ސައިކަލު ޓެކްސީ އެނބުރި އައިސް ވައިގައި ހިފަނީ!

މާލޭ މަގުމަތީގައި ސައިކަލު ދުއްވަނީ: އަމިއްލަ ފަރާތްތަކަށް ޓެކްސީ ހިދުމަތް ދޭން ހުއްދަ ދިނުމުން އެކަން މިހާރު ދަނީ ވައިގައި ހިފަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދެ އަހަރެއްހާ ދުވަސްކުރިން، އޮރެންޖު ޖެކެޓު ލައިގެން ނިކުމެ ސައިކަލް ޓެކްސީގެ ހިދުމަތް ބަޔަކު ދޭން ފެށި އެވެ. އެއީ 2017 ވަނަ އަހަރުގެ ކުރީ ކޮޅެވެ. އޭރުގެ ސަރުކާރުން އާ ގަވައިދުތައް ހަދައިގެން، ހުއްދަތައް ދީގެން ފެށި އެ ހިދުމަތް އެންމެ ފުރަތަމަ ވަރަށް މަގުބޫލުވި ނަމަވެސް ފަހުން ހިނދިގެން ދިޔައީ އެވެ. އެކަމަކު، އެ ހިދުމަތް އަނެއްކާވެސް އެނބުރި އައިސްފި އެވެ. މިފަހަރު ތަފާތު ގޮތަކަށެވެ.

އެޕުތަކުގެ އިންގިލާބެއް!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ހުއްދަ ދިނީ ވަކި ކުންފުނިތަކަކަށް ބޮޑެތި ޝަރުތުތަކަކާ އެކު އެވެ. އެކަން އޭރު ކުރެވެނީ ހާއްސަ ހުއްދަތައް ނަގައިގެން ސައިކަލުގައި ޓެކްސީ ބޯޑް ވެސް ޖަހައިގެންނެވެ. އަމިއްލަ ފަރުދުންނަށް އަމިއްލަަ ސައިކަލުތަކުގައި އެކަމެއް އޭރަކު ނުކުރެވެ އެވެ. އޭރު އާންމު ކުރި ގަވާއިދެއްގެ ދަށުން ޕްރައިވެޓް ބޯޑް ޖަހައިގެން ސައިކަލް ޓެކްސީ ކުރުން ވަނީ އެކީ މަނާކޮށްފަ އެވެ.

މީގެ ކުރިން ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ޓެކްސީ ބޯޑު ޖަހައިގެން ބޭނުން ކުރި ސައިކަލެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ހިފެހެއްޓުންތައް އުވާލައި މި ސަރުކާރުގެ ސިޔާސަތުތަކުން ވަނީ ޓެކްސީގެ ހިދުމަތަށް އިންގިލާބެއް ގެނެސްފަ އެވެ. މި ފަހުން ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ޓެކްސީގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދަން މޯބައިލް އެޕްލިކޭޝަން ބޭނުންކުރަން ޓެކްސީތަކަށް ބާރު އަޅާފަ އެވެ. އެގޮތުން ތިން އެޕްލިކޭޝަނެއް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެންޑޯސްކޮށްފަ އެވެ. އެއީ އަވަސް ރައިޑް، މިއައީ އަދި ޕިކް މީ އެވެ.

މި މަހުގެ އެއްވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީއިން ނިންމާފައި ވަނީ އަމިއްލަ ފަރުދުންނަށްވެސް އެ އެޕުތައް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެއާއެކު، ޓެކްސީގެ ހިދުމަތް ދޭން ފަށައިފައި މިވަނީ ޕްރައިވެޓް ކާރުތަކުގައި އެކަންޏެއް ނޫނެވެ. ސައިކަލުތަކުގައިވެސް އެކަން ކުރަން ފަށައި އެކަން މިހާރު ވައިގައި ހިފަނީ އެވެ.

މާލެ ނުވަތަ ހުޅުމާލެ ތެރޭގެ ސައިކަލު ޓެކްސީ ދަތުރަކަށް ނަގަނީ އެންމެ 10 ރުފިޔާ އެވެ. ދަންވަރު 12:00 ގެ ފަސް ނަމަ ނަގަނީ 15 ރުފިޔާ އެވެ. މާލެ އާއި ހުޅުމާލޭގެ ދަތުރަކަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި މާލެ-ހުޅުލެއަށް ކޮޅަކަށް 35 ރުފިޔާ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން އެންޑޯސްކޮށްފައިވާ އެޕުތަކުގެ ތެރެއިން ޕިކްމީއިން އަދި ހިދުމަތް ދޭން ނުފަށަ އެވެ. ސައިކަލު ޓެކްސީ ނެގެނީ ހަމައެކަނި އަވަސް ރައިޑުންނެވެ. މިއައީއިން އަދި ސައިކަލު ޓެކްސީގެ ހިދުމަތް ނުފަށަ އެވެ.

އެޕު މަސައްކަތް ކުރަނީ ކިހިނެއް؟

އަވަސް ރައިޑުން ހިދުމަތް ދެނީ ދެ މޯބައިލް އެޕްލިކޭޝަނަކުންނެވެ. އެއީ ޑްރައިވަރަށް ހާއްސަ އެޕަކާއި ކަސްޓަމަރަށް ހާއްސަ އެޕަކުންނެވެ.

ކަސްޓަމަރުގެ އެޕު މެދުވެރިކޮށް، ޓެކްސީ ސެންޓަރަކަށް ނުގުޅައި އެ މީހަކު ހުރި ތަނަކަށް ޓެކްސީއެއް ގެނެވެ އެވެ. އަދި ޑްރައިވަރުގެ ފޯނުގެ ޖީޕީއެސް އޮންކޮށްފައި ހުރި ނަމަ ޑްރައިވަރު ހުރި ހިސާބެއްވެސް ކަސްޓަމަރަށް ފެނެ އެވެ. ކަސްޓަމަރަށް ޑްރައިވަރުގެ ވަނަވަރާއި ކާރުގެ މައުލޫމާތުވެސް ފެނެ އެވެ. ހިދުމަތުގެ ފެންވަރު ރޭޓުވެސް ކުރެވެ އެވެ.

މާލޭ މަގުމަތީގައި ސައިކަލު ދުއްވަނީ: އަމިއްލަ ފަރާތްތަކަށް ޓެކްސީ ހިދުމަތް ދޭން ހުއްދަ ދިނުމުން އެކަން މިހާރު ދަނީ ވައިގައި ހިފަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕު މެދުވެރިކޮށް ކަސްޓަމަރު ޓެކްސީއަކަށް އެދުމުން ކަސްޓަމަރާ އެންމެ ގާތުގައި ހުރި ޑްރައިވަރެއްގެ ފޯނަށް އެލާޓެއް ދެއެވެ. އެ ދަތުރު ނަގަން ނުވަތަ ދޫކޮށްލަން ޑްރައިވަރަށް ލިބެނީ 30 ސިކުންތެވެ. ޑްރައިވަރު އެ ދަތުރު ނުނަގަން ނިންމައިފި ނަމަ ނުވަތަ 30 ސިކުންތު ތެރޭގައި އެއްވެސް ގޮތެއް ނުނިންމައިފި ނަމަ ދެން އެލާޓު ދާނީ ކަސްޓަމަރާ ދެވަނައަށް އެންމެ ގާތުގައި ހުރި ޑްރައިވަރަކަށެވެ. އެގޮތަށް ގޮސް ޑްރައިވަރަކު ލިބެންދެން އެލާޓު ދާނެ އެވެ. ޑްރައިވަރަކު ނުލިބިއްޖެ ނަމަ އެޕުން ކަސްޓަމަރަށް އެކަން އަންގާނެ އެވެ.

ކަސްޓަމަރުންގެ އެލާޓުތައް ލިބުމުގެ އިތުރުން ޑްރައިވަރުގެ ފޯނުގެ އެޕުން އޭނާއަށް ލިބޭ ދަތުރުތަކާއި ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަ އެވެ. އަދި ޑްރައިވަރަށް ކަސްޓަމަރު ހުރި ތަން އެޕުން ދައްކާލަ އެވެ. ޑްރައިވަރަށް ކަސްޓަމަރު ރޭޓުވެސް ކުރެވޭނެ އެވެ.

މިކަން މާ ސަޅިވެއްޖެ

އަވަސް ރައިޑުން ބުނާ ގޮތުގައި އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދިނުމާ އެކު އެ އެޕު ބޭނުންކޮށްގެން މިހާރު 30އަށް ވުރެ ގިނަ މީހުުން ސައިކަލު ޓެކްސީގެ ހިދުމަތް ދެއެވެ.

އެޕު ބޭނުންކޮށްގެން ސައިކަލު ޓެކްސީ ކުރާ އަހުމަދު މުސްލިމް އަކީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މާކެޓިން އެޖެންޓެކެވެ. އޭނާ ސައިކަލު ޓެކްސީގެ ހިދުމަތް ދެނީ ހުސް ވަގުތު ފައިސާ ހޯދުމަށެވެ.

20 މެއި، 2018: އަންހެނަކު މާލޭ މަގުމަތީގައި ސައިކަލް ދުވަނީ: ފަހަކަށް އައިސް ސައިކަލް ދުއްވާ އަންހެން ކަންބަލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަހަރެން ޑިއުޓީއަށް ފަހު މިކަން ކޮށްގެން ދުވާލެއްގެ މައްޗަށް 200 ހޯދާލެވޭ. ފުލްޓައިމްކޮށް އުޅެންޏާ މިއަށް ވުރެ ގިނައިން ލިބޭނެ. ދަތުރުތައް ލިބޭ،" މުސްލިމް ކިޔައިދިނެވެ.

އޭނާ ބުނީ ސައިކަލު ޓެކްސީ އަކީ މާލެއަށް އެންމެ އެކަށީގެންވާ ޓެކްސީ ހިދުމަތް ކަމަށެވެ. ކާރޫބާރޫ ބޮޑު މާލޭގައި ކާރަށް ވުރެ އަވަހަށް ސައިކަލުގައި ދަތުރު ކުރެވޭނެ ކަމަށް އޭނާ ދެކެ އެވެ.

"މިއީ އަސްލު މާލެއާ އެންމެ ގުޅޭ ކޮންސެޕްޓަކީ. އަދި އަނެއްކާ ސައިކަލުގައި މާ އަވަސް ވާނެ ދަތުރު ކުރެވޭލެއް. ކާރެއް ވިއްޔާ ޓްރެފިކްގައި ހޭދަ ކުރަން ޖެހޭ ވަގުތު ގިނަ ވާނެ. ސައިކަލަކަށް ދެމިގަނެގެން ދެވޭނެ. އެހެންވީމަ ލަގޭޖާ ނުލައި އެކަކު ކުރާ ދަތުރަކަށް އެންމެ ރަނގަޅު ވާނީ ހަމަ ސައިކަލު ޓެކްސީ. މަޑުމަޑުން މީހުންނަށް އެބެ އެނގޭ އެކަން،" މުސްލިމް ބުންޏެވެ.

ދިވެހި ގިނަ ޒުވާނުންގެ އަތުގައި މިހާރު ސައިކަލު ހުންނަ އިރު މުސްލިމް ދެކެނީ މިއީ ޒުވާނުން އަމިއްލަ މަސައްކަތުން ފައިސާ ހޯދަން ރަނގަޅު ކަމެއްގެ ގޮތުގަ އެވެ.

"ސަން"އާ ވާހަކަ ދެއްކި އެހެން ސައިކަލު ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި އޭނާ އެކަން ކުރަނީ ވަޒީފާއަށް ގޮސްގެން ލިބޭ ފައިސާއިން ނުފުދޭތީ އެވެ. އޭނާވެސް ޕާޓްޓަމްކޮށް ދުއްވައިގެން ދުވާލެއްގެ މައްޗަށް 100 އާއި 300 ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަ އެވެ.

"މާލޭގައި ކިހިނެއް އުޅޭނީ ހުސް އެކަނި ވަޒީފާ ގަނޑަކަށް ގޮސްގެން. ކޮންމެވެސް އެހެން ކަމެއް ކުރަން ޖެހޭ. މިއީ އެގޮތުން ވަރަށް ރަނގަޅު ކަމެއް ހުސް ވަގުތުކޮށްލަން. ވަޒީފާއެއް ނެތިފައި ތިބޭ މީހުންނަށްވެސް ކުރެވޭނެ މަސައްކަތެއް މިއީ. ވަރަށް ރަނގަޅު ކަމެއް،" އޭނާ ބުންޏެވެ.

ސައިކަލް ޓެކްސީ އަކީ ޓެކްސީ ނުލިބުމުގެ ޝަކުވާއަށް އަނެއްކާ ވެސް ގެނެސްދޭނެ އާ ހައްލެކެވެ. އަދި މިއީ އާމްދަނީއެއް ހޯދަން ފެންބޮވައިގެންފައި ތިބި އެތައް ބަޔަކަށް ލިބޭނެ އާ ފުރުސަތެކެވެ. ތޮއްޖެހިފައިވާ މާލެއަށް ސައިކަލް ޓެކްސީ އަކީ އާންމު ޓެކްސީގެ ހިދުމަތަށް ވުރެ މާ އަވަސް ހިދުމަތަކަށް ވާނެ އެވެ. މި ހިދުމަތުގެ އަޖުމަ ބަލައިލަން ކިހިނެއް ވާނެ ހެއްޔެވެ؟

comment ކޮމެންޓް