެފިއެވެ.

ދިވެހި އެމްބަސީ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ވަރަށް ކައިރިން މޮނިޓާ ކުރަމުން އަންނަ ކަމަށާއި، އެ އިންސްޓިޓިއުޓްގައި އެމްބީބީއެސް ހަދަމުން އަންނަ ދިވެހި ދަރިވަރަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

މިއަދު ހަވީރު އިންޑިއާ ގަޑިން 5:00 އެހައިކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެއިމްސް ހޮސްޕިޓަލުގެ އެމަޖެންސީ ވޯޑު ކައިރީގައި ހުންނަ ޓީޗިން ބްލޮކެއްގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައެވެ. މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައި ވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލިފާން ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، އިމާރާތުގައި އަދިވެސް ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމުން އެ ބްލޮކް އެއްކޮށް ބަންދުކޮށް، އެމަޖެންސީ ވޯޑު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

comment ކޮމެންޓް